ޚަބަރު

ކޯޗު ފާރޫކްގެ ދީންވެރިކަމާއި އަޚުލާގުވީ ޓީމަށް ލިބުނު ބޮޑު ހިތްވަރަކަށް: އުމެއިރު


  • ޤައުމީ ފުޓްސަލް ޓީމުން ހޯދާފައިވާ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި އެއް ޝަޚްސަކީ ކޯޗު ފާރޫކް ކަން އެންމެން ވެސް ގަބޫލުކުރެ

  • ފާރޫކްގެ އިރުޝާދުގެ ދަށުން ކުޅުނު ރަސްމީ ހުރިހާ މެޗަކުން ރާއްޖެ މޮޅުވުން މިއީ، އޭނާއާ ޙަވާލުކުރި މަސްޢޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރިކަމުގެ ހެއްކެ

ޤައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި މެޗުތަކުގެ ތެރެއިންނާއި ފަރިތަކުރުންތަކުގައި އަދި އޭގެ ބޭރުންވެސް ދެއްކި އަޚްލާގަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެންދިޔައީ، ޓީމުގެ ހެޑް ކޯޗު ފާރޫކް ޒަކިރޯވްގެ ފަރާތުން ފެނިގެންދިޔަ ދީންވެރިކަމާއި އަޚްލާގުގެ ސަބަބުން ކަމަށް ޤައުމީ ޓީމުގެ މެނޭޖަރު މުޙައްމަދު އުމެއިރު ބުނެފިއެވެ.

ޤައުމީ ޓީމުގެ ފަރާތުން މިފަހަރުގެ މުބާރާތުގެ ތެރެއިން ފެނުނު އަޚްލާގާއި ބަދަހިކަމަށް ގިނަބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. ޓީމެއްގެ ގޮތުގައި ކާމިޔާބީ ހޯދުމަށް، އިލާހީ އެހީއާއި ސަޕޯޓަރުންގެ ދުއާއަށް އެދުނު މިންވަރު ގިނަބަޔަކަށް ފެނިގެން ދިޔައެވެ. ކާމިޔާބީއަށްފަހު ޖެހި ޝުކުރުގެ ސަޖިދައިގެ ވާހަކަ އެންމެން އަންނަނީ ދައްކަމުންނެވެ.

ޕީއެސްއެމް އިން ޤައުމީ ޓީމާއެކު ކުރިއަށް ގެންދިޔަ ޙާއްސަ ޕްރޮގްރާމުގެ ތެރެއިން، މި ކަންކަމަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ ކިހިނެއްކަން، ޤައުމީ ޓީމުގެ މެނޭޖަރު ވަނީ ހިއްސާކޮށްފައެވެ.

"ޑޭ ވަންގައި، ކޯޗު އައި ދުވަހު އަހަރުމެން ކޯޗު ކައިރިއަށް ދިޔައިން. އެ ދުވަހުން ފެށިގެން، އަހަރެންނަށް ގަބޫލުކުރެވުނީ، ކޯޗުގެ މަޑުމައިތިރިކަމާއި، ފުރަތަމަ ދުވަހުވެސް ކޯޗުގެ ވިސްނުން ހުރިގޮތް އެނގިގެން ހިނގައްޖެ. ދެން ވަރަށް އުފާވި، ކަން ދިމާކުރި ގޮތުން މުސްލިމެއް. ވަރަށް ދީނަށް ލޯބިކުރާ މީހެއް. އަހަރުމެންނާ ވަރަށް އެއް ހަމައެއްގައި ހުރިހާ ކަމެއް ހުރީ. ގިނަ ކަންތައްތައް މާ ރަނގަޅު، ހަގީގަތަށް ބުނަންޏާ. ކޯޗުގެ އެ ޑިސިޕްލިން އިންނާތީ އަދި މާ ފަސޭހަވެގެންދިޔަ މިކަން ކުރަން. ހަމަ ނަމާދުކުރުމާއި ޛިކުރު ކިޔުމާއި، މި ހުރިހާ ކަމެއް ކޯޗުގެ ވަރަށް ރަނގަޅު. ވަރަށް އުފާވި ކޯޗާއެކު އެގޮތަށް މަސައްކަތް ކޮށްލަން ލިބުނީމަ. ދެން، މި ކާމިޔާބީގައި އެންމެ މުހިންމު ހިއްސާދާރު އެއީ". ފާރޫކްގެ އަޚުލާގާއި ދީންވެރިކަމުގެ ސަބަބުން ޓީމަށް ކުރި ފައިދާގެ ވާހަކަ ހިއްސާކޮށް އުމެއިރު ބުންޏެވެ.

ޤައުމީ ފުޓްސަލް ޓީމުން ހޯދާފައިވާ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި އެއް ޝަޚްސަކީ ކޯޗު ފާރޫކް ކަމަށް އެންމެން ވެސް ގަބޫލުކުރެއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ފުޓްސަލް ޓީމަށް ގެނައި ބަދަލުތަކާއި ގެނައި ކުރިއެރުންތަކުގެ ފަހަތުގައިވާ މޭސްތިރިއަކީ ކޯޗު ފާރޫކްކަމަށް، ޚުދު ކުޅުންތެރިން ވެސް އަންނަނީ ބުނަމުންނެވެ. އޭނާގެ އަގު ވަޒަންކޮށް، މަންޒަރު ދުށް ނޫސްވެރިންނާއި ތަޖުރިބާކާރުން ވެސް އަންނަނީ ޝުކުރާއި ސަނާގެ ބަސްތައް ލިޔަމުން، ކިޔަމުންނެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ފުޓްސަލް ޓީމަށް ގެނައި ބިދޭސީ ކޯޗެއްގެ ގޮތުގައި ފާރޫކް ތަފާތު ދެއްކިއިރު އޭނާ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމާ ހަވާލުވީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ހަވާލުކުރި މަސައްކަތް ފުރިހަމައަށް އަދާކުރުމަށްފަހު ފާރޫކް އެނބުރި ޤައުމަށް ފުރީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.

ފާރޫކްގެ އިރުޝާދުގެ ދަށުން ކުޅުނު ރަސްމީ ހުރިހާ މެޗަކުން ރާއްޖެ މޮޅުވުން މިއީ، އޭނާއާ ޙަވާލުކުރި މަސްޢޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރިކަމުގެ ހެއްކެކެވެ.

ކޯޗު ފާރޫކް އެނބުރި އުޒްބެކިސްތާނަށް ފުރިކަން ހާމަކޮށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ، އޭނާއަށް އަމާން ދަތުރަކަށް އެދޭ ކަމަށާއި އަބަދުވެސް އޭނާއަށް ރާއްޖެއިން މަރުހަބާ ކިޔާނެކަމަށް ބުނެފައެވެ.

ރާއްޖޭގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ކޯޗު ފާރޫކް ހުރީ އުޒްބެކިސްތާނުގެ ޤައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗުގެ މަގާމުގައެވެ. މިދިޔަ އަހަރު ޗައިނާގައި އޮތް އޭޝިއަން ވިމެންސް ފުޓްސަލް ކަޕަށް އުޒްބެކިސްތާނު ކޮލިފައިކޮށްދީ އެ މުބާރާތުގައި އެ ޓީމަށް އިރުޝާދުދިނީވެސް ފާރޫކެވެ. އޭގެ އިތުރުން އެ ގައުމުގެ ފުޓްސަލް ލީގުގައި ވާދަކުރާ ޓީމެއް ކަމަށްވާ ނެފްޗީ ފުޓްސަލް ކުލަބުގެ ކޯޗަކީވެސް ފާރޫކެވެ.

ފާރޫކް ވަނީ އުޒްބެކިސްތާނުގެ ޤައުމީ ފުޓްސަލް ޓީމަށް 2001 އިން 2008 އަށް ކުޅެފައެވެ.