ކުޅިވަރު

ޓީމު ވަރުގަދަ ނުކުރާތީވެ ރޮނާލްޑޯ ހިމޭން ހަޅުތާލެއްގައި


ޓީމު ވަރުގަދަ ކުރަން މޮޅު ކުޅުންތެރިން ނުގެންނަ ކަމަށް ބުނެ ސައޫދީ އަރަބިއާގެ އައް ނަސްރުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމޭން ހަޅުތާލެއްގައި ހުރެފި އެވެ.

އުމުރުން 41 އަހަރުގެ ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ސައޫދީ ޕްރޯ ލީގުގައި އޭނާގެ ޓީމު އައް ރިޔާދް އަތުން 1-0އިން މޮޅުވި މެޗުގައި ނުކުޅެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ މޮޅު ކުޅުންތެރިން ޓީމަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ރޮނާލްޑޯ ކުރި ކަމެއް ކަމަށެވެ. ރޮނާލްޑޯ އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނު ކަމަކީ ސައޫދީގެ އަލް އިއްތިހާދަށް ކުޅެމުންދިޔަ ފްރާންސްގެ ކުރީގެ ފޯވަޑް ކަރީމް ބެންޒެމާ އަލް ހިލާލް އަށް ގެންދިއުމެވެ. މި ދެ ކުޅުންތެރިންނަކީ ސްޕޭނުގެ ރެއާލް މެޑްރިޑުގައި ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ކުޅުނު ދެ ކުޅުންތެރިންނެވެ.

އަލް ހިލާލަކީ އައް ނަސްރާ އެންމެ ވާދަވެރި ޓީމެވެ. ރޮނާލްޑޯ ނުލައި ކުޅުނު މެޗުގައި އައް ރިޔާދް ކޮޅަށް ސާދިއޯ މާނޭ ޖެހި ލަނޑުން މޮޅުވެ ނަސްރު އޮތީ ހިލާލަށްވުރެ އެއް ޕޮއިންޓް މަދުން ޓޭބަލުގެ ދެ ވަނާގަ އެވެ.

ރޮނާލްޑޯ 2023 ވަނަ އަހަރު އައް ނަސްރަށް ބަދަލުވި ފަހުން އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 95 މެޗު ކުޅެދީފަ އެވެ. އަދި 91 ގޯލު ޖަހައިދީފައިވެ އެވެ. ނަމަވެސް ސައޫދީ ފަބްލިކް އިންވެސްޓްމަންޑް ފަންޑުން ޓީމަށް މޮޅު ކުޅުންތެރިން ނުގެންނާތީވެ އޭނާ ވަނީ ހިތްހަމަ ނުޖެހިފަ އެވެ. ރޮނާލްޑޯގެ މި ހިތްހަމަ ނުޖެހުން ފާޅު ކުރަން ފެށީ އޭނާ ހުރެގެން މިހާތަނަށް އެ ކުލަބަށް ތައްޓެއް ނުލިބޭތީވެ ސަޕޯޓަރުންގެ މަލާމާތް ރައްދުވާން ފެށުމުންނެވެ. މި ގޮތުން ބައެއް މެޗުތަކުގައި ސަޕޯޓަރުން ދަނީ ރޮނާލްޑޯއާ ދިމާކޮށް، އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ތާއީދުކުރާކަން ދައްކަން ފަށައިފަ އެވެ.

އަލް ހިލާލްއިން ޓީމު ވަރުގަދަ ކުރިއިރު ނަސްރުގެ މެނޭޖަރު ޖޯޖް ޖެސޫސް ބުނީ އައް ނަސްރަށް ޔޫރަޕުގެ ކުޅުންތެރިން ގެނައުމަށް މިހާރު ފުރުސަތު ނެތް ކަމަށެވެ. ސަބަބަކީ ޓީގެ މާލީހާލަތު ހުރި ގޮތުން ހަރަދު ކުޑަކުރަން ޖެހޭތީ ކަމަށެވެ. އޭނާ ބުނީ އުއްމީދު ކުރަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ދެ ކުޅުންތެރިއަކު ގެނެވިދާނެ ކަމަށެވެ.

ރޮނާލްޑޯ ދާދި ފަހުން ވަނީ 2027 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް އާކޮށްފަ އެވެ. ނަމަވެސް މިހާރު ގަބޫލު ކުރެވެނީ އޭނާ ޓީމުގައި ހުންނާނީ ޓީމަށް ގެންނަ ކުޅުންތެރިންނަށް ބަލާފައި ކަމެވެ.