ޚަބަރު

ތިމަރަފުށިން 7ވަނަ ފަހަރަށް ޒޯން ޗެމްޕިއަންކަން ހޯދައިފި


ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ޒޯން 6 ގެ ޗެމްޕިއަންކަން ހޯދައި، ތ. ތިމަރަފުށިން އެ ޓީމުގެ ފެންވަރު ދައްކާލައިފިއެވެ.

މިއީ މި މުބާރާތުގެ ޒޯން ޗެމްޕިއަންކަން އެ ޓީމުން ހޯދި ހަތްވަނަ ފަހަރެވެ. އެ ޓީމުން ވަނީ 2016، 2017، 2018، 2019 އަދި 2022، 2025 ގައި މި މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދާފައެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ތިމަރަފުށިން މިފަހަރުގެ މުބާރާތުގެ ޒޯން ފައިނަލުގައި ދެކޮޅަށް ނުކުތީ ލ. އިސްދޫއާ ދެކޮޅަށެވެ. ފައިނަލް މެޗުގައި އިސްދޫގެ މައްޗަށް ތިމަރަފުށިން ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

ވަރަށް ވާދަވެރި އަވަސް ގޭމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ އިސްދޫއިންނެވެ.

މެޗު ފަށައިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިސްދޫއަށް މި ލަނޑު ޖަހައިދިނީ އަލީ ހުމެއިޒުއެވެ.

މެޗުގައި ތިމަރަފުށީގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޠާހިރުއާއި އަބްދުﷲ ޒިޔަން އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ އަބްދުﷲ ޒިޔަންއެވެ. މި ޒޯނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭނާއެވެ.

ޒޯން 6 ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާއަށް ދޭ ޓޮޕް ސްކޯރަރ އެވޯޑު ހޯދާފައި ވަނީ އިސްދޫގެ އަލީ ހުމޭޒުއެވެ.