ޚަބަރު

ޒަކާތުގެ ގޮތުގައި ލިބޭ ނަގުދު ފައިސާގެ ޢަދަދު ވަގުތުން ބެލޭނެ ނިޒާމެއް


  • މިއީ އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ މީހުންނަށް ފަސޭހަ ނިޒާމެއް

  • ޒަކާތް ބެހުން ވެސް އަވަސްވެގެން ދާނެކަމަށް ވިދާޅުވި

މުޅި ރާއްޖޭގައި ޒަކާތުގެ ގޮތުގައި ދައްކާ ނަގުދު ފައިސާގެ ޢަދަދު ވަގުތުން ބެލޭނެ ނިޒާމެއް ޤާއިމުކޮށްފިއެވެ. ޒަކާތުގެ ގޮތުގައި ދައްކާ ނަގުދު ފައިސާގެ މުޢާލާތް "ފިޠުރު ޕޯޓަލް"އިން ވަގުތުން ފެންނާނެއެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ޓަކައި "ފިޠުރު ޕޯޓަލް"ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސްއިން ތަޢާރަފުކޮށްފަވާކަމަށެވެ.

ފިޠުރު ޕޯޓަލް ތަޢާރުފުކުރުމުގެ މަޤްޞަދަކީ، ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުޞޫލަކުން އެ ކަން ކުރިއަށް ގެންދިއުމެވެ.

މި ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުޢާމަލާތްތައް ވަގުތުން ބެލުމުގެ ފުރުޞަތު ޒަކާތު ހައުސްއަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ޞައްޙަ ޖުމްލަ ޢަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލައިލެވޭނެއެވެ.

މި ގޮތަށް ހުރިހާ މަޢުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ރަމަޟާން މަސް ނިމޭ ތަނުން ލަސްނުކޮށް، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ފިޠުރު ޒަކާތް ލިބުން ޙައްޤުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ބެހުމަށް މަގުފަހިވާނެއެވެ.

ފިޠުރު ޕޯޓަލް ތަޢާރަފުކުރުމަކީ، މުޅި ރާއްޖޭގައި ޒަކާތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ގޮތްތަކާއި، ހަރުދަނާކަން އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.