ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު ރާއްޖެއިން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޓްރޮފީ އުފުލާލިއިރު، އެންމެ ގިނަބައެއްގެ ލޯ އެ ކުޅުންތެރިއަކަށް އަމާޒުވި އެއް ކުޅުންތެރިއަކަށް، ޤައުމީ ފުޓްސަލް ޓީމުގެ ކީޕަރު ޒައިދާން އަޙްމަދު ވާނެއެވެ.
ސަބަބެއް ނެތިއެއް ނޫނެވެ. ހަތް ޓީމު ބައިވެރިވި މި މުބާރާތުގައި، 129 ލަނޑު ފެނިގެންދިޔައެވެ. އެހެންނަމަވެސް ރާއްޖެ ކޮޅަށް މުބާރާތުގައި ވަދެފައި ވަނީ އެންމެ ހަ ލަނޑެވެ. މީގެއިން ބުނެދޭ ބޮޑު ވާހަކައެއް އެބައޮތެވެ. ރާއްޖޭގެ ދިފާޢީ ސަފުގެ އެންމެ ފަހު މަގާމުގައި ސާބިތުކަމާއެކު ދެމިހުރި ޒައިދާން އަޙްމަދުގެ ހުނަރުވެރިކަމާއި ކުޅަދާނަކަމުގެ ވާހަކައެވެ.
އޭގެ ތެރެއިން 28 ލަނޑު ރާއްޖެއިން ޖެހިއިރު އެއީ މުބާރާތުގައި ޖެހި ލަނޑުގެ 21.7 އިންސައްތައެވެ. ރާއްޖެއަކީ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ޤައުމެވެ. މި ލަނޑުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ލަނޑު އެބައޮތެވެ. ޕާކިސްތާނާ ރާއްޖެ ބައްދަލުކުރި މެޗުގައި ކީޕަރު ޒައިދާން ކާމިޔާބުކުރި ލަނޑެވެ.
1-7 އިން ރާއްޖެ މޮޅުވި އެ މެޗުގައި ރާއްޖޭގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒައިދާންއެވެ. މިއީ ޕަވާ ޕްލޭއެއްގައި ޕާކިސްތާން ކުޅުންތެރިން ކުރިއަށް އަރައި އުފެއްދި ހަމަލާއެއް ދިފާއުކުރުމަށްފަހު، ދަނޑިވަޅުގެ ބޭނުން ހިފައި، އަމިއްލަ އޭރިއާ ތެރޭ ހުރެ ސައްޕު ޖަހައި ފޮނުވާލި ބޯޅައެއް ޕާކިސްތާނުގެ ގޯލުގެ ތެރެއަށް ވައްދާލައިގެން ޒައިދާން ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑާއެކު ޒައިދާންގެ ވިދުން ގަދަވެ، ތައުރީފުގެ ބަސްތައް އޮހެން ފެށިއެވެ.
"ދިވެހިރާއްޖެ: ސަރަހައްދީ ފުޓްސަލްގެ ޗެމްޕިއަން" ގެ ނަމުގައި ޕީއެސްއެމް އިން ޤައުމީ ޓީމާއެކު ކުރިއަށް ގެންދިޔަ ޙާއްސަ ޕްރޮގްރާމުގައި މި ލަނޑާ ގުޅޭގޮތުން ޒައިދާން ވަނީ ވާހަކަދައްކާފައެވެ.
"އެ މެޗު ކުރިން މެޗު ވާމް އަޕުގައި ވެސް ހެޑު ކޯޗު އެކަން ކުރުވި. ސައްޕު ޖަހަން. ދެން މެޗު ގަޑީގައި އެކަހަލަ ބޯޅައެއް ލިބުނީމަ ދެން ޖަހާލީ". މިއީ ކުއްލިއަކަށް ހަމަ ހުރެފައި ޖެހި ލަނޑެއް ނޫން ކަމާއި ލަނޑު ޖެހުމަށް ވެސް ކޯޗު ފާރޫކް ފަރިތަކުރުވިކަން ހާމަކޮށް ޒައިދާން ބުންޏެވެ.
ސަރަހައްދީ ބޮޑެތި ބާރުތަކުގެ ގޮތުގައި ބެލެވުނު ޤައުމުތައް ބޮޑު ފަރަގަކުން ބަލިކޮށް ރާއްޖެއިން ފުޓްސަލްގެ ފުރަތަމަ ކާމިޔާބީ ހޯދިއިރު، މި ރަން ކާމިޔާބީގެ ފަހަތުގައި ޒައިދާންގެ ހިއްސާއަކީ ފާހަގަކުރަންޖެހޭ ހިއްސާއެކެވެ.
ޒައިދާން ހިއްސާކުރި ވާހަކައިން، ޓީމު ބިނާކޮށް، ޓީމަށް ކާމިޔާބީ ހޯދައިދިނުމުގައި ކޯޗު ފާރޫކް އަދާކުރި ދައުރު ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ޓެކްނިކަލް ބޮޑެތި ކަންތައްތަކުން ފެށިގެން އެންމެ ކުދިކުދި ކަންކަމަށް ކުޅުންތެރިން ތައްޔާރުކުރުމުގައި ވެސް ކޯޗު ފާރޫކް ގެންގުޅު ހާއްސަ އަހައްމިއްޔަތުކަން، "ވާމް އަޕް" ގައި ކުރި ތަމްރީނެއްގެ ނަތީޖާ، މެޗު ތެރެއިން ފެނިގެން ދިއުމުން ވެސް ހާމަވެގެން ދެއެވެ.