ޚަބަރު

ބާޒާރުމަތީ މަގުގައި ތާރުއަޅަން ތައްޔާރުވަނީ


  • ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި

  • ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައި

މާލޭގެ ބާޒާރުމަތީ ސަރަހައްދުގައި ތާރު އެޅުމުގެ ތައްޔާރީތައް މި ހަފުތާތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މަޝްރޫޢުގެ ކޮންޓްރެއްކްޓަރ އެމްޓީސީސީން ވިދާޅުވީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ތާވަލާއި އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި ކޭބަލް ޖަންކްޝަންތަކުގެ އިތުރުން ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީން ވިދާޅުވީ، ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް މިއަދު ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން، މަގުގެ ދުވާރު ހެދުމާއި އަދި ކާނުތަކުގެ މަސައްކަތުގެ އިތުރުން ފެނާއި ކޭބަލް ޓްރެންޗްތަކުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

އެމްޓީސީސީން ވިދާޅުވީ، ތާރު އެޅުމުގެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް މި ހަފްތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތްތައް ރޯދައިގެ ކުރިން ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މި މަސައްކަތް ނިމުމުން މި ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. މި މަޝްރޫޢު ނިމުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.