ސާފް ފުޓްސަލް ޗެމްޕިއަންޝިޕަކީ ރަސްމީ ފުޓްސަލްއަށް ޓީމުތައް ބައްޓަންވެގެން ދިއުމުގެ ފެށުންކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓެރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.
ޒަރީރު މިހެން ވިދާޅުވީ މުބާރާތް ކުރިއަށްދިޔަ ބެންކޮކްގެ ނޮންތަންބުރި ސްޓޭޑިއަމްގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޒަރީރު ވިދާޅުވީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ކާމިޔާބީ ހޯދުމަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ފުޓްސަލްއަށް ޚާއްސަ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުން ޓީމު ބައްޓަންކުރުންކަމަށެވެ. އައުޓްޑޯ ކޯޓެއްގައި ފަތިރަކުރުންތައް ކުރިއަށް ދިޔަކަމަށްވިޔަސް އުޒްބަކިސްތާނުގެ ތަޖުރިބާކާރު ކޯޗު ފާރުކް ޒަކިރޯވް ގައުމީ ފުޓްސަލް ޓީމު ބައްޓަންކޮށްފަވަނީ އިންޑޯ ކޯޓަކަށް ވިސްނައިގެންކަމަށެވެ.
މިމުބާރާތުގެ ސަބަބުން މީގެ ކުރިން ރާއްޖޭގައި ކުޅެމުން އައި "މިނީ ފުޓުބޯޅަ' ދޫކޮށްލާ ރަސްމީގޮތެއްގައި ފުޓްސަލްއަށް ޓީމުތައް ބައްޓަންވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ޒަރީރު ވިދާޅުވިއެވެ.
"މިއީ ރާއްޖޭގައި އަޅުގަނޑުމެން މި ކުޅެމުން އައި "މިނީ ފުޓުބޯޅައިގެ" ބަދަލުގައި އަޅުގަނޑުމެން ރަސްމީކޮށް ފުޓްސަލްއަށް ޓީމުތައް ބައްޓަން ކުރުމުގެ ފެށުމަކަށްވެގެންދާނެ" ޒަރީރު ވިދާޅުވިއެވެ.
ފުޓްސަލްގެ މަގުބޫލުކަން ރާއްޖޭގައި ކިތަންމެ ބޮޑު ނަމަވެސް މި ކުޅިވަރަކީ މީގެ ކުރިން އެފްއޭއެމްއިން އަޅާނުލާ ދޫކޮށްލާފައިވާ ކުޅިވަރެއްކަމަށް ޒަރީރު ހާމަކުރެއްވިއެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ޒަރީރު ވިދާޅުވީ ފުޓްސަލްއަކީވެސް ފުޓުބޯޅައިގެ ގޮތްޕެއްކަމަށްވީއިރު މީގެ ކުރިން މި ކުޅިވަރުގެ ބެލެނިވެރި ފަރާތެއްނެތި ދޫކޮށްލެވިފައިވާކަމަށެވެ.
މިކުޅިވަރު މީގެ ކުރިން ކުރިއަރުވަމުން ދިޔައީ އަމިއްލަ ފަރާތްތަކުން އިސްނަގައިގެންކަމަށާއި އެފްއޭއެމްގެ އެއްވެސް އެއްބާރުލުމެއް މިކުޅިވަރަށް ފާއިތުވެދިޔަ ތަނުގައި ލިބިފައި ނެތްކަން ޒަރީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިދިޔަ އަހަރު އިންތިޚާބުކޮށްފައިވާ އެފްއޭއެމްގެ އައު ހިންގާ ކޮމިޓީއިން އެކަމަށް ހައްލެއް ހޯދުމަށް ވިސްނާފައިވާއިރު، އެފްއޭއެމްއިން ފުޓްސަލްއަށް ހައްގުވާ މަގާމުދޭނެކަމުގެ ޔަގީންކަން ޒަރީރުވަނީ ދެއްވާފައެވެ.
ޒަރީރު ވިދާޅުވީ ފުޓްސަލްގެ އިތުރުން ބީޗް ސޮކާގެ ބެލެނިވެރިކަމާއިވެސް އެފްއޭއެމްއިން މިހާރު ހަވާލުވެފައިވާއިރު މި ދެ ކުޅިވަރުވެސް ދިރުވާ އާލާކުރައްވާނެކަމަށެވެ.
"މިދިޔަ އަހަރުތަކުގައި ފުޓްސަލް އަޅުގަނޑުމެން ކުޅެމުން އައިކަމަށްވިޔަސް އެސޯސިއޭޝަނުން ވަރަށް ބޮޑަށް އިހުމާލުވެފައި އޮތް ކުޅިވަރެއް މިއީ. އެހެންވީމަ އަޅުގަނޑުމެން ފުޓުބޯޅައިގެ ތެރޭގައި ފުޓުބޯޅައިގެ ބުރާންޗެއް ފުޓްސަލްއަކީވެސް ބީޗް ސޮކާރއަކީވެސް. އެހެންވީމަ އެފްއޭއެމްގެ އައު މެނޭޖްމަންޓުގެ ވަރަށް ބޮޑު އިސްކަމެއްދީގެން ވިސްނުންއެބަހުރި ފުޓްސަލްވެސް ބީޗް ސޮކާވެސް ކުރިއަރުވާ ކަންތައްކުރަން. އެކަމުގެ ފެށުމެއް މިއީ. އިރާދަކުރެއްވިއްޔާ ފުޓްސަލްއަށް މިގެއްލިފަ އޮތް ބެލެނިވެރިކަން އިރާދަކުރެއްވިއްޔާ އެފްއޭއިމް އިން މިނަގަނީ" ޒަރީރު ވިދާޅުވިއެވެ.
ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ރަނގަޅުކުރުމަށް އެފްއޭއެމްއިން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ކޮރަޕްޝަންގެ ހާއްޔަކަށްވެ އެފްއޭއެމްގެ ހިންގުން ބޮއްސުންލައި ދިޔުމުގެ ސަބަބުން ރާއްޖޭގެ އެއް ނަމްބަރު ކުޅިވަރު ވެންޓިލޭޓަރުގައި ވަނިކޮށް އަދުގެ ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅުތަކަކާއިއެކު ފީފާގެ ބެލުމުގެ ދަށުން ފުޓުބޯޅައަށް އަލުން އަންނަނީ ދިރުން ލިބެމުންނެވެ.
މިދިޔަ އަހަރު އަލަށް އިންތިޚާބުކުރެވުނު އެފްއޭއެމްގެ އައު ހިންގާ ކޮމިޓީއިންދަނީ ފުޓުބޯޅަ ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅު މުބާރާތްތަކާއި، އަންހެންނުންގެ ލީގުގެ އިތުރުން ދިވެހި ޕްރިމިއަލ ލީގުވެސްވަނީ އިޔާދަކޮށްދީފައެވެ.
މީގެ އިތުރުން ފުޓްސަލް އަދި ބީޗް ސޮކާގެ ބެލެނިވެރިކަންވެސް އެފްއޭއެމްއިން މިހާރު ނަގާފަވާއިރު މި ދެ ކުޅިވަރަށްވެސް ކުރިއަށް އޮތްތަނުގައި ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރެވެއެވެ.