އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗު 2-2 ގެ ނަތީޖާ އަކުން މެޗު އެއްވަރުވެއްޖެ އެވެ.
މި ނަތީޖާ އާއިއެކު އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރުމަށް ސިޓީ އަށް ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ސިޓީ އަށް 47 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފައިވާއިރު އާސެނަލް އަށް ވަނީ 53 ޕޮއިންޓު ލިބިފަ އެވެ. ޓޮޓްނަމް އޮތީ 29 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގަ އެވެ.
ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި ސިޓީގެ ރަޔާން ޗާރކީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އެންޓޮއިން ސެމެންޔޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ސިޓީ އިން ކުޅުނު ނަމަވެސް ޓޮޓްނަމް އިން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
ޓޮޓްނަމް އިން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށް ވަނަ މިނިޓުގައި ލަނޑެއް ޖަހާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑޮމިނިކް ސޮލާންކޭ އެވެ.
މި މެޗުގެ ނަތީޖާ ޓޮޓްނަމް އިން އެއްވަރުކޮށްފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި ސޮލާންކޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.