ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން 5 ގެ ޗެމްޕިއަންކަން ދ. ކުޑަހުވަދޫއިން ހޯދައިފިއެވެ.
މި ޒޯނުގެ ޗެމްޕިއަންކަން ކުޑަހުވަދޫއިން ހޯދީ ފައިނަލް މެޗުގައި މ. ދިއްގަރުގެ މައްޗަށް 2-6 އިން ކުރިހޯދައިގެންނެވެ.
ކުޑަހުވަދޫއިން ޑޮމިނޭޓުކުރި މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ހާރޫން އިބްރާޙީމާއި މުހައްމަދު އަޔާޒުގެ އިތުރުން ޖުމެއިލް ޖަމީލާއި މުޙައްމަދު އަރީޝް އެވެ. މީގެތެރެއިން ހާރޫނާއި އަޔާޒް ވަނީ، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހައިފައެވެ.
މެޗުގައި ދިއްގަރުން ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު މުޙައްމަދު އަލީ ކާމިޔާބުކޮށްދިންއިރު އަނެއް ލަނޑު ޖަހައިދިނީ ހުސެއިން ފާރިޝްއެވެ.
މިއާއެކު ކުޑަހުވަދޫއިން ޒޯން ޗެމްޕިއަންކަން ހޯދިިއރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހާރޫނެވެ.
މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް އަދި ޓޯޕް ސްކޯރަރ އަކަށް ވެސް ހޮވުނީ ޙާރޫނެވެ.