ހޮނިހިރު ދުވަހު އިންޑިޔާ އާއި ސްރީލަންކާގައި ފަށާ ޓުވެންޓީ20 ކްރިކެޓް މުބާރާތް ނުފަށީސް މުބާރާތުގެ ފޯރި ހިފައިފި އެވެ. މައްސަލައަކަށްވީ ދެކުނު އޭޝިޔާގެ ކްރިކެޓްގެ ގަދަ ދެބާރު ކަމަށްވާ ޕާކިސްތާނާއި އިންޑިޔާގެ ކޯޅުމެވެ. ޕާކިސްތާނުން ފުރަތަމަ ވިސްނީ މުބާރާތް ބޮއިކޮޓް ކުރުމަށެވެ. އެންމެ ފަހުން އެ ގައުމުގެ މައި ސަރުކާރުން ރޭ ނިންމީ އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗު އެކަނި ބޮއިކޮޓް ކުރުމަށެވެ. މިއާއެކު އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ވަނީ މީގެ ސަބަބުން ކުރިމަގުގައި ކްރިކެޓަށް ލިބިދާނެ ގެއްލުންތަކާކެދު ވިސްނަން ގޮވާލައިފަ އެވެ. އެ ބުނާ ބަހުގެ މާނައަކީ މިކަން ކޮޕީކޮށް މީގެ ފަހުން ބޮއިކޮޓް ކުރުން ގިނަވެދާނެތީ އެވެ. އެހެންވިއްޔާ މީގެ ކުރިން މިފަދަ ކަމެއް ހިނގާފައި ނެތީ ހެއްޔެވެ؟
1996ގެ ވޯލްޑް ކަޕް ބޭއްވީ ލަންކާ އާއި އިންޑިޔާ އާއި ޕާކިސްތާން ގުޅިގެންނެވެ. ކޮންމެ ބައެއްގެ ވެސް މެޗުތައް ކުޅެން އޮތީ އަމިއްލަ ގައުމުގަ އެވެ. މުބާރާތް ކުޅުނު ދުވަސްވަރަކީ ލަންކާގެ ދާހިލީ ހަނގުރާމަ އެންމެ ގަދަވި ދުވަސްވަރެވެ. މުބާރާތުގެ ދެ ހަފުތާ ކުރިން ކޮލަމްބޯ ބޭންކްގައި ބޮމެއް ގޮއްވާލި އެވެ. 91 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވި އެވެ. މިކަމާ ގުޅިގެން އޮސްޓްރޭލިޔާ އާއި ވެސްޓް އިންޑީޒުން ލަންކާގައި މެޗުތައް ކުޅެން ދެކޮޅު ހެދި އެވެ. ބުނީ ލަންކާގައި ރައްކާތެރިކަމެއް ނެތް ކަމަށެވެ. މިހެންވެ ލަންކާއާ ދެކޮޅަށް ކުޅެން ޖެހުނު މެޗުތައް ދޫކޮށްލުމަށްފަހު ދެ ގައުމުން ވެސް ތިބީ އިންޑިޔާގެ މުމްބާއީގަ އެވެ. މި ދެ މެޗު ލަންކާ އަށް ލިބުނު ނަމަވެސް އޮސްޓްރޭލިޔާ އާއި ވެސްޓް އިންޑީޒް މުބާރާތުގެ ދެ ވަނަ ބުރަށް ލަންކާއާއެކު ކޮލިފައިވި އެވެ. ލަންކާއިން ތަށި ހޯދީ ފައިނަލްގައި ޕާކިސްތާނުގެ ލާހޯރުގައި އޮސްޓްރޭލިޔާ ބަލިކޮށްފަ އެވެ.
2003 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮތީ އެފްރިކާ ބައްރުގަ އެވެ. ދެކުނު އެފްރިކާ އާއި ކެންޔާ އާއި ޒިންބާބުވޭގަ އެވެ. މުބާރާތުގެ މާކުރިން ޒިންބާބުވޭ އަށް ނުދާން އިނގިރޭސިން ނިންމި އެވެ. އިނގިރޭސި ބޮޑު ވަޒީރު ޓޯނީ ބްލެއާ އޭނާގެ ގައުމީ ޓީމު ޒިންބާބުވޭ އަށް ނުފޮނުވަން ނިންމީ ވެރިރަށް ހަރާރޭގައި އެ ގައުމުގެ ރައީސް ރޮބަޓް މޮގާބޭއާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތަކުގެ ސަބަބުންނެވެ. އެއީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުނުވާ ތަނެއް ކަމަށް ބުނެ އެވެ. މި ކަންބޮޑުވުންތައް އިމުން ބޭރުވީ މުބާރާތް ފަށަން ކައިރިވެފައިވަނިކޮށް އިނގިރޭސި ޓީމަށް މަރުގެ އިންޒާރު ވެސް ލިބުމުންނެވެ. އެންމެ ފަހުން މި ދެ ގައުމުގެ މެޗު ލިބުނީ ޒިމްބާބުވޭ އަށެވެ. މޮޅުވާ ޓީމަކަށް ލިބެނީ ދެ ޕޮއިންޓެވެ. ގްރޫޕް ސްޓޭޖުގައި އެންމެ ދެ ޕޮއިންޓް މަދުވެގެން އިނގިރޭސިން މުބާރާތުން ކެޓީ ވެސް މި ސަބަބާހުރެ އެވެ.
2003 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނިއުޒީލޭންޑްއިން ކެންޔާއާ ދެކޮޅަށް ކުޅެން އޮތް މެޗު ދޫކޮށްލި އެވެ. މުބާރާތް ބޭއްވި އެއް ގައުމު ކަމަށްވާ ކެންޔާ އަށް ދާން ދެކޮޅު ހެދީ އެ ގައުމުގައި ޓްރަރިސްޓް ގްރޫޕުތަކެއް ތިބި ކަމުގެ މައުލޫމާތު ލިބިގެންނެވެ. ދީފާނެ ހަމަލާއަކަށް ބިރުންނެވެ. މިއާއެކު މި މެޗު ލިބުނީ ކެންޔާ އަށެވެ.
މީގެ އިތުރުން ވެސް ކްރިކެޓްގައި މިފަދަ ކަންތައްތައް ހިނގާފައި އެބަހުއްޓެވެ. 2009 ވަނަ އަހަރުގެ ޓުވެންޓީ20 ކްރިކެޓް މުބާރާތަށް އިނގިރޭސި ވިލާތަށް ޒިންބާބުވޭ ނުދިޔަ އެވެ. ސަބަބަށްވީ ލަންޑަނަށް އެތެރެވުމަށް ވިސާ ނުލިބި އެއާޕޯޓުގައި ތާށި ވެދާނެ ކަމުގެ ބިރު ހީވެގެންނެވެ. 2016 ވަނަ އަހަރުގެ 19 އަހަރުން ދަށުގެ ވޯލްޑް ކަޕަށް އޮސްޓްރޭލިޔާ ޓީމު ވަނީ ބަނގްލަދޭޝް އަށް ދާން ދެކޮޅު ހަދައިފަ އެވެ. އެއީ ވެސް ސަލާމަތީ ގޮތުން ބަނގްލަދޭޝް އަށް ދިއުން ރައްކާތެރިނޫން ކަމަށް ބުނެ އެވެ. އެކަމަކު 2022 ވަނަ އަހަރުގެ 19 އަހަރުން ދަށުގެ ވޯލްޑް ކަޕް ނިއުޒީލޭންޑްއިން ދޫކޮށްލީ ކޮވިޑް19ގެ ސަބަބުންނެވެ. ނިއުޒީލޭންޑް ސަރުކާރުން ނިންމާފައިވަނީ ކެރީބިއަން ގައުމަކަށް ގޮސްފައި އަންނަ ކޮންމެ ބަޔަކު ދެ ހަފުތާ އަށް ކަރަންޓީން ކުރުމަށެވެ. އެ ގައުމުން މުބާރާތް ދޫކޮށްލީ މިހެންވެ އެވެ.
މި ހުރިހާ ކަމަކާ ހިލާފަށް ޕާކިސްތާނުގެ މިފަހަރުގެ ނިންމުން ތަފާތެވެ. މިއީ އިންޑިޔާ އާއި ޕާކިސްތާނުގެ ސިޔާސީ އަރައިރުންތަކުގެ މައްސަލައެކެވެ. 2008 ވަނަ އަހަރުން ފެށިގެން އިންޑިޔާއިން ޕާކިސްތާނުގައި ކުޅެން ދެކޮޅު ހަދަ އެވެ. މި ގޮތުން 2023 ވަނަ އަހަރުގެ އޭޝިޔާ ކަޕުގައި ކުޅެން ޕާކިސްތާނަށް ދާން އިންޑިޔާ ދެކޮޅު ހެދި އެވެ. އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅުވީ ވެސް މި ސަބަބާ ހުރެ އެވެ. އޭގެ ފަހުން 2025 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޗެމްޕިއަންސް ޓްރޮފީ މުބާރާތަށް ވެސް އިންޑިޔާ ނުދިޔަ އެވެ. އިންޑިޔާގެ ޖާޒީގައި މުބާރާތް ބާއްވާ ޕާކިސްތާނުގެ ނަން ޖަހަން ވެސް އެ ގައުމުން ފުރަތަމަ ދެކޮޅު ހެދި އެވެ. އަދި ރަސްމީ ޕްރެސް އާއި ފޮޓޯ ޝޫޓަށް ކެޕްޓަން ރޯހިތް ޝަރުމާ ނުދާނެކަން އެންގުމުން އެންމެ ފަހުން މުހިންމު މި ދެ އިވެންޓް ވެސް ކެންސަލް ކުރަން ޖެހުނެވެ. އިންޑިޔާގެ މެޗުތަކާއި މުބާރާތު ފައިނަލް ވެސް ކުޅުނީ ޑުބާއީގަ އެވެ. މިހެންވެ ހަގީގީ މުބާރާތެއް ބޭއްވި ކަމުގެ އެއްވެސް އުފަލެއް ޕާކިސްތާނަށް ނުލިބުނެވެ. އިންޑިޔާ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ތަށި އުފުލާލަން ވެސް ދެކޮޅު ހެދި އެވެ. ސަބަބެއް ކަމުގައި ބުނީ ތަށި ދެއްވަނީ އޭޝިއާގެ ކްރިކެޓް ކައުންސިލްގެ ރައީސް އަދި ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ރައީސް މޮހްސިން ނަގްވީ ކަމަށްވުމެވެ. އިންޑިޔާއިން ބުނީ އޭނާ އަކީ ޕާކިސްތާނުގެ ސިޔާސީ ބޭފުޅެއް ކަމަށާއި އޭނާގެ އަތްޕުޅުން ތަށި ބޭނުންނުވާ ކަމަށެވެ.
އިންޑިޔާއާ ދެކޮޅަށް ޕާކިސްތާން މިފަހަރު ތެދުވީ މިފަދަ މައްސަލަތަކާ އެކުގަ އެވެ. ޓުވެންޓީ20 މުބާރާތް އިންޑިޔާގައި ނުކުޅެން ފުރަތަމަ ނިންމީ ބަނގްލަދޭޝް އެވެ. އެއީ އިންޑިޔާގެ އައިޕީއެލް ކުޅެން އެ ގައުމުގެ ކުލަބަކުން ގެންދިޔަ ބަނގްލަދޭޝްގެ ކުޅުންތެރިއަކަށް ބިރު ދައްކައި އިންޑިޔާއިން ދާދި ފަހުން ފޮނުވާލުމާ ގުޅިގެންނެވެ. ބަނގްލަދޭޝްއިން މަރުގެ ހުކުމް އިއްވާފައިވާ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަށް ހިމާޔަތް ދެމުންދަނީ އިންޑިޔާއިން ކަމުން ދެގައުމުގެ ސިޔާސީ މަސްރަހު ވެސް އޮތީ ގޯސްވެފަ އެވެ. މިއާއެކު ބަނގްލަދޭޝް އެދުނީ އިންޑިޔާގައި ރައްކާތެރިކަން ނެތް ކަމަށާއި މެޗުތައް ލަންކާ އަށް ބަދަލުކޮށްދޭށެވެ. މިކަން ނުކޮށް ބަނގްލަދޭޝް މުބާރާތުން ވަކިކުރުމަކީ ޕާކިސްތާން ދެކޭ ގޮތުގައި އައިސީސީން އެއް ކަމެއްގައި ދެ ގައުމެއް ތަފާތު ކުރުމެވެ. ހާއްސަކޮށް އިންޑިޔާ އަށް ކަންކަމުގައި މާބޮޑަށް އެއްބާރުންދީ އެހެން ގައުމުތަކާމެދު ތަފާތު ކުރުމެކެވެ.
ޕާކިސްތާނުގެ ނިންމުމާމެދު ކްރިކެޓްގެ މައި އިދާރާގެ ހައިސިއްޔަތުން އައިސީސީ ކަންބޮޑުވަނީ ދޭދެ ގައުމުތަކުގެ މައްސަލަތަކާހުރެ ކުރިއަށްހުރި މުބާރާތްތަކުގައި މިކަން ތަކުރާރުވުން ގިނަވެދާނެތީ އެވެ.