ޚަބަރު

ޗާގޯސް، މޮރިޝަސްއަށް ދިނުމާ ގުޅޭ ބަހުސްތައް މެދުކަނޑާލަން ނިންމައިފި


  • ޗާގޯސް ރާއްޖެއަށް ލިބުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޙައްގުކަން ބޮޑުކަމަށް ރައީސް ވިދާޅުވޭ

  • ސިޔާދަތީ ބެލެނިވެރިކަން ހޯދަން ރާއްޖެއަށް އަދިވެސް ފުރުސަތު އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވި

ޗާގޯސް މޮރިޝަސްއަށް ދިނުމާމެދު ކުރެވޭ ބަހުސްތައް މެދުކަނޑާލަން އިނގިރޭސިވިލާތުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ ބިލެއް އެޤައުމުގެ ސަރުކާރުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މަތީގެ، ހައުސް އޮފް ލޯޑްސްއަށް ފޮނުވާފައެވެ. އެ ބިލުގެ ބަހުސް ފަށަން ތައްޔާރުވެފައިވަނިކޮށް މިހާރު ވަނީ އެ ބަހުސްތައް މަޑުޖައްސާލަން ނިންމާފައެވެ. އެގޮތުން، މިދިޔަ ހުކުރު ދުވަހު މަތީ ގޭގެ ކޮންސަވޭޓިވްސް ޕާޓީ ތަމްސީލުކުރާ މެންބަރުން ވަނީ ބައިނަލްއަގުވާމީ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ބަހުސް މަޑުޖައްސާލަން ގޮވާލާފައެވެ.

މިއާއެކު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ބަހުސްތައް މެދުކަނޑާލައި، ބިލު އަނބުރާ ގެންދިއުމަށް ނިންމާފައެވެ. މި ބިލަކީ ޑިއޭގޯ ގަރސިއާ އަހަރަކު 101 މިލިޔަން ޕައުންޑުގެ ކުއްޔަކަށް 99 އަހަރަށް އެ ޤައުމަށް ދޭގޮތަށް ޗާގޯސްގެ އެހެން ރަށްތައް މޮރިޝަސްއަށް ދޭން ބުނާ ބިލެކެވެ.

މި ބިލާ ދެކޮޅު ހަދާ ފަރާތްތަކުން ބުނާ ގޮތުގައި ބިލު ފާސްވެއްޖެނަމަ 1966 ވަނަ އަހަރު އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވެ، ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފުވެގެންދާނެ ކަމަށެވެ. އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ޗާގޯސްގެ ރަށެއް ކަމުގައިވާ ޑިއޭގޯ ގަރސިއާގައި އެ ދެ ޤައުމުގެ މިލިޓަރީ ބޭސްއެއް ވަނީ ގާއިމުކޮށްފައެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭންވެސް މޮރިޝަސްއަށް އެތަން ދިނުމަށް ދެކޮޅެވެ. އިނގިރޭސިވިލާތުން ޗާގޯސް، މޮރިޝަސްއާއި ހަވާލުކުރިނަމަވެސް އެތަން ލިބުން އެންމެ ޙައްގު ޤައުމަކީ ދިވެހިރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "އެކްސްޕްރެސް"އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޗާގޯސް ރާއްޖެއަށް ލިބުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޙައްގުކަން ބޮޑުކަމަށެވެ. މޮރިޝަސްއަށްވުރެ ރާއްޖެއާއި ޗާގޯސް އޮންނަ ސަރަޙައްދު ގާތްވުމާއި، ރާއްޖެއާއި ޗާގޯސްއާ ދެމެދު ތާރީޚީ ވަރުގަދަ ގުޅުމެއް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިހާރު ރާއްޖެއިންވާނީ މިމައްސަލައިގައި ވަކާލާތުކުރާ ކަންކަމާއި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާއި ރަސްމީކޮށް ހިއްސާކޮށްފައި. މިވަގުތަށް މިމައްސަލައާއި ގުޅިގެން އިތުރުކަމެއް ހާމަކުރެވެން ނެތް ރާއްޖެއަށް ޗާގޯސްގެ ޙައްގުކަން ބޮޑުކަމަށް ތަކުރާރުކޮށް ބުނުން ފިޔަވާ." ރައީސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ މަތިގެއިން ބިލަށް ވޯޓުދިނުން ފަސްކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ޗާގޯސްގެ ސިޔާދަތީ ބެލެނިވެރިިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު ނުގެއްލޭކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނުވެސް ވަނީ ރާއްޖެއާ ޗާގޯސްގެ ރަށްތަކާ ތާރީޚީގޮތުން ގުޅުން އޮތްކަން ފާހަގަކުރައްވާފައެވެ.

ދިވެހިން "ފޯޅަވަހި" ކިޔާ ޗާގޯސްގެ ރަށްތަކާއި ދިވެހި ރަށްތަކާއި އެއްގޮތްކަން ބޮޑު ކަންތައްތަކެއް ހުންނައިރު ރާއްޖޭގެ ތާރީޚުގައި ފޯޅަވަހީގެ ވާހަކަތައް ގިނަކަން ފާހަގަކުރެވެއެވެ. ރާއްޖެއިން މިކަމުގައި ވަކާލާތުކުރާ ކަންކަމުގެ ތެރޭގައި މޮރިޝަސްއަކީ 17 ވަނަ ޤަރުނާހަމައަށް މީހުން ވަޒަންވެރިވެ އުޅުނު ތަނަކަށްނުވާއިރު ރާއްޖެއަކީ ދައުލަތެއްގެ ގޮތުގައި މީހުން ރަށްތަކެއްގެ މައްޗަށް ބެހި އާބާދުވެގެން ދިރިއުޅެމުން އަންނަތާ 4000 އެއްހާ އަހަރުވެފައިވާ ޤައުމެކެވެ.

ޗާގޯސް މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން 2019 ވަނަ އަހަރުވަނީ ޗާގޯސް މޮރިޝަސްއާއި ހަވާލުކުރުމަށް ނިންމަވާފައެވެ. މިއަށްފަހު ކުރެވުނު ގިނަ މަޝްވަރާތަކަށްފަހު އިނގިރޭސިވިލާތުންވަނީ ޗާގޯސް މޮރިޝަސްއަށް ދޫކޮށްލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ކެމްޕޭންގެ ތެރޭގައިވަނީ ޗާގޯސް އެއީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.