ޚަބަރު

ރަޝިޔާއިން ދިން ޙަމަލާއެއްގައި ޔޫކްރެއިންގެ 12 މީހުން މަރުވެއްޖެ


ރަޝިޔާއިން ޔޫކްރެއިންއަށް ދިން ޑްރޯން ޙަމަލާއެއްގައި 12 މީހުން މަރުވެ 7 މީހުންނަށް ޒަހަމްވެއްޖެއެވެ.

ރަޝިޔާގެ ޙަމަލާ އަމާޒުކޮށްފައި ވަނީ ޔޫކްރެއިންގެ ދެކުނު އިރުމަތީ ސަރަޙައްދެއް ކަމަށްވާ ނިޕްރޮޕެޓްރޮވްސްކަށެވެ. އެ ޙަމަލާ ދީފައި ވަނީ ބަހެއް ކައިރިއަށެވެ. ޔޫކްރެއިނުން ބުނީ ބަހުގައި ދަތުރުކުރަމުން ދިޔައީ އެ ސަރަޙައްދުގެ މައިންއެއްގައި މަސައްކަތްކުރާ ބައެއް ކަމަށެވެ. މަރުވި އެންމެންނަކީ ވެސް އެއް ކުންފުންޏެއްގެ މުވައްޒަފުން ކަމަށް އެ ޤައުމުން ބުނެއެވެ.

ނިޕްރޮޕެޓްރޮވްސްކަށް ޙަމަލާ ދިނުމުގެ ކުރިން ޔޫކްރެއިންގެ ޒަޕޮރީޖާގައި ހުންނަ މާބަނޑު މީހުންގެ ހަސްފަތާލަކަށާއި މީހުން ދިރިއުޅޭ އިމާރާަތަކަށް ވެސް ރަޝިޔާއިން ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާތަކުގައި ނުވަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެއެވެ. ރަޝިޔާއިން ޔޫކްރެއިންއަށް މި ފަދަ ޙަމަލާތަކެއް ދީފައި މި ވަނީ ހަކަތައިގެ ދާއިރާއަށް ޙަަމަލާ ދިނުން މަޑުޖައްސައިލުމަށް ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު އެއްބަސްވެފައި ވަނިކޮށެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް އެ ޙަމަލާ ދީފައި ވަނީ ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން ޔޫކްރެއިންއާއި ރަޝިޔާއާައި އެމެރިކާއިން ކުރަމުންދާ މަޝްވަރާތަކުގެ ދެވަނަ ބުރު އަންނަ ހަފްތާގައި އަބޫ ދާބީގައި ބޭއްވުމަށް ހަަމަޖެހިފައިވާ ކަމަށް ޔޫކްރެއިންގެ ރަޢީސް ވޮލޮޑޮމީރު ޒެލެންސްކީ އިޢުލާނުކުރެއްވިތާ ގަޑިއިރުކޮޅެއް ފަހުންނެވެ.

ތިން ޤައުމުގެ ދެމެދުގައި މަޝްވަރާތަކުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ. އެ މަޝްވަރާތަކުގައި ރަޝިޔާއިން ބާރުއަޅާފައި ވަނީ ޔޫކްރެެއިންގެ އިތުރު ބިންތައް ރަޝިޔާއަށް ދޫކޮށްލުމަށެވެ. ނަމަވެސް އެ ކަމަށް ޔޫކްރެއިނުން ދެކޮޅު ހަދައެވެ. މަޝްވަރާތައް ނިމިގެން ދިޔައީ ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން ގޮތެއް ނިންމުމުގައި މާ ބޮޑު ކުރިއެރުމެއް ނުލިބިއެވެ.

ފެބްރުއަރީ މަހުގެ 4ވަނަ ދުވަހާއި 5 ވަނަ ދުވަހު އަބޫ ދާބީގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްވަރާގެ ދެވަނަ ބުރުގައި އޮއްޓަރުހުރި ވާހަކަތައް ދެއްކުމަށް ޔޫކްރެއިނުން ތައްޔާރަށް އޮތް ކަމަށް އެ ޤައުމުގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. މަޝްވަރާތަކުގެ ނަތީޖާއަކީ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގާތަށް އެޅޭ ފިޔަވަޅަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ.