މޮރޮކޯގައި ކުރިޔަށްދާ ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޖޫނިއަރ އެތުލީޓު އިޔަން އަހުމަދު ދެވަނަ ބުރުގައި ވާދަކޮށް މުބާރާތުން ވަކިވާން ޖެހިއްޖެއެވެ.
އޯޕަނިން ރައުންޑްގައި އިޔަން ވަނީ ރަނގަޅު ވާދައެއްކޮށް ފުރަތަމަ ބުރުގެ ދެވަނަ ހޯދާފައެވެ. ޖޫނިއަރ މެންސް ޑިވިޝަންގެ ފުރަތަމަ ބުރުގައި އިޔަން ވާދަކުރީ ހީޓް އަށެއްގައެވެ. އެގޮތުން އެންމެ ރަނގަޅަށް ސްކޯ ކުރެވުނު ދެ ރާޅަށް އިޔަންވަނީ 3.50 އަދި 1.94 ގެ ސްކޯއެއް ހޯދާފައެވެ.
ދެވަނަ ބުރުގައި އިޔަން ވާދަކުރީ ހީޓް ތިނެއްގައެވެ.
މި ހީޓްގައި ވާދަކުރީ އެމެރިކާގެ ޑޭވީ އެންޑަސަން އާއި ފްރާންސްގެ ލޫކާ ޒަނިންޓޯ އާއި ފްރާންސްގެ ކްރިސްޓް މައެލާން އާއި އިޔަންއެވެ. މި ބުރުގައި އިޔަން ވަނީ ހީޓްގެ 3 ވަނަ ހޯދާފައެވެ.
މިކެޓަގަރީގެ ކުއާޓަރ ފައިނަލުގެ ޖާގަ ލިބެނީ ދެވަނަ ބުރުގެ އެއްވަނަ އާއި ދެވަނަ ހޯދާ އެތުލީޓުންނަށެވެ.