އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާތައް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެ މަޝްވަރާތަކަށް މަގުފަހިކުރުމުގެ ގޮތުން، ނިއުކްލިޔަރ ޕްރޮގްރާމުގެ ބައެއް ކަންކަމަށް ދޫދިނުމަށް އީރާނުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އީރާނަށް ޙަމަލާއެއް ދޭން ޖެހިދާނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވަނިކޮށް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭ ބިޔަ ލަޝްކަރެއް އީރާން ކައިރީގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
އީރާނަށް ޙަމަލާއެއް ދޭން ޖެހިދާނެ ކަމުގައި ޓްރަމްޕް އެންމެ ފަހުން ވިދާޅުވެފައި ވަނީ، އީރާންގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް އެ ޤައުމުގެ އެތަކެއް ހާސް ބަޔަކު މުޒާހަރާ ކުރަން ފެށުމާ ގުޅިގެންނެވެ.
އީރާނުގެ ސަރުކާރުގެ ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން މިދިޔަ ހަފްތާގައި ބުނެފައިވަނީ، މަޝްވަރާތައް ފެށުމަށް ޓްރަމްޕް ވަނީ ޝަރުތެއް ހުށަހަޅުއްވައިފައެވެ. އޭގެތެރޭގައި، އީރާނުގައި ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓައިލުމާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމުގައި ވަކި މިންގަނޑުތަކެއް ކަނޑައެޅުމާއި، ސަރަޙައްދީ ހަނގުރާމަވެރި ޖަމާޢަތްތަކަށް އެހީވުން ހުއްޓައިލުން ހިމެނެއެވެ.
ނަމަވެސް، އެ ހުރިހާ ޝަރުތުތަކަށް އީރާނުން މީގެ ކުރިން ވަނީ ނޫނެކޭ ބުނެފައެވެ.
އީރާނުގެ ޚާރިޖިއްޔާގެ ދެ އޮފިޝަލަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، އީރާނުގެ އިސްވެރިންގެ މެދުގައި ކަންބޮޑުވުން އޮތީ، ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓައިލުމުގެ ޝަރުތަށް ވުރެ، ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ގުޅުވައި އެމެރިކާއިން ކުރިމަތިކުރާ ޝަރުތާ މެދު ކަމަށެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާޢީ ވިދާޅުވީ، އެމެރިކާ އާއެކު މަޝްވަރާތައް ފެށުމަށް ފުޅާ ދާއިރާއެއްގައި ވިސްނަމުންދާ ކަމަށާއި، އީރާނުގެ މައިގަނޑު ޢަމާޒަކީ، ނުޙައްޤުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނައުން ކަމަށެވެ.
އީރާނުގެ ސަރުކާރުގެ އިސް އޮފިޝަލަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢާރާޤްޗީ އާއި ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބު ސްޓިވް ވިޓްކޯފް އާ ތުރުކީވިލާތުގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނަމަވެސް، މަޝްވަރާތައް ފެށުމަށްޓަކައި އެއްވެސް ޝަރުތެއް ކުރިމަތިކުރުވުމަކީ އީރާނުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ޔުރޭނިއަމް މުއްސަނދި ކުރުމުގައި ދޫދިނުމުގެ ވިސްނުން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމީ ސިފައެއްގައި މަޝްވަރާތައް ފަށާނަމަ، އީރާނުގެ ކައިރިއަށް މިހާރު ޖަމާކޮށްފައިވާ އެމެރިކާގެ އަސްކަރީ މަނަވަރުތައް އަނބުރާ ގެންދަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.