ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އަޅާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އޭގެ ހައްގުވެރިންނާ ހަވާލުކުރާނެ ކަމަށް ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، ދ. ކުޑަހުވަދޫ ބުރާންޗުގެ އައު އިމާރާތް ހުޅުުވައި ޚިދުމަތްދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުއެވެ. މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.
ބީއެމްއެލް ކުޑަހަވަދޫ ބްރާންޗުގެ އައު އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ފައިދާ އިތުރުވުމަކީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންނަށް މުހިންމު ކަންތައްތަކަށް އިސްކަންދިނުމަށް ލިބޭ އިތުރު ހިއްވަރެއް ކަމަށެވެ. އަދި ސަރުކާރާއެކު މިފަދަ މުހިންމު މަޝްރޫޢުތަކުގައި ބޭންކުން ޢަމަލީގޮތުން ބައިވެރިވަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ނެޝަނަލް ހައުސިން އެފޯޑިބިލިޓީ އެންޑް އެކްސެސަބިލިޓީ ޕްރޮޖެކްޓްގެ ދަށުން އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމާބެހޭ ގަވާއިދުގެ ދަށުން 3،000އަށްވުރެ ގިނަ ފްލެޓް އެޅުމުގެ މަސައްކަތް ބީއެމްއެލްގެ ސަބްސިޑަރީން މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ލީސް ޓު އޯން މޮޑެލްގެ ދަށުން އަޅާ ސޯޝަލް ހައުސިންގެ ތެރެއިން 3260 ފްލެޓްގެ އަމަލީ މަސައްކަތް މިހާރު މި ބޭންކުގެ ސަބްސިޑަރީ ކުންފުނިން ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށް ފަށާފައި. 2028 ގެ މެދުތެރޭގައި މި ފްލެޓްތައް ލިބޭފަރާތްތަކާއި އިރާދަކުރެއްވިއްޔާ ހަވާލުކުރެވޭނެ. މީގެ އިތުރުން ސަރުކާރުން ހިންގަވާ މުހިންމު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަށް ބޭންކިންގެ ހަރުދަނާ އުސޫލުގެ ތެރެއިން އަޅުގަނޑުމެން މިދަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ ދޫކުރަމުން." ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މި މަޝްރޫއުތައް ހިންގާނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު ހޮވި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.
މި މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ. މި މަސައްކަތް ކުރަމުންދާ ރާއްޖޭން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަނެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އުފައްދާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބެންކުގެ ސަބްސިޑަރީއެއްގެ ގޮތުގައެވެ. އަދި އެ ކުންފުނި ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުގެ ސަބްސިޑަރީ ކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދިނުމަށާއި އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭ އިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދެމުންނެވެ.