ޣައްޒާގެ ރަފަޙް ހުރަހަކީ އެ ސަހަރާއި އަވަށްޓެރި މިޞްރާ ގުޅުވައިދޭ ހަމައެކަނި ހުރަހެވެ. ޔަހޫދީން އެ ހުރަސް ބަންދުކުރީ ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިތާ ކުރީކޮޅު، 2024ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ގާތްގަނޑަކަށް ދެ އަހަރު ދުވަހަށް ފަހު ޔަހޫދީން ވަނީ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު އެ ހުރަސް އަލުން ހުޅުވާލައިފައެވެ. ނަމަވެސް ރަފަޙް ހުޅުވާލާފައި ވަނީ ފައިމަގުގައި އެ ހުރަސް މެދުވެރިކޮށް ޣައްޒާއަށް އެތެރެވާ ނުވަތަ ބޭރުވާ ވަކި ޢަދަދެއްގެ މީހުންނަށް އެކަންޏެވެ.
ރަފަޙް ހުރަސް އަލުން ހުޅުވައިލުމަކީ ކޮންމެހެން ބޭނުންވާ ފަރުވާ ނުލިބި އެތައް ދުވަހެއް ވަންދެން ޣައްޒާގައި ބަންދުވެފައި ތިބި ބަލިމީހުންނަށް ލިބުނު ހިތްހަމަޖެހުމެކެވެ. އެ ހުރަސް ހުޅުވައިލުމާއެކު ހަނގުރާމައިގެ ޙާލަތުގައި ޣައްޒާ ދޫކޮށް ދިޔަ މީހުންނަށް އަމިއްލަ ވަޒަނަށް އަނބުރާ އައުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.
ރަފަޙް ހުރަހަކީ މިޞްރާއި ޣައްޒާއިން ޙިއްޞާކުރާ ސަރަޙައްދީ ރޮނގުގައި ޤާއިމްކޮށްފައިވާ ހުރަހެކެވެ. އެ ހުރަހުން ފަލަސްޠީންއާއި ސިނާއީ ޕެނިންސުލާއާ ގުޅުވައިދެއެވެ. އެއީ ޣައްޒާގައި ދިރިއުޅޭ ދެ މިލިޔަނަށްވުރެ ގިނަ މީހުންނަށް އެ ސަހަރަށް ވަދެ ނިކުމެވޭ ހަމައެކަނި މަގެވެ.
ރަފަޙް ހުރަސް އޮންނަނީ ޣައްޒާގެ ރަފަޙް ސިޓީއާ އިންވެގެންނެވެ. ރަފަޙްއަކީ މީގެ ކުރިން 500،000އެއްހާ މީހުުން ދިރިއުޅެމުންދިޔަ ސިޓީއެކެވެ. ނަމަވެސް ޔަހޫދީން މިހާރު ވަނީ ރަފަޙް އެއްކޮށް ސުންނާފަތިކޮށްލައި، އެ ތަނަކީ ދިރުމެއް ނެތް ހަނަފަސް ބިމަކަށް ހަދައިފައެވެ.
ރަފަޙްއާއި މިޞްރާ ދެމެދު އޮންނަ ބޯޑަރު ސަރަޙައްދަށް ކިޔަނީ ފިލަދެލްފި ކޮރިޑޯއެވެ. އެ ސަރަޙައްދަކީ 14.5 ކިލޯމީޓަރު ދިގު ސަރަޙައްދެކެވެ. ޣައްޒާގައި ރަފަޙް ހުރަސް އޮންނަނީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ނަމަވެސް ވިލާތުގެ އިއްތިޙާދާއި ޕަލަސްޓީނިއަން އޮތޯރިޓީއިން އެ ހުރަހާ ގުޅޭ ކަންކަން ބަލަހައްޓައެވެ. އެ ހުރަސް އޮންނަ ސަރަޙައްދުގައި ހުންނަނީ ކަށިނަރު ދަމާ، ދިގު ފެންސުތައް ޖަހައި ވަރުގަދަ ފާރުތައް ބިނާކޮށްފައެވެ.
މި ވަގުތު ރަފަޙް ހުރަސް ބޭނުން ކުރެވޭނީ ފައިމަގުގައި ޣައްޒާއަށް ވަދެ ނިކުންނަ ފަލަސްޠީނުގެ ރައްޔިތުންނަށް އެކަންޏެވެ. ނަމަވެސް އެއީ ޔަހޫދީންގެ އިތުރުން މިޞްރުގެ ވެސް ސަލާމަތީ ޙުުއްދަތައް ލިބިއްޖެ ނަމައެވެ.
ފަލަސްޠީނުގެ ބައެއް މަސްދަރުތަކުން ބުނީ ރަފަޙް ހުރަސް މެދުވެރިކޮށް ދުވާލަކު 50 މީހުންނަށް ޣައްޒާއަށް ވަނުމުގެ ޙުއްދަ ޔަހޫދީން ދޭނެ ކަމަށެވެ. ހަމަ އެގޮތަށް، 50 މީހުންނަށް ޣައްޒާއިން ނިކުތުމުގެ ފުރުޞަތު ވެސް ދޭނެއެވެ.
ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިތާ ކުރީކޮޅު ގާތްގަނޑަކަށް 100،000އަށްވުރެ ގިނަ މީހުން ވަނީ ޣައްޒާ ދޫކޮށް ގޮސްފައެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން އަލުން އަނބުރާ ޣައްޒާއަށް އައުމަށް އެދެއެވެ. ސުންނާފަތިވެ ބިމާ ހަމަވެފައިވާ ގެތަކުގައި އުޅެން ޖެހުނު ނަމަވެސް ޢާއިލާ މެންބަރުންނާއެކު ވުމަށް އެ މީހުން އެދެއެވެ. އޭގެ އިތުރުން ބޭސް ފަރުވާ ކުރުމަށް ޣައްޒާއިން ނިކުތުމަށް ބޭނުންވާ ގާތްގަނޑަކަށް 20،000 މީހުން ވެސް އެބަ ތިއްބެވެ.
ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަަޔަންޔާހޫ ވަނީ ޣައްޒާގެ ރައްޔިތުން ދާއިމީ ގޮތަކަށް އެ ސަހަރު ދޫކޮށް ދިޔުމަށް އޭނާ އެދޭ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އެހެންކަމުން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރަނީ ޣަައްޒާއަށް ވަނުމުގެ ޙުއްދަ ދޭ މީހުންގެ ޢަދަދަށްވުރެ ޣައްޒާއިން ނިކުތުމުގެ ޙުއްދަ ދޭ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށެވެ.
ގިނަ ދުވަސްތަކަކަށްފަހު ރަފަޙް ހުރަސް އަލުން ހުޅުވައިލި ނަމަވެސް ޔަހޫދީން އަދިވެސް ބޭރުގެ ނޫސްވެރިން ޣައްޒާއަށް ވަމުނުގެ ޙުއްދައެއް ނުދެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނީއްސުރެ ޣައްޒާއަށް ނޫސްވެރިން ވަނުމުގެ ޙުއްދަ ޔަހޫދީން ނުދެއެވެ. ބޭރުގެ ނޫސްތަކަށް ޚަބަރު ފޯރުކޮށްދެނީ ޣައްޒާގައި ދިރިއުޅޭ ނޫސްވެރިންނެވެ. ހަނގުރާމައިގައި ޔަހޫދީން ވަނީ އޭގެ ތެރެއިން އެތަސް ސަތޭކަ ނޫސްވެރިންނެއް ޝަހީދުކޮށްލައިފައެވެ.
ޣައްޒާއިން ނިކުމެވޭ މައި ހުރަހަކީ އެ ސަހަރުގެ ދެކުނުގައި އޮންނަ ކަރަމް އަބޫ ސާލިމް ހުރަަހެެވެ. ހަނގުރާމަ ފެށުނު ފަހުން ވެސް އެ ހުރަހުގެ ބޭނުން ދަނީ ކުރަމުންނެވެ. ޣައްޒާއަށް އެހީގެ ސާމާނާއި ވިޔަފާރި މުދާ އެތެރެކުރާ ހުރަހަކީ މިއީއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް މި ހުރަސް ބޭނުންކުރުމުގެ ޙުއްދައެއް އާންމު ގޮތެއްގައި ނޯވެއެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި ބަލި މީހުންނާއި ދަރިވަރުންނާއި އެހެން މީހުން ވެސް މި ހުރަސް ބޭނުން ކުރުމުގެ ފުރުޞަތު ދީފައިވެއެވެ.
ހަނގުރާމައިގެ ކުރިން ޔަހޫދީންގެ ބާރުގެ ދަށުގައި އިތުރު ހުރަހެއް ވެސް އޮތެވެ. އެއީ ޣައްޒާގެ އުތުރުގައި އޮންނަ ސަރަޙައްދީ ރޮނގުގައި ޤާއިމްކޮށްފައި ހުރި ހުރަކެވެ. ނަމަވެސް ހަނގުރާމަ ފެށުމާއެކު އެ ހުރަސް ވަނީ ބަންދުކޮށްފައެވެ. ބައެއް އިތުރު ސަރަޙައްދުރައް ވެސް ޣައްޒާއަށް ސާމާނު އެތެރެކުރުމަށް ދޭތެރެދޭތެރެއިން ބޭނުންކުރެއެވެ.