ޚަބަރު

ޗެންޕިއަންކަން ކަށަވަރުވިޔަސް، ހުރިހާ މެޗެއް ކާމިޔާބުކުރަން ބޭނުން: ހެނާންޑޭޒް


  • ނިއުއިން އެ މެޗުގައި މާޒިޔާ ހިފެހެއްޓީ ފަހު މިނިޓްގައި ލިބުނު ޕެނަލްޓީއަކުން

  • ހެނާންޑޭޒް ބުނީ މެޗުގެ ފަހުކޮޅު ފެނުނީއެދެވޭ ކުޅުމެއް ނޫން ކަމަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޗެންޕިއަންކަން ކަށަވަރުވިޔަސް މުބާރާތުގެ ހުރިހާ މެޗެއް ކާމިޔާބުކުރަން ބޭނުންވާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

އެންމެފަހުން ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅުނު މެޗު ދިޔައީ އެއްވެސް ޕްރެޝަރެއް ނެތި ރަނގަޅަށް ކަމަށް ހެނާންޑޭޒް ވަނީ ބުނެފައެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ލީގު ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވިޔަ ނުދީ ހިފަހެއްޓި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭ
ޒް ބުނީ މެޗަށް ނިކުތް އިރު ޗެމްޕިއަންކަން ކަށަވަރުވެފައިވާތީ އެއްވެސް ޕްރެޝަރެއް ޓީމަށް ނެތް ކަމަށެވެ.

މާޒިޔާ އާއި ނިއު މެޗު 2-2 ލަނޑުން އެއްވަރުވެގެން ނިމުނު އިރު މި ނަތީޖާ އެކު މާޒިޔާ ލީގު އެއްވަނަ ލިބެނީ 45 ޕޮއިންޓާއެކުއެވެ. މިމެޗުން ހޯދި ޕޮއިންޓާ އެކު ނިއު ވަނީ ލީގުގެ ތިންވަނަ ކަށަވަރުކޮށްފައެވެ. އެއީ 17 މެޗުން ހޯދި 34 ޕޮއިންޓާއެކުއެވެ.

ހެނާންޑޭޒް ބުނީ މެޗުގެ އެންމެ ފަހު މިނިޓްގައިވީ ގޮތް ނޭންގޭ ކަމަށާއި، ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔައީ އެންމެ އެދެވޭ މަންޒަރެއް ނޫން ކަމަށެވެ. އަދި ނިއުގެ ބައެއް ކުޅުންތެރިންވެސް ޕެނަލްޓީއެއް ނޫންކަމަށްބުނެ ވާހަކަ ދެއްކި ކަމަށް ފާހަގަ ކުރިއެވެ. އެންމެފަހު ވަގުތު ފެނިގެން ދިޔައީ އެންމެ ރަނގަޅު ކުޅުން ނޫން ކަމަށް ހެނާންޑޭޒް ބުންޏެވެ. އަދި އެންމެ ފަހުވަގުތު ފެނުނީ އެދެވޭ މަންޒަރެއް ނޫން ކަމަށާއި ބެންޗުން އަދި ސަޕޯޓަރުންގެ ފަރާތުންވެސް ބޭއަދަބީ މަންޒަރުތަކެއް ކަމަށެވެ.

ނިއު އިން ނަތީޖާ ހަމަހަމަ ކުރީ އިތުރުވަގުތުގެ ފަހު މިނިޓުގައި އޭރިއާ ތެރެއިން ހާޖީ ކީޕަރު ކައިރިން ނައްޓާލަން އުޅުމުން މާޒިޔާ ކީޕަރު ހުސެއިން ޝަރީފް ކުރި ފައުލަކަށް ދިން ޕެނެލްޓީ ކާމިޔާބު ކުރި ލަނޑުންނެވެ. މި ޕެނެލްޓީ ގޯލަށް ވައްދާލީ އަލީ އަޝްފާގެވެ. އަޝްފާގު ލަނޑު ޖެހުމާއެކު ރެފްރީ ވަނީ ކުޅުން ނިންމާލައިފއެވެ.

މިހާރު މިއޮތީ ގާތްގަނޑަކަށް ލީގު ނިމިފަކަމަށާއި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލީގުގެ ސަބަބުން ކުރިއެރުންތަކެއް ލިބިއްޖެކަމަށްވެސް ހެނާންޑޭޒް ފާހަގަކުރިއެވެ. ހެނާންޑޭޒް ބުނީ މާޒިޔާއަށާއި ސަޕޯޓަރުންނަށާއި އޭނާގެ ސްޕެއިންގެ އާއިލާއިން ދޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ލީގުގެ ފަހު މެޗުގައި މާޒިޔާ ނުކުންނާނީ އޮޑިއާ ދެކޮޅަށެވެ.