ޚަބަރު

ޕާކިސްތާނުގެ ބަލޫޗިސްތާނަށް ދިން ނިރުބަވެރި ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި


  • އެއް ވަގުތެއްގައި ދިން ޙަމަލާތަކެއްގައި ފުލުހުންގެ 8 މީހަކު ވަނީ މަރާލާފައި

  • މި ޙަމަލާގެ ޒިންމާ ނެގީ ބަލޫޗިސްތާނު ލިބަރޭޝަން އާމީން

ޕާކިސްތާނުގެ ބަލޫޗިސްތާނަށް ދިން ނިރުބަވެރި ހަމަލާ ރާއްޖޭން ކުށްވެރިކޮށްފިއެވެ.

ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑު، ހުޅަނގު ދެކުނު ބަލޫޗިސްތާން ސަރަޙައްދުގައި، އެއް ވަގުތެއްގައި ދިން ޙަމަލާތަކެއްގައި ފުލުހުންގެ 8 މީހަކު ވަނީ މަރާލާފައެވެ. މި ޙަމަލާގެ ޒިންމާ އެ ޤައުމުގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ބަލޫޗިސްތާނު ލިބަރޭޝަން އާމީ ނުވަތަ ބީއެލްއޭއިން ވަނީ އުފުލާފައެވެ. ބީއެލްއޭއަކީ ބަލޫޗިސްތާންގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ނަމުގައި ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާޢަތެކެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި މިދިޔަ ހޮނިހިރު ދުވަހު ދިން ނިރުބަވެރި ހަމަލާ ދިވެހިރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ ރާއްޖޭން އަބަދުވެސް ނިރުބަވެރިކަމާއި ހައްދުފަހަނައެޅި ޚިޔާލުތަކާއި ކުށްތަކާ ދެކޮޅަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އެ ވުޒާރާއިން ވަނީ މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޕާކިސްތާނުގެ ލޮބުވެތި ރައްޔިތުންނާއެކުގައި ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މި ހަމަލާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ އެދިވަޑައިގެންފައެވެ.