ޚަބަރު

ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރަން: ރައީސް


  • ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަންހޯދީ ބޫޓާން 3-1 ން ބަލިކޮށްގެން

  • ރާއްޖޭގެ ޓީމު ހޯދި ފުރިހަމަ ކާމިޔާބީއަށް ރައީސް ވަނީ މަރުހަބާ ވިދާޅުުވެފައި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއްކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ގައުމީ ޓީމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ތައިލޭންޑްގެ ނޮންތަބުރީ ސްޓޭޑިއަމްގައި ކުރިޔަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ގައުމީ ޓީމުން ހޯދި މި ފަހުރުވެރި ކާމިޔާބީ ފާހަގަކުރައްވާ ސޯޝަލް މީޑިއާގައި ރައީސް ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރީން މި ހޯދި ބޮޑު ކާމިޔާބީގެ އުފަލުގައި މާތްﷲގެ ޙަޟްރަތަށް ޙަމްދު ކުރުން އިސްކުރައްވާ ކަމަށެވެ. އަދި ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރަައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއް. ވަކީން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް. މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް" ރައީސް ވިދާޅުވިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ، ރާއްޖޭގެ ފަސްވަނަ މެޗުގައި ބޫޓާނުގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ މޮޅުވެފައެވެ. އަދި މުބާރާތުގައި ރާއްޖެއަށް ބާކީ އެއް މެޗު އޮތްކަން ވެސް ފާހަގަކޮށްލެވެއެވެ.

ބެންކޮކުގެ ނޮންތަބުރީ އިންޑޯ ހޯލުގައި މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި، ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ހަމަލާތަކެއް އުފައްދައި، ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ.

ބޫޓާން ޓީމުން ޑިފެންސިވް ގޭމެއް ކުޅެ ކައުންޓަރ އެޓޭކުން ފުރުސަތުތައް ތަނަވަސްކުރިއިރު ރާއްޖެ ޓީމުން ކުޅުނީ ކުރިއަށް ޖެހިގެން އެޓޭކިން ގޭމެކެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބޫޓާން ޓީމުންނެވެ. ހާފުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިގްނޭ ޝުލްޓްރިމްއެވެ.

ބޫޓާނުގެ މި ލަނޑާއެކު ދިވެހި ކުޅުންތެރިން އިތުރު ހިތްވަރަކާއެކު ލަނޑުޖަހަން މަސައްކަތްކުރިއިރު، ހާފު ނިމުމުގެ ކުރިން ރާއްޖެއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ހާފުގެ މެދެއްހައި ހިސާބުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއް ތިން ދަނޑިން އެތެރެކޮށްލައި މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.

ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެ ޓީމުން ދެވަނަ ހާފު ފެށިއިރު، މިހާފު ރާއްޖެއިން ފެށީ ވަރުގަދަކޮށެވެ.

ނަތީޖާއެއްގެ ގޮތުން ހާފު ފަށައިގެން ދެ މިނެޓުގެ ތެރޭގައި ރާއްޖެއިން ވަނީ ލަނޑެއްޖަހައި، ފުރަތަމަ ފަހަރަށް މެޗުގައި ލީޑުނަގާފައެވެ. ބޫޓާން ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމެއްގައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އަހްމަދު ހަމީދު (އައްމަޑޭ) އެވެ.

ރާއްޖެއިން މެޗުގައި ޖެހި ތިންވަނަ ލަނޑަކީ، ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި ނަތީޖާއާއިއެކު ރާއްޖެއިން މެޗުން މޮޅުވިއިރު، ރާއްޖެއިން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާފައި މިވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ޖުމްލަ 15 ޕޮއިންޓާއެކުއެވެ. ދެން އެއްވެސް ޓީމަކަށް، ބާކީ މެޗުތަކެއް ހުރި ނަމަވެސް ރާއްޖެއާ ޕޮއިންޓުގެ ގޮތުން އެއްހަމަ ނުކުރެވޭނެއެވެ.

ރާއްޖެއާ ޕޮއިންޓުގެ ގޮތުން އެންމެ ކައިރީގައި، ތާވަލުގެ ދެވަނައިގައި އޮތް ޕާކިސްތާނަށް ބާކީ އެއް މެޗު އޮތްއިރު، ފަސް މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ދެން އޮތް މެޗު ކާމިޔާބުކުރި ނަމަވެސް ޕާކިސްތާނަށް ލިބޭނީ 13 ޕޮއިންޓެވެ.

ތާވަލުގެ ތިންވަނައިގައި އޮތް ނޭޕާލަށް ފަސް މެޗުން އަށް ޕޮއިންޓު ލިބިފައިވާއިރު ދެން އޮތް މެޗުން މޮޅުވެގެން އެންމެ ގިނަވެގެން ލިބޭނީ 11 ޕޮއިންޓެވެ.

މިއާއެކު ބާކީ އެއް މެޗު އޮއްވައި ރާއްޖެއިން ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މިއީ ފުޓްސަލްގައި ރާއްޖެއިން ހޯދި ބައިނަލްއަގްވާމީ ފުރަތަމަ ތަށްޓެވެ.