ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ ބްރެޒިލްގެ ގައުމީ ޓީމާއެކު 2030 ވަނަ އަހަރާ ހަމައަށް ދެމި ހުރުމަށް ކޮންޓްރެންޓް އާކުރަން ނިންމައިފި އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ދިޔައީ އިޓަލީގެ ކޯޗުގެ ކޮންޓްރެކްޓް އާކުރަން މަސައްކަތް ކުރަމުންނެވެ. މިހާރު ދެ ފަރާތުން މިކަމަށް އަނގަބަހުން އެއްބަސްވިއިރު ވަރަށް އަވަހަށް ކޮންޓްރެކްޓްގައި ސޮއިކުރާނެ އެވެ.
އަންޗެލޯޓީ ވެގެންދަނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެއް ގައުމީ ކޯޗަށެވެ. ކޮންޓްރެކްޓް އާ ކުރަން ދެ ފަރާތުން އެއްބަސްވީ މިހާރު ވެސް ހުރި މުސާރަތަކުގަ އެވެ. އެއީ އަހަރަކު އަންޗެލޯޓީ އަށް މުސާރައިގެ ގޮތުގައި 10 މިލިއަން ޔޫރޯ ލިބޭނެ އެވެ. އަދި ވޯލްޑް ކަޕް ކާމިޔާބު ކޮށްފިނަމަ ބޯނަސްގެ ގޮތުގައި އޭނާ އަށް ފަސް މިލިއަން ޔޫރޯ ވެސް ލިބޭނެ އެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު ޓީމުތަކަށް ކޯޗުކޮށްދިން އަންޗެލޯޓީ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވި ފަހުން ނަތީޖާތައް ވަރަށް ބޮޑަށް ވަނީ ރަނގަޅުކޮށްފަ އެވެ. އަދި އޭނާ އަށް ބްރެޒިލްގެ ކޯޗުކަން ދިނީ ވަރަށް ގިނަ ދުވަހެއްގެ އިންތިޒާރަށް ފަހު އެވެ. އެއީ ބްރެޒިލްގެ ކޯޗުންނާ ހަވާލުކޮށްގެން ގައުމީ ޓީމަށް ކާމިޔާބު ނުލިބި ދިއުން ތަކުރާރުވަމުން ދިއުމުގެ ސަބަބުންނެވެ.