ޚަބަރު

ސިޓީ މޮޅުވެ އާސެނަލް އާއި ދެމެދުވާ ފަރަގު ކުޑަކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮލްވްސް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުވާ ފަރަގު ކުޑަކޮށްފި އެވެ.

މި މެޗުން ސިޓީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ޖުމްލަ 46 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 50 ޕޮއިންޓެވެ.

ނަމަވެސް މިއަދު މެންޗެސްޓަރ ޔުނައިޓެޑް އާއި ދެކޮޅަށް އާސެނަލް ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެނަމަ އެ ފަރަގު އަނެއްކާވެސް ހަތް ޕޮއިންޓަށް އިތުރުވެގެންދާނެ އެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 6 ވަނަ މިނިޓުގައި އުމަރު މަރްމޫޝް ވަނީ ލަނޑެއް ޖަހާ ސިޓީ އަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މި މެޗަށް މެންޗެސްޓަރ ސިޓީ ނިކުތްއިރު އެ ޓީމުގެ ކޯޗު ޕެޕް ގަޑިއޯލާ ވަނީ ފޯވަޑް އާލިން ހާލަންޑްގެ ބަދަލުގައި މަރްމޫޝް އަށް ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ. އަދި ހާލަންޑް މި މެޗުގައި ކުޅެން އަރުވާފައިވަނީ މެޗުގެ 73 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެންޓޮއިން ސެމެންޔޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މެންޗެސްޓަރ ސިޓީ މި މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުނުއިރު ޕްރިމިއާ ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެއް ނުވެއެވެ.