ޚަބަރު

އެމްޓީސީސީގެ ވޯކިން އިންޓަވިއުއެއް ކުޅުދުއްފުށީގައި


  • މަޝްރޫޢުތަކަށް ބޭނުންވާ 50 މުވައްޒަފުން ނަގާނެ

  • އިންޓަވިއުތައް އޮންނާނީ މި މަހުގެ 7ގައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ 50 މުވައްޒަފުން ހޯދުމަށް ހދ. ކުޅުދުއްފުށި ސިޓީގައި ވޯކިން އިންޓަވިއުތަކެއް ބޭއްވުމަށް ނިންމަވައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ، މި އިންޓަވިއުތައް އޮންނާނީ މިމަހުގެ 7 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އިންޓަވިއުތައް ކުރިއަށްދާނީ، އެ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކުޅުދުއްފުށި ސިޓީގައި ކަމަށެވެ.

މި ފަހަރު ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ޑްރެޖް ކުރޫ، ވެލްޑަރުން، ޑްރެޖް ސުޕަވައިޒަރުން، ޓަގް އޮޕަރޭޓަރުން އަދި ޓަގް ކުރޫ ހިމެނެއެވެ. މީގެ އިތުރުން، ދާއިރާއިން ތަމްރީނުވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ޑްރެޖް އޮޕަރޭޓަރ ޓްރެއިނީ އަދި ޑްރެޖް މެކޭނިކް ޓްރެއިނީގެ މަޤާމުތަކަށްވެސް މީހުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންޓަވިއުތަކުގެ މައިގަނޑު މަޤްސަދަކީ، ހދ. ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި ވަޒީފާ ބޭނުންވާ މީހުންގެ ޕޫލެއް އެކުލަވާލުން ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިއީ، އެ ސަރަޙައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، ކުންފުނީގެ މަޝްރޫޢުތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރު ކުރުމަށް ކުރާ މަސައްކަތެކެވެ.

އެމްޓީސީސީން ވަނީ، ނިމުނު ޖަނަވަރީ މަހުގެ 17 ވީ ހޮނިހިރު ދުވަހު ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުންނާއި، ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 407 ޑްރައިވަރުން ހޯދުމަށްވެސް ވޯކިން އިންޓަވިއުއެއް ބާއްވާފައެވެ.

އެމްޓީސީސީން ދަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މި މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އަދި ހުނަރުވެރި ދިވެހިން ހޯދުމަކީ އެ ކުންފުނިން އަބަދުވެސް އިސްކަންދޭ ކަމެކެވެ.