ޚަބަރު

މިއީ ރާއްޖޭގެ ދިފާޢީ އައްޑަނަ، ފޫއަޅުވާލަން އުނދަގޫވި ފާރު


  • މި ކާމިޔާބީއަކީ، އެތައް ދުވަހެއް ވަންދެން ކުރި ބުރަ މަސައްކަތާއި، ވީ ގުރުބާނީ

  • 23 ލަނޑު ރާއްޖެއިން މުބާރާތުގައި ކާމިޔާބުކުރިއިރު ފައިދާ 19 ލަނޑު އެބައޮތް

  • ފަސް ގައުމަކުން ރާއްޖެއާ ދެކޮޅަށް މިހާތަނަށް ކުޅެފައިވޭ

ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) އިން ފުރަތަމަ ފަހަރަށް ބޭއްވި ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން މިވަނީ ހޯދާފައެވެ.

މީގެ އެތައް އަހަރެއްކުރިން ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަ މިވަނީ ޖައްސާފައެވެ. އެތައް ބައެއްގެ މިންނެތް މަސައްކަތާއި، ކުރި އިންތިޒާރަށް، ރަން ނިމުމެއް މިވަނީ ގެނުވާފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، މި ކާމިޔާބީއާ ހަމައަށް ރާއްޖެ ދިޔައީ ކިރިޔަ ކިރިޔާއެއް ނޫނެވެ. ނޫނީ ނަސީބަކުން ވެސް ނޫނެވެ.

މި ކާމިޔާބީއާ ހަމައަށް ރާއްޖެ ދިޔައީ، އެތައް ދުވަހެއް ވަންދެން ކުރި ބުރަ މަސައްކަތާއި، ވީ ގުރުބާނީގެ ސަބަބުންނެވެ. ދަނޑުމަތީގައި ދެއްކި ފަޚުރުވެރިވާފަދަ ކުޅުމާއި، ދެއްކި ހިތްވަރުގެ ސަބަބުންނެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައިވާއިރު، ބާކީ އެއް މެޗު އޮއްވައި ރާއްޖެއިން ޗެމްޕިއަންކަން ކަށަވަރުކުރީ، ވާދަކޮށްލާނެ ޓީމެއް ވެސް ނެތިއޭ ބުނެވިދާނެއެވެ.

ގަދަބާރުތައް ކަމަށް ބުނި ބައެއް ޤައުމުތަކަށް ރާއްޖެ ކުރިމަތީގައި ހަމަ ހަގީގަތުގައި ވެސް ފެންވަރު ފެނިގެންދިޔައެވެ.

ރާއްޖޭގެ ނަތީޖާ

މުބާރާތުގައި ރާއްޖެއިން މިވަނީ ފަސް މެޗުން 15 ޕޮއިންޓު ހޯދާފައެވެ. ޖުމްލަ 23 ލަނޑު ރާއްޖެއިން މުބާރާތުގައި ކާމިޔާބުކޮށްފައިވާއިރު ފައިދާ ގޯލުގެ ގޮތުގައި 19 ލަނޑު އެބައޮތެވެ.

މުބާރާތަކުން ޓީމެއް މޮޅުވުމުގައި ހަމައެކަނި މަދަދުވެރިވަނީ ޖަހާ ލަނޑުތަކެއް ނޫނެވެ. ބައިކޮޅަށް ވަންނަ ލަނޑުގެ އަދަދު މަދުވުން ވެސް މިއީ އެހާމެ މުހިންމު ހިއްސާދާރެކެވެ.

ބައެއް ގައުމުތަކުން މުބާރާތުގެ ބައެއް މެޗުތަކުގައި، އެންމެ މެޗެއްގައި ވެސް ބައިކޮޅަށް ފަސް، ހަ ލަނޑު ވަދެފައިވާއިރު ރާއްޖެއިން މަސް މެޗު ނިންމާލިއިރު ބައިކޮޅަށް ޖުމްލަ ވަތް ލަނޑުގެ އަދަދުވެސް އެ އަދަދާ އަރާ ހަމަ ނުކުރެއެވެ.

ރާއްޖެ ހިމެނޭހެން ޖުމްލަ ހަތް ޓީމަކުން މުބާރާތުގައި ވާދަކުރިއިރު، ރާއްޖެ ފިޔަވައި ދެން އެންމެ މަދުން ބައިކޮޅަށް ލަނޑު ވަދެފައިވަނީ ނޭޕާލް ކޮޅަށެވެ. އެއީ 11 ލަނޑެވެ.

މިހުރިހާ ކަމެއް މިހެން ހުރުމުން ހާމަވާ އެއް ހަގީގަތެއް އެބައޮތެވެ.

ޒައިދާން ދެއްކި ހިތްވަރާއި ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ފަސް ގައުމަކުން ރާއްޖެއާ ދެކޮޅަށް މިހާތަނަށް ކުޅެފައިވެއެވެ.

ސަރަހައްދުގައި އެހެން ގޮތްގޮތުން ބޮޑެތި ބާރުތަކުގެ ގޮތުގައި ބެލެވޭ، ކުޅިވަރުގެ ވަސީލަތްތައް ގިނަ ގައުމުތައް ވެސް ހިމެނޭހެންނެވެ.

މިފަދަ ޤައުމުތަކަކުން ރާއްޖެއާ ދެކޮޅަށް ކުޅެ، ބައެއް ޤައުމުތަކަށް ރާއްޖެ ކޮޅަށް އެންމެ ލަނޑެއްވެސް ވައްދާލެވިފައެއް ނުވެއެވެ. އެޓޭކު ނުކުރާތީ ނޫނީ، ހަމަލާ އުފައްދާފައި ނުވާތީއެއް ނޫނެވެ.

ސާބިތުކަމާއި ޖެހިލުންކުޑަކަމާއެކު ޒައިދާން ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ކޮންމެ ހާލަތެއްގައި ވެސް، އަމިއްލަ ނަފްސަށް ބެލުމެއް ނެތި ދެއްކި ހިތްވަރުގެ ސަބަބުންނެވެ.

ފުޓުބޯޅަ ވިޔަސް، ފުޓްސަލް ވިޔަސް، ފަހަތަށް ކުޅޭ ކުޅުންތެރިންނަށް މެޗުތަކުގައި ގޯސް ވެސް ހެދޭނެއެވެ. ރާއްޖޭގެ ޓީމަށް ވެސް އެފަދަ ހާލަތްތައް ކުރިމަތިވެފައި އެބަހުއްޓެވެ.

އެހެންނަމަވެސް މިއިން ކޮންމެ ފަހަރަކު ވެސް ދިވެހި ކުޅުންތެރިންނާއި ކޯޗުންގެ ޓީމަށް ވެސް އަދި ސަޕޯޓަރުންނަށް ވެސް އޮތް ޔަގީންކަމެއް ވެއެވެ.

މަދު ފަހަރަކު ބައިކޮޅަށް ލަނޑެއް ވަން ނަމަވެސް، އަމިއްލަ ނަފްސު ނުރައްކަލަށް ހުށަހަޅައިގެން ވިޔަސް ބޯޅަ ބައިކޮޅަށް ވަނަ ނުދޭން ޒައިދާން އޭނާގެ "ބެސްޓު" ދައްކާނެ ކަމެވެ. ﷲ ގެ ރަޙްމަތްފުޅާއެކު ގިނަ ފަހަރަށް އޮތީ އެ މަސައްކަތުގައި ކާމިޔާބީ ވެސް ހޯދާފައެވެ.

ޒައިދާން މި މުބާރާތުގައި ވިދާލީ ހަމައެކަނި ބޯޅަ ދިފާއުކުރުމުގައި ތަފާތު ދެއްކީތީއެއް ނޫނެވެ. ޒައިދާން ވަނީ އަމިއްލަ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބޯޅައަކުން މުބާރާތުގައި ލަނޑު ވެސް ޖަހައިފައެވެ.

މި ހުރިހާ ކަމަކާއެކު ދިވެހިންނަށް މިއަދު ޒައިދާން ވަރަށް ޚާއްސަ ވެއްޖެއެވެ. ދިވެހިންނަށް އެއީ ހަމަ ހަގީގަތުގައި ވެސް ހީރޯއެކެވެ. ދިވެހި ޓީމުގެ އައްޑަނައެވެ. އިދިކޮޅު ޓީމުތަކަށް ފޫއަޅުވާލަން އުނދަގޫވި ފާރަށެވެ.