ފެރީއެއް އިތުރުކޮށް ރ.އަތޮޅު އުގޫފާރާއި ދުވާފަރާ ދެމެދު އާރްޓީއެލްގެ ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ އާބާދީ ބޮޑު ދުވާފަރަށް، ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށް ގެންނަ ބަދަލެކެވެ.
އެމްޓީސީން ވިދާޅުވީ ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައިން ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން 2ގެ ރ.އަތޮޅުގައި އިތުރު ރޫޓެއް ފެށުމަށް ނިންމާފައިވާކަމަށެވެ.
މި އައު ރޫޓުގެ ސަބަބުން ރ. އުނގޫފާރާއި ރ. ދުވާފަރާއި ދެމެދު ކުރާ ދަތުރުތައް އިތުރުވާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި އައު ރޫޓުގެ ޚިދުމަތް މާދަމާއިން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެއެވެ. މި ރޫޓުގައި ދަތުރުކުރާނީ 25 ފަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ. އަދި މިފެރީގެ 2 ސީޓު (އެންސްޕާ)ގައި ރަޖިސްޓްރީ ވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ވަނީ ޚާއްސަކޮށްފައެވެ.
މި ރޫޓުގެ ދަތުރުތައް ހުކުރު ދުވަސް ފިޔަވާ ހަފްތާއަކު 6 ދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރ.ދުވާފަރަކީ އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށެވެ. އެ ރަށުގެ އާބާދީ 3000 އިން މައްޗަށް އަރައެވެ. އަދި އުގޫފާރަކީ އަތޮޅު ވެރިކަން ކުރާ ރަށަށް ވުމާއެކު، ޚިދުމަތްތައް ހޯދުމަށް ދަތުރުކުރުމަށް އާރްޓީއެލްގެ މި ރޫޓްގެ ސަބަބުން ބޮޑު ލުއިފަސޭހައެއް ލިބޭނެއެވެ.
އާރްޓީއެލްގެ ޚިދުމަތް ރ.އަތޮޅަށް ފެށީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ޚިދުމަތް ދެމުން އަންނަނީ 3 ރޫޓަކަށް، 2 ފެރީ ބޭނުންކޮށްގެންނެވެ.
ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު އެ އަތޮޅުގެ އާބާދީ ގާތްގަނޑަކަށް 24000 އަށް އަރައެވެ.