އިންޓަރނޭޝަނަލް ހަލާލް ޓޫރިޒަމް އޮގަނައިޒޭޝަން (އައި.އެޗް.ޓީ.އޯ) އިން ވަނީ 2026 ފެބްރުއަރީ 7 އިން 8 އަށް ލަންޑަންގެ އެކްސެލްގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު މުސްލިމު ދަތުރުފަތުރުގެ ހަރަކާތް ކަމަށްވާ 'މުސްލިމް ޓްރެވަލް ޝޯ' ގައި ދިވެހިރާއްޖެ ބައިވެރިވާނެކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ.
މި އިސްނެގުމަކީ އިންޓަރނޭޝަނަލް ހަލާލް ޓޫރިޒަމް އޮގަނައިޒޭޝަންއިން އިސްވެ ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް، މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަން އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރަސްމީ ތާއީދު ވަނީ ލިބިފައެވެ.
މި ހަރަކާތުގައި ބައިވެރިވުމަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ދުނިޔޭގެ ހަލާލް ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ ދައުރު ފުޅާކޮށް، މަގުބޫލުކަން އިތުރުކުރުމަށް އެޅޭ މުހިންމު އިސްތިރާތީޖީ ފިޔަވަޅެއްކަމަށް އައި.އެޗް.ޓީ.އޯ އިން ވަނީ ވިދާޅުވެފައެވެ.
މުސްލިމު ޓްރެވަލް ޝޯއަކީ ހަލާލް އަދި މުސްލިމުންނަށް ބޭނުންވާ ފަތުރުވެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ އެންމެ ބޮޑު އެއް މާހައުލެވެ. މި ހަރަކާތުގެ ތެރެއިން ވިޔަފާރިވެރިންގެ މެދުގައި ބޭއްވޭ ބައްދަލުވުންތަކާއި އާންމު ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތްތައް އެއްވަގުތެއްގައި ކުރިއަށްދާނެއެވެ.
މި ހަރަކާތަކީ މުޅި ދުނިޔޭގެ މުސްލިމު ފަތުރުވެރިކަމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ފަރާތްތައް އެއްފުރާޅެއްގެ ދަށަށް ޖަމާވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. މި ހަރަކާތަކީ ރާއްޖެއަށް ވަރަށް މުހިންމު ހަރަކާތެކެވެ. ހަރަކާތުގެ ތެރެއިން ރާއްޖޭގެ މުސްލިމު ފަތުރުވެރިކަމާ ގުޅޭ އައު އިސްތިރާތީޖީ ސިޔާސަތުތައް ތައާރަފްކުރުމާއި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ވަސީލަތްތައް ދައްކާލާނެއެވެ.
ވިޔަފާރިވެރިންނާއި މުސްލިމު ފަތުރުވެރިންނާ ސީދާ ބައްދަލުކޮށް މުއާމަލާތްކުރުމާއި، ދިގުމުއްދަތުގެ ވިޔަފާރި ގުޅުންތަކާއި ޚިދުމަތް ފޯރުކޮށްދޭނެ އައު މަގުތައް ބިނާކުރެވޭނެކަމަށް އައި.އެޗް.ޓީ.އޯއިން ވަނީ ވިދާޅުވެފައެވެ.
މުސްލިމު ފަތުރުވެރިކަމަކީ މުޅި ދުނިޔޭގައިވެސް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ދާއިރާއެވެ. މި ދާއިރާގެ މުހިންމު ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު އަހަރީ ބާޒާރުގެ އަގު އުޅެނީ 200 އާއި 300 ބިލިޔަން ޔޫ.އެސް ޑޮލަރާ ދެމެދުގައެވެ. 2035 ވަނަ އަހަރާ ހަމައަށް މި ބާޒާރުގެ އަގު 500 ބިލިޔަން ޔޫ.އެސް ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
2024 ވަނަ އަހަރު 176 މިލިޔަން މުސްލިމު ފަތުރުވެރިން ދަތުރުކުރިކަމަށް ކަމަށް ބެލެވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 25 އިންސައްތައިގެ ކުރިއެރުމެކެވެ.