ޗެލްސީގެ ފޯވަޑް ކޯލް ޕާމާ އެ ކްލަބުގައި ހުރީ ވަރަށް އުފަލުން ކަމުގައި ކޯޗު ލިއާމް ރޮޒޭނިއާ ބުނެފި އެވެ.
ރޮޒޭނިއާ މިހެން ބުނެފައިވަނީ އުމުރުން 23 އަހަރުގެ ފޯވަޑް އޭނާ އުޅެ ބޮޑުވި މެންޗެސްޓަރ ހަނދާންވެ ޔުނައިޓެޑަށް ބަދަލުވާން އުޅޭ ކަމަށް އިނގިރޭސިވިލާތުގެ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނިކޮށެވެ.
"އަހަރެން އެތަކެއް ފަހަރު މަތިން ޕާމާ އާއި ވާހަކަ ދައްކައިފިން އަދި އެ ވާހަކަތަކުން އެނގޭ އޭނާ މި ކްލަބުގައި ހުރީ ވަރަށް އުފަލުން ކަން. ޕާމާ އަކީ ޗެލްސީގެ ޕްލޭންގައި ވަރަށް މުހިންމު ދައުރެއް އޮތް ކުޅުންތެރިއެއް." ރޮޒޭނިއާ ބުންޏެވެ.
ރޮޒޭނިއާ އިތުރަށް ބުނެފައިވާ ގޮތުގައި ކިތަންމެ މޮޅު ކުޅުންތެރިއެއް ނަމަވެސް ކެރިއަރގައި ދަތި ދުވަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
"ޕާމާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް އަދި ކިތަންމެ މޮޅު ކުޅުންތެރިއެއް ނަމަވެސް ކެރިއަރގައި ދަތި އުނދަގޫ ދުވަސްތައް އަންނާނެ އެކަމަކު އެއީ އެ ކުޅުންތެރިއެއްގެ ފެންވަރު ދަށްވާނެ ކަމެއް ނޫން." ރޮޒޭނިއާ އިތުރަށް ބުންޏެވެ.
ކޯލް ޕާމާ ވަނީ ޗެލްސީ އާއިއެކު ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރު އައު ކޮށްފަ އެވެ. އަދި އަލަށް ސޮއި ކުރި އެއްބަސްވުމުގެ ދަށުން އޭނާ ޗެލްސީގައި 2033 ވަނަ އަހަރާއި ހަމައަށް މަޑުކުރާނެ އެވެ.
ޕާމާގެ ވާހަކަ އިތުރަށް ގަދަވެގެން ދިޔައީ ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި ބްރެންޓްފޯޑް އަތުން 2-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗުގައި ޕާމާ ލަނޑު ޖެހުމަށްފަހު އުފާ ފާޅު ނުކުރުމުގެ އިތުރުން މެޗު ނިމުމާއިއެކު ޓަނަލް ތެރެއަށް ވަނުމާއި ގުޅިގެންނެވެ.