ރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމަށް ކުޅުންތެރިން ހޮވުމަށް ބޭއްވި އޯޕަން ޓްރަޔަލްގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެ، ޓްރަޔަލްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޓީމަށް ކުޅުންތެރިން ހޮވުމަށް ބޭއްވި ޓްރަޔަލް އޮތީ ހޮނިހިރު ދުވަހުގެ ހަވީރު 15:30 އިން ފެށިގެން 18:00 އާ ހަމައަށް، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.
މި ޓްރަޔަލް މޮނީޓަރކުރުމުގައި ސީނިއަރ ޤައުމީ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އިސްޓަވާން އުރުބާނީއާއި، އެފްއޭއެމްގެ ޓެކްނިކަލް ޓީމުގެ އިސް ބޭފުޅުން އަދި ތަޖުރިބާކާރު ކޯޗިން ޓީމެއް ބައިވެރިވެފައިވެއެވެ.
މީގެއިތުރުން މި ޓްރަޔަލް ކުރިއަށްދިޔަ ގޮތް ބައްލަވާލެއްވުމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް އާއި ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވަޑައިގެންނެވިއެވެ. ރައީސް ޠާރިޤް ވަނީ ޓްރަޔަލްގައި ބައިވެރިވި ކުޅުންތެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވާފައެވެ.
އޭނާ ވަނީ، މި ޓްރަޔަލްއިން ނުހޮވުނު ނަމަވެސް، ނުހޮވޭ ކުދިންވެސް އުއްމީދު ކަނޑާނުލުމަށާއި، އަދިވެސް ފުރުސަތު އޮތްކަން ފާހަގަކުރައްވައި ހިތްވަރުދެއްވާފައެވެ. އަދި މިއީ އޮތް ހަމައެކަނި ފުރުސަތު ނޫން ކަމަށާއި، ކުރިއަށް ހުރި 20 އަހަރުން ދަށުގެ މުބާރާތްތަކުގައި ތަފާތު ދައްކާ ކުޅުންތެރިންނަށް ވެސް ޤައުމީ ޓީމުން ފުރުސަތު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ފެބްރުއަރީ 7 ގައި ފަށާ ގޯލްޑަން ޖުބްލީ މުބާރާތުގެ ތެރެއިން ވެސް ޤައުމީ ސްކޮޑަށް ކުޅުންތެރިން ނަގާނެ ކަމަށާއި، މިފަދަ ހުރިހާ މުބާރާތެއްވެސް އެފްއޭއެމްގެ ޓެކްނިކަލް ޓީމުން ވަރަށް ގާތުން ބަލަމުންދާނެކަމަށް ޠާރިޤް ވިދާޅުވިއެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ ސީނިއަރ ޓީމުގެ ކޯޗުގެ މަގާމުގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި އުރުބާނީ، ޒުވާން ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކުރާނެ ކަމަށެވެ.
އިއުލާނުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ބޭއްވި މި ޓްރަޔަލްގައި 156 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން އެފްއޭއެމުގެ އެކްޓިން ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި މި ފަހަކާ ޖެހެންދެން ހުންނެވި އަޙްމަދު ޝާކިރު (ޝާކިއްޓެ) ވިދާޅުވީ، ފައިނަލް ސްކޮޑު އެކުލަވާލާނީ ފުރަތަމަ ޓްރަޔަލްއިން ހޮވުނު ކުޅުންތެރިންނާއެކު އިތުރު ތަމްރީނުތަކެއް ބޭއްވުމަށްފަހުގައި ކަމަށެވެ. މީގެއިތުރުން މިހާރު ވެސް ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި އެކިއެކި މުބާރާތްތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިން ވެސް މި ފަރިތަކުރުންތަކުގައި ބައިވެރިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ޓްރަޔަލް އަކީ ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބާއްވާ ޓްރަޔަލްއެކެވެ.
ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނެނީ ނޭޕާލާއި ބޫޓާނާއި ސްރީލަންކާ އެވެ. ގްރޫޕް ބީގައި ހިމެނެނީ އިންޑިޔާ އާއި ބަނގްލަދޭޝް އާއި ޕާކިސްތާނެވެ.
މި މުބާރާތް މާލޭގައި ބާއްވާނީ މާޗު މަހުގެ 23 އިން އޭޕްރީލް މަހުގެ ހަތަރަކަށެވެ.