ކުރި ނިޒާމަކީ ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެއްކަމަށް މަތީ މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާއިން ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ހަޔަރ އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް "ކުރި" އިޕްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުރި ނިޒާމް އިފްތިތާހު ކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިޒާމް އިފްތިތާހުކޮށްދެއްވީ މަތީ މަތީތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދެވެ. މިނިޒާމާއެކު ޚިދުމަތް ހޯދުމަށް ދަރިވަރުންނަށް ފަސޭހަވެގެންދާނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވީ، ސަރުކާރުން ދެމުންދާ ސްކޮލަރޝިޕްތަކާއި މަތީ ތައުލީމް ހާސިލްކުރުމަށް ލޯނު ދޫކުރުމަށް މީގެކުރިން ދަރިވަރުންނަށް ވަރަށް ބޮޑު ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަމަށެވެ. ކަންކަން ނިންމުމުގައި ހުރި ލަސްތަކާއި ނިޒާމުގައި ހުރި ބަލިކަށިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރުއަރައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. ކަންކަން ވިލަރެސް ކުރުމުގައި ހުރި ދަތިކަމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަށާއި، ކުރި ނިޒާމަކީ މި ކަންކަމަށް ހައްލެއް ގެނެސްދޭނެ ނިޒާމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމާއެކު ދައުލަތުގެ ހުރިހާ މުވައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރެވެމުންދާ މޯލްޑިވްސް 2.0 ގެ ދަށުން ދަރިވަރުންނަށް ދެމުންދާ ޚިދުމަތްތަކުގެ ދުވެލި އަވަސްކޮށް، ކުށްތައް މަދުކޮށް އެ ވުޒާރާގެ ހިންގުން އެތައް ގުނައެއް ހަރުދަނާވެގެންދާނެ ނިޒާމެއްގެ ގޮތުގައި ވަޒީރު ހައިދަރު ފާހަގަކުރެއްވިއެވެ. ކުރި ނިޒާމަކީ މަތީ ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި، މިއީ ތައުލީމީ ދާއިރާގައި ކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއެކު ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި ޚިދުމަތްދޭ ފަރާތްތަކަށް ލިބިގެންދާނެ ލުއިފަސޭހަ ހައްލަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ނިޒާމުގެ ތެރެއިން ދަރިވަރުންގެ ބޭނުންތަކަށް އިސްކަންދޭ، އިތުބާރުހުރި އަދި ހަލުވި ތައުލީމީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައި. ކުރި ނިޒާމަކީ ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެއް. މި ނިޒާމުގެ ސަބަބުން ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ނިޒާމު ހަރުދަނާވެ ލަސްވުމެއްނެތި ފައިސާ ދޫކުރުމުގެ މަގު ފަހިވެގެންދާނެ. އަދި ދަރިވަރުންނަށް ފައިސާގެ މުއާމަލާތްތައް ހުރި ހިސާބު ކުރި ނިޒާމުން ވަގުތުން ބަލާލެވޭނެ. މީގެއިތުރުން އެކި ސްކޮލަރޝިޕްތަކަށާއި ފަންޑިން ސްކީމްތަކަށް ޝަރުތުހަމަވޭތޯ ބެލުމުގައި މިހާރު ހޭދަވާ ދިގު އިންތިޒާރަށް ކުރި ނިޒާމުން ނިމުން ގެނުވާނެ." ވަޒީރު ޑރ.ހައިދަރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިދާރީ ލަސްކަމެއްގެ ސަބަބުން ނުވަތަ މާލީ ހުރަސްތަކެއްގެ ސަބަބުން އެއްވެސް ދަރިވަރަކަށް ތައުލީމީ ފުރުސަތެއް ގެއްލިގެން ނުދާނެކަން ކަށަވަރުކުރުންކަމަށެވެ. އުންމީދަކީ މި އައު ނިޒާމާއެކު ދިވެހި ދަރިވަރުންނަށް އުޖާލާ މުސްތަޤްބަލެއް ބިނާކުރުމުގެ ފުރުސަތު ފަހިވެގެންދިއުންކަމަށް މަތީތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވިއެވެ.