ކުޅިވަރު

ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕުގައި ވާދަކުރާ އުންމީދީ ޓީމު މޮރޮކޯއަށް


  • މުބާރާތް ކުރިއަށްދާނީ މިމަހުގެ 31 އިން އަންނަމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް

  • މިމުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ފަސް ބޮޑީބޯޑަރުން

  • މިއީ އައިބީސީ ވޯލްޑް ޓުއަރ އިވެންޓެއް

މިމަހުގެ 31 އިން އަންނަމަހުގެ 12 ވަނަ ދުވަހަށް މޮރޮކޯގައި ކުރިއަށްދާ ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ ބޮޑީބޯޑިން ޓީމު މިއަދު މޮރޮކޯއަށް ފުރައިފިއެވެ.

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ފަސް އެތުލީޓުންނަކީ ސީނިއާ ކެޓަގަރީގައި ވާދަކުރާ އުންމީދީ ބޮޑީބޯޑަރު އާމިން އުމަރު މޫސާއާއި، ޢަލީ ޚުޝްރުވާން އަހުމަދާއި، އަޝްރަފް ހަސަނެވެ. މި ކެޓަގަރީގައި ވާދަކުރުމަށް މުޙައްމަދު ކައިފުވެސް މުބާރާތަށް ދާގޮތަށް އޮތް ނަމަވެސް ފަހުވަގުތު ދިމާވި އަނިޔާގެ މައްސަލައަކާއި ގުޅިގެން މުބާރާތާ ވަނީ ވަކިވެފައެވެ.

މިމުބާރާތުގެ ޖޫނިއާ ކެޓަގަރީގައި ވާދަކުރާނީ އުންމީދީ ބޮޑީބޯޑަރު އިޔާން އަހުމަދެވެ. މީގެ އިތުރުން ޓީމުގެ މެނޭޖަރު އަދި ބޮޑީބޯޑިން އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓެރީ ހަސަން ރަޝީދުވެސް ޓީމާއެކު ވަނީ ފުރާފައެވެ.

މުބާރާތަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުރެ ސީނިއާ ކެޓަގަރީގައި ރާއްޖެ ތަމްސީލުކުރާ ތަޖުރިބާކާރު ބޮޑީބޯޑަރު ޢަލީ ޚުޝްރުވާން އަހުމަދު ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ މުބާރާތުން ރަނގަޅު ވަނައަކަށް ކުރެވޭ އުންމީދު ބޮޑުކަމަށެވެ. މި މުބާރާތަކީ ރާއްޖޭގެ ބޮޑީބޯޑިން ޓީމު ރަސްމީގޮތެއްގައި އެކުލަވައިލުމަށްފަހު ޓީމެއްގެ ގޮތުގައި ވާދަކުރާ ބައިނަލްއަޤުވާމީ ފުރަތަމަ މުބާރާތަށްވާއިރު، ދުރާލާ ފަރިތަކުރުންތައް ކުރިޔަށްދިޔަކަމަށާއި މުބާރާތަށް ފުރަނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންކަމަށް އޭނާ ބުންޏެވެ.

"އައްޔަމެން މިދަނީ ވަރަށް ތައްޔާރުވެގެން ވަރަށް ރެޑީވެގެން މިދަނީ މޮރޮކޯއިން ރަނގަޅު ވަނައެއް ހޯދުމަށް. އަނެއްހެން ބުނާނަމަ މިއީ ޓީމެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މިދަނީ. އެހެންވީމަ ވަރަށް ހިތްހަމަޖެހޭ، ވަރަށް އުފާވޭ. މި ޓީމާއި މެދުވެސް ވަރަށް ހިތްހަމަޖެހޭ. ވަރަށް ރަނގަޅު ޓީމެކޭ ބުނެވޭނީ. ރަނގަޅު ކާމިޔާބެއް ހޯދާނެ ޓީމަކަށްވާނެ" ބޮޑީބޯޑިންގައި ގިނަ ކާމިޔާބުތަކެއް ހޯދަމުން އަންނަ ތަޖުރިބާކާރު ބޮޑީބޯޑަރ ބުންޏެވެ.

މޮރޮކޯގައި ކުރިއަށްދާ މުބާރާތުގެ ތެރެއިން ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ މޫސުމީ ގޮތުން ރާއްޖެއާއި މޮރޮކޯގެ ތަފާތުކަމަށް ޢަލީ ޚުޝްރުވާން ފާހަގަކުރިއެވެ. އެހެންނަމަވެސް މުބާރާތުގެ ތަންކޮޅެއް ކުރިން މޮރޮކޯއަށް ދާން ފުރުސަތު ލިބުމަކީ މޫސުމަށް ހޭނިލަން ލިބޭ ރަނގަޅު ފުރުސަތަކަށްވާނެކަމަށާއި އުންމީދަކީ މުބާރާތުން ރަނގަޅު ނަތީޖާއެއް ހޯދުންކަމަށް އޭނާ ބުނެފަވެއެވެ.

"މޮރޮކޯގައި ވާގޮތަކީ ފިނި ހޫނުމިން ވަރަށް ތަފާތުވާނެ. އައްޔަމެން މިއީ ރާއްޖެގައި އުޅޭއިރު އެއްވެސް ވަރަކަށް ވެޓްސޫޓެއް ބޭނުމެއް ނުވާނެ. މޮރޮކޯގައި ބޭނުންވާނެ ތުރީ އެމްއެމް ޕްލަސް، ޓޫ އެމްއެމް ކަހަލަ ގޮތަކަށް ވެޓްސޫޓެއް ބޭނުންވާނެ. އެހެންވީމަ އެ ސްޓްރަގްލް އިންނާނެ. އެކަމަކުވެސް ނަސީބު ކަންދިމާކުރިގޮތުން ތަންކޮޅެއް ކުރީބައިގަ މިދެވެނީ. ހޭނިލަން ހަމަ ޗާންސެއް ލިބޭ އެބަ. އެހެންވީމަ ހީވެ ވަރަށް ރަނގަޅުވާނެހެން" އައްޔަ ބުންޏެވެ.

ޖޫނިއާ ކެޓެގެރީގައި ރާއްޖެ ތަމްސީލުކުރާ އުމުރުން 17 އަހަރުގެ އިޔަން އަހުމަދުވެސް ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ބުނީ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤަވާއިދުން ޖިމަށްގޮސް ފަރިތަކުރުންތަކުގައި ބައިވެރިވިކަމަށް އޭނާ ބުންޏެވެ. މިމުބާރާތުގައި ވާދަކުރުމަކީ އޭނާގެ ދުވަސްވީ އުންމީދެއްކަމަށްވާއިރު މުބާރާތުން އެއްވަނަ ހޯދުމަކީ އިޔަންގެ ޓާގެޓެވެ.

"އިޔަންގެ ޓާގެޓަކީ މޮޅުވާން، މުޅި މުބާރާތުން ހަމަ ފަސްޓް ޕްލޭސް، ވަރަށް ގިނަ ދުވަހުގެ މަސައްކަތް މިއީ. ޖިމަށް ގޮސް ޓްރޭނިންއަށް ހަމަ ކޮންމެ ދުވަހަކު އެރި. ވަރަށް ބޮޑަށް ޕްރިޕެއަރވެފިން މިއަށް. އިޔަންގެ ވަރަށް ބޮޑު ޑްރީމެއް މި އެކޮމްޕްލިޝްވަނީ" ކުރިއަރަމުން އަންނަ ޒުވާން އެތުލީޓު ބުންޏެވެ.

މީގެ ކުރިން ޕޯޗުގަލްގައި އުޅެފައިވާ އިޔަންއަށް މޮރޮކޯގެ މޫސުމުގެ ސަބަބުން މާބޮޑު ދައްޗެއް އައިސްދާނެކަމަށް ނުބެލޭވަކަމަށް އިޔަން ފާހަގަކުރިއިރު، ފިނީގެ ސަބަބުން ރާޅު ތަފާތުވާނެކަމަށް އޭނާ ބުންނެވެ. އެހެންނަމަވެސް މަސައްކަތްކުރާނީ އެންމެ ރަނގަޅު ނަތީޖާ ޤައުމަށް ގެނެސްދިނުމަށްކަމަށް އިޔަން ބުންޏެވެ.

"އިޔަން ކުރިން ޕޯޗުގަލްގައި އުޅެފައިހުރީމަ ތަންކޮޅެއް އެކްސްޕީރިއަންސްވާނެ. އެކަމަކު ތަންކޮޅެއް އުނދަގުވާނެ ފިނިވީމަ. ދެން ރާޅުވެސް ތަފާތުވާނެ. އެކަމަކު މިބަލަނީ އެންމެ ރަނގަޅު ރިޒަލްޓް ގެނެވޭތޯ" އިޔަން ބުންޏެވެ.

މިއީ ޤައުމީ ބޮޑީބޯޑިން ޓީމުގެ ބައިނަލްއަޤުވާމީ ފުރަތަމަ މުބާރާތަށްވާއިރު މިމުބާރާތުގެ ސަބަބުން ދެން ކުރިއަށް ހުރި މުބާރާތްތަކަށް ރަނގަޅު ތަޖުރިބާތަކެއް ލިބޭނެކަމަށް އިޔަން ގަބޫލުކުރެއެވެ. ޓީމެއްގެ ގޮތުގައި މުބާރާތުގައި ވާދަކޮށްލަން ލިބުމަކީ ހިތްހަމަޖެހުމެއްކަމަށާއި މުބާރާތުގައި ވާދަކުރާއިރު ޓީމުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އޭނާ ފާހަގަކުރިއެވެ.

"މިމުބާރާތުން އަސްލު ވަރަށް ބޮޑު އެކްސްޕީރިއަންސެއް ލިބޭނެ. މުޅި ޓީމާއި އެއްކޮށް ގޮސް އެންމެންގެ ސަޕޯޓު އޮންނާނެ. އެހެންވީމަ ވަރަށް ބޮޑަށް އެހެން މުބާރާތްތަކަށް މިމުބާރާތުން ޕްރިޕެއަރ ކުރެވޭނެ" އިޔަން ބުންޏެވެ.

އައިބީސީ ވޯލްޑް ޓުއަރ އިވެންޓެއްކަމަށްވާ ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕަކީ ރޯޔަލް މޮރޮކަން ސާރފިން ފެޑެރޭޝަން (އެފްއާރްއެމްއެސް) އިން އިންތިޒާމުކޮށްގެން ބާއްވާ ކުރިއަށްގެންދާ މުބާރާތެކެވެ.

މިމުބާރާތް ކުރިއަށްދާނީ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ މިންގަނޑުތަކާ އެއްގޮތަށެވެ. 2020 ވަނަ އަހަރުގެ ތެރޭގައި ރަސްމީކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ބޮޑީބޯޑިން ޓީމު އެކުލަވާލާފައިވާއިރު މިއީ އެޓީމުން ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ ތަމްސީކުރާ ފުރަތަމަ މުބާރާތެވެ.

ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕަކީ އައިބީސީ ވޯލްޑް ޓުއަރގެ މުހިންމު މުބާރާތަކަށްވާއިރު، މިމުބާރާތުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގުވާމީ ތަޖުރިބާތަކެއް ލިބި، ރޭންކް މައްޗަށް ޖައްސާލުމުގެ ފުރުސަތު ފަހިވާނެއެވެ.