ޚަބަރު

ބީފާނު 2026: ރަތަފަންދޫ ބަލިކޮށް، ޗެމްޕިއަންކަން ދަޑިމަގަށް


ބީފާން 2026 ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ދަޑިމަގުން ހޯދީ ފައިނަލް މެޗުގައި ރަތަފަންދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 2-3 ސެޓުން ކުރިހޯދައިގެންނެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފެވެ.

ވާދަވެރިކަން ބޮޑުވި މި މެޗުގައި، ރާއްޖޭގެ ވޮލީގެ ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން ފެނިގެންގޮސްފައިވެއެވެ. އެގޮތުން، ފުވައްމުލަކު ޓީމުން ރާއްޖޭގެ ޒުވާން ވޮލީ ތަރި، ޝަމާއިލް ހުސެއިން އާއި ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ލިބަރޯ އަޙްމަދު ނަބީލްގެ އިތުރުން އަޙްމަދު ނާސިޙް އަދި އަޙްމަދު މުޙައްމަދު (ކޯކޭ)އަކީ ރާއްޖޭގެ ވޮލީގައި ފާހަގަކޮށްލެވޭ ނަންތަކެވެ. މީގެ އިތުރުން ރަތަފަންދޫ ޓީމުން، ރާއްޖޭގެ ވޮލީގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމުގައިވާ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) ފެނިގެންދިޔައެވެ.

ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ދަޑިމަގުންނެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 16-25 އިންނެވެ. މެޗުގެ ދެވަނަ ސެޓު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. ފަހަރަކު ޓީމަކުން ޕޮއިންޓެއް ހޯދަމުންދިޔަ ކަހަލަ ގޮތަކަށް ފެނުނު މި މެޗު، 23-25 އިން ކާމިޔާބުކުރީ ރަތަފަންދޫއިންނެވެ.

މެޗުގެ ތިންވަނަ ސެޓު ފަށައިގެން ދަޑިމަގުން ވަނީ ބޮޑު ލީޑެއް ނަގާފައެވެ. އެގޮތުން 10-19 ގެ ނަތީޖާއެއްގައި، ނުވަ ޕޮއިންޓުގެ ލީޑެއްގައި ވެސް ދަޑިމަގު އޮތެވެ. ރަތަފަންދޫ ޓީމުގެ ކުޅޫންތެރިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި ސެޓު 16-25 އިން ކާމިޔާބުކުރީ ދަޑިމަގުންނެވެ

މެޗުގެ ހަތަރުވަނަ ސެޓުގައި ރަތަފަންދޫ ޓީމުން ވަނީ އިތުރު ސެޓެއް ނަގައި، އުއްމީދެއް ހޯދަން މަސައްކަތްކޮށްފައެވެ. ކަށިން ހިތްވަރުނެރެ ކުރި މަސައްކަތުން ރަތަފަންދޫއިން ވަނީ މި ސެޓު 19-25އިން ކާމިޔާބުކޮށްފައެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޓައިބްރޭކާ ސެޓެއް ކުޅެން ޖެހުނުއިރު، މި ސެޓު 9-15 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުންނެވެ.

ފިޔޯރީންނާއި ރަތަފަންދޫ އަދި ފުވައްމުލަކު ސިޓީން ޓީމުތައް ވާދަކުރި ފޯރިގަދަ މި މުބާރާތުގެ ޗެމްޕިއަންކަން ދަޑިމަގުން ހޯދިއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަޑިމަގުގެ ބިދޭސީ ކުޅުންތެރިޔާ ކަވަޗީކާ މަދުޝަންކާއެވެ.

މުބާރާތުގެ ޑްރީމް ޓީމްގައި އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންނަށް ހޮވުނީ ރަދަފަންދޫގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި ފިޔޯރީގެ އަހްމަދު ހުޒާމެވެ.

އެންމެ މޮޅު މިޑްލް ބްލޮކަރުންނަށް ހޮވުނީ ދަޑިމަގުގެ އަހްމަދު ނާސިހުއާއި އަހްމަދު މުޙައްމަދު (ކޯކޭ) އެވެ.

މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ހޮވުނީ މާރިފް އަލީ ނަސީރެވެ. ބެސްޓް އޮޕޮސިޓް ޕްލެޔަރަކަށް ރަތަފަންދޫގެ މުޙައްމަދު ރިމާޒް ހޮވުނުއިރު އެންމެ މޮޅު ލިބެރޯއަކަށް ހޮވުނީ ދަޑިމަގުގެ އަހްމަދު ނަބީލެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ދަޑިމަގުގެ ސުމިތު ޖަވަލާލެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ފިޔޯރީގެ ހަސަން ޒައީމް އިބްރާޙީމެވެ.

އެންމެ ގިނަ ޕޮއިންޓު ހޯދައިދިން ކުޅުންތެރިއަކީ އިސްމާއީލް ސާޖިދެވެ. އެންމެ މުހިންމު ކުޅުންތެރިއަކަށް ކަވަޝިކާ ހޮވުނުއިރު "ކިންގް އޮފް ބީފާން" އަކަށް ހޮވުނީ ރަތަފަންދޫގެ ޖުނައިދު އަބްދުﷲ އެވެ.