ޚަބަރު

ފަރަންސޭސިވިލާތުގެ ބަޖެޓް ފާސްކުރަން ތައްޔާރުވެއްޖެ


އެތަކެއް މަހަކަށް ދިގުދެމިގެންދިޔަ ސިޔާސީ އަރައިރުމާއި މަޝްވަރާތަކަށްފަހު، ފަރަންސޭސިވިލާތުގެ މި އަހަރުގެ ދަޢުލަތުގެ ބަޖެޓު މާދަމާ ފާސްކުރަން ތައްޔާރުވެއްޖެއެވެ.

ފަރަންސޭސިވިލާތުގެ ރައީސް އިމެނުއެލް މެޚްރޮން، 2024ވަނަ ގޮވާލެއްވި އަވަސް އިންތިޚާބާ އެކު، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތެއް އެއްވެސް ޕާޓީއަކަށް ލިބިފައެއްނުވެއެވެ. އެއާ އެކު، މި އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ހިމަނަން ރޭވި އިސްލާޙީ ގިނަ ފިޔަވަޅުތަކަށް ޕާޓީތަކުގެ މެދުގައި ކޯޅުން ބޮޑުވެ، ޙައްލެއް ހޯދޭތޯ މަސައްކަތް ކުރާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އެ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ތަފާތު ދެ ބޮޑުވަޒީރެއްގެ މަޤާމު ވެސް ވަނީ ގެއްލިފައެވެ.

ނަމަވެސް، ފަރަންސޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ސެބޭސްޓިޔަން ލިކޮރްނިޔު ވަނީ، ޤާނޫނު ހަދާ މަޖިލީހުގެ ސޯޝަލިސްޓް މެމްބަރުންގެ ތާޢީދު ބަޖެޓަށް ހޯއްދަވައިފައެވެ. އެ ތާޢީދު ހޯއްދެވުމަށް އޭނާ ވަނީ އިސްލާޙީ ބައެއް ބޮޑެތި ފިޔަވަޅުތައް ފަސްކުރަން އެއްބަސްވެވަޑައިގެންފައެވެ.

އޭގެތެރޭގައި ރިޓާޔަރ ކުރާ އުމުރު 64 އަހަރަށް މަތިކުރުން، ދެން އަންނަ ރިޔާސީ އިންތިޚާބުގެ ފަހަށް ޖައްސައިލުން ހިމެނެއެވެ.

ބަޖެޓު ފާސްވިޔަނުދޭން، އިދިކޮޅު ބައެއް ޕާޓީތަކުން ވަނީ ލިކޮރްނިޔުގެ މައްޗަށް އިތުބާރުނެތް ކަމުގެ ދެ މައްސަލައެއް ހުށަހަޅައިފައެވެ. ނަމަވެސް، ސޯޝަލިސްޓް މެމްބަރުންގެ ތާޢީދުނެތި، އެ މައްސަލަތައް ލިކޮރްނިޔު އާ ދެކޮޅަށް ފާސްވާނެކަމަކަށް ނުބެލެވެއެވެ.

އިތުބާރުނެތްކަމުގެ މައްސަލަތައް ފެއިލްވުމާއެކު، މާދަމާ އޮންނަ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ބަޖެޓަށް ވޯޓަށް އަހައި، ފާސްކުރާނެކަމަށް ބެލެވެއެވެ.

އަހަރު ފެށުނު ފަހުން މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ބަޖެޓު ފާސްނުކުރެވި ދިގުލައިގެންދިޔުމުގެ ނޭދެވޭ އަޞަރުގެ ކަންބޮޑުވުންވަނީ ފަރަންސޭސިވިލާތުގެ ވިޔަފާރިވެރިންނާއި އެކުވެރި ޤައުމުތަކުން ވެސް ފާޅުކޮށްފައެވެ.