ޚަބަރު

ރާއްޖެ - ބޫޓާން: އިންތިޒާރަށް ނިމުމެއް؟


ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ ފުޓްސަލްގައި، އެކި ފަންތީގެ މެޗުތައް ކުޅޭތާ ދެ ދަހަރަށް (20 އަހަރަށް) ވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ.

ޤައުމީ ޓީމެއް އެކުލަވާލައި، ޤައުމު ތަމްސީލުކުރުމަށް ރާއްޖެއިން އެންމެ ފުރަތަމަ ފުޓްސަލްގެ ބައިނަލްއަގްވާމީ މެޗެއް ކުޅެފައި ވަނީ 2004 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ. މަކާއޯގައި އޮތް އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި، ކުވެއިތާ ދެކޮޅަށް ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 0-20 އިންނެވެ.

ފާއިތުވީ މުއްދަތުގެ ތެރޭގައި، މި ފަހަކާ ޖެހެންދެން ވެސް ފުޓްސަލްގައި ރާއްޖެއަށް މާބޮޑު ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ.

އެހެންނަމަވެސް، މާޒީގެ އެ ހިތި ދުވަސްތައް މިއަދު ހިތުން ފޮހެލެވޭހާ އުއްމީދީ ކުރިއެރުންތަކެއް ޤައުމީ ފުޓްސަލް ޓީމުން މިވަނީ ހޯދާފައެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެ މިއަދު މިއޮތީ މުބާރާތުގެ ތަށީގައި އަތްލެވޭހައި ގާތުގައެވެ. ފުޓްސަލްގައި ތަށްޓެއް ހޯދުމަށް ދިވެހިން ދެކެމުން އައި ހުވަފެނުގައި، ހަގީގީ ކުލަ ޖެހުމަށް ދެން ބޭނުންވަނީ އެންމެ މޮޅެކެވެ.

ދިވެހިރާއްޖެ

މި މުބާރާތް ފެށިއިރު ވެސް ރާއްޖެ އަކީ މުބާރާތް ކާމިޔާބުކުރުމުގައި ފޭވަރިޓެކެވެ.

ސަރަހައްދީ ފުޓްސަލްގައި އެންމެ ހުނަރުވެރި ކުޅުންތެރިން ތިބި އެއް ގައުމަކީ ރާއްޖެއެވެ. ފީފާގެ ފުޓްސަލް ރޭންކިންގައި ވެސް މި ސަރަހައްދުގައި އެންމެ މަތިން ރޭންކު ކުރެވިފައިވާ ޤައުމަކީ ވެސް، 400،000 އެއްހައި މީހުން ދިރިއުޅޭ މި ކުޑަކުޑަ ދިވެހިރާއްޖެއެވެ.

ބޮޑު އުއްމީދަކާއެކު ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން މި މުބާރާތަށް ނުކުތްއިރު، މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ރާއްޖެއިން އަންނަނީ ސައްތައިން ސައްތައިގެ މޮޅުވުމުގެ ރެކޯޑެއް ދަމަހައްޓަމުންނެވެ.

ނޭޕާލްއާ ދެކޮޅަށް އެންމެފަހުން ކުޅުނު މެޗުން 1-2 އިން މޮޅުވި ނަމަވެސް، އޭގެކުރިން ކުޅުނު ތިން މެޗުން ވެސް ރާއްޖެއިން މޮޅުވެފައި ވަނީ ފަރަގު ބޮޑު ނަތީޖާތަކަކުންނެވެ.

އެގޮތުން އެންމެފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ 1-7 އިން ވަނީ މޮޅުވެފައެވެ. ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 1-6 އިންނެވެ. ތިންވަނަ މެޗުގައި ވަރުގަދަ އިންޑިއާ އަތުން ވެސް 0-5 ގެ ފަރަގު ބޮޑު ނަތީޖާއަކުން ވަނީ ކުރިހޯދާފައެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ރާއްޖެއަށް ދެން ބޭނުންވަނީ ދެ މެޗުން، ދެ ޕޮއިންޓެވެ. ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ރާއްޖެއަށް ބާކީ އެއް މެޗު އޮއްވައި ޗެމްޕިއަންކަން ޔަގީންވީއެވެ.

ތަރި

ރާއްޖޭގައި ތިބީ ހުނަރުގެ ގޮތުން ޝައްކެއް އުފެއްދޭވަރަށް ވުރެ މާ މޮޅެތި ކުޅުންތެރިންނެވެ. ދިވެހި ސްކޮޑުން ވަކި ކުޅުންތެރިއެއްގެ ނަން ޙާއްސަކުރުން ވާނީ އެހެން ކުޅުންތެރިންނަށް ވެވޭ ބޭއިންސާފެއް ކަމުގައި ނޫނީ ނުވާނެއެވެ.

އެހެންނަމަވެސް، މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ދިވެހި ސްކޮޑުން، ވަކި ކުޅުންތެރިއެއްގެ ކުޅުމަށް ތައުރީފުކުރާނަމަ، އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ ނަން ޙާއްސަވެއެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ހަތަރު މެޗުގައި ވެސް ދެ ކުޅުންތެރިއަކު ލަނޑު ޖަހާފައިވެއެވެ. އެއީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އަދި ޝާފިއުއެވެ.

މިއީ ހަމަ ގައިމުވެސް ރާއްޖެ ޓީމުން، މި މުބާރާތުގައި އެންމެ ފާޙަގަކޮށްލެވޭ ދެ ނަމެވެ.

ބޫޓާން

ބޫޓާނަކީ މި މުބާރާތުގައި ކުޅޭ 7 ގައުމުގެ ތެރެއިން އެންމެ ދަށް ނަތީޖާއެއް ނެރެމުން އަންނަ ގައުމެވެ.

މިހާތަނަށް މުބާރާތުގައި ބޫޓާނުން ކުޅެފައިވާ ހަތަރު މެޗުން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. ތިން މެޗުން ބަލިވިއިރު، ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ އެއްވަރުވެފައެވެ.

ބޫޓާން މިވަގުތު އޮތީ ވެސް ތާވަލުގެ ފުލުގައެވެ. އެއީ ހަތަރު މެޗުން އެއް ޕޮއިންޓާއެކުއެވެ. ހަވަނައިގައި އޮތް ސްރީލަންކާއަށް ވެސް ލިބެނީ ޕޮއިންޓެވެ. އެހެންނަމަވެސް ބޫޓާން ފުލުގައި އޮތީ، ބައިކޮޅަށް ވަދެފައިވާ ލަނޑުގެ އަދަދު ގިނަވުމުންނެވެ.

ބޫޓާނަށް މުބާރާތުގައި ވަނައަކަށް ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާއިރު، ބައިކޮޅަށް ޖުމްލަ 22 ލަނޑު ވަދެފައިވެއެވެ.

ތަރި

ބޫޓާންގެ ސްކޮޑުގައި، ތަރިއެކޭ ބުނެ ފާހަގަކޮށްލެވޭ ވަރުގެ ކުޅުންތެރިއަކު ނެތެވެ.

އެ ޤައުމަކީ ފުޓްސަލްގައި މާބޮޑު ތާރީޚެއް ނުވަތަ ކާމިޔާބީތަކެއް އޮތް ޤައުމަކަށް ނުވާއިރު، ހުނަރުގެ ގޮތުން ވެސް މާ ތަފާތު ކުޅުންތެރިއެއް ބޫޓާން ޓީމުގައި ފެންނާކަށް ނެތެވެ.

ރެކޯޑުތަކުން އެނގޭ ގޮތުގައި އެ ޓީމަށް އެންމެ ގިނަ ލަނޑުޖަހާފައިވާ ކުޅުންތެރިއަކީ ވެސް އަދި އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިއަކީ ވެސް، ޕްރޮފެޝަނަލް ފުޓުބޯޅަ އަދި ފުޓްސަލް އިން ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔަރ ކޮށްފައިވާ ޕަސަންގް ޝެރިންއެވެ. އޭނާ ފަހުން ފެނިގެންދިޔައީ ފުޓުބޯޅަ ކޯޗެއްގެ ގޮތުގައެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ ސްކޮޑުން ވަކި ކުޅުންތެރިއެއްގެ ނަން ހާާއްސަ ކުރާނަމަ ފާޙަގަކޮށްލެވޭނީ ޑާވާ ޝެރިންގެ ނަމެވެ.

އޭނާ ވަނީ މެޗުތަކުން ބޫޓާން ބަލިވި ނަމަވެސް، ލަނޑުތަކެއް ޖަހާފައެވެ. އަދި ޖުމްލަ ގޮތެއްގައި ސްކޮޑުގައި އެންމެ ފާޙަގަކޮށްލެވޭ ކުޅުންތެރިއަކަށް މިވަގުތު ހުރީ އޭނާއެވެ.

ނަތީޖާ - ފަރަގުބޮޑު މޮޅެއް؟

ކޮންމެއަކަސް، ބޫޓާނާ ދެކޮޅަށް ނުކުންނަ މެޗަކީ ރާއްޖެއަށް ޙާއްސަ މެޗެކެވެ.

މުބާރާތުގައި ރާއްޖެއިން ވާދަކުރި އެހެން ޓީމުތަކާ އަޅާ ބަލާއިރު، ބޫޓާނަކީ ފަސޭހަ ޓީމެއްކަމާމެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. ނެރެފައިވާ ނަތީޖާތަކާއި، ޕޮއިންޓު ތާވަލުން ވެސް ބުނެދޭ ހަގީގަތަކީ އެއީއެވެ.

ކަން މިހެން އޮތުމާއެކު، މުބާރާތުގެ ތަށްޓާ މެދު ދިވެހިންނަށް ކުރެވޭ އުއްމީދު މިވަނީ ބޮޑުވެފައެވެ.

ދެ މެޗުން ދެ ޕޮއިންޓު ހޯދައިގެން ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރެވެން އޮތްއިރު، ބޫޓާން އަތުން ތިން ޕޮއިންޓު ހޯދާލައިގެން ވެސް މި ކާމިޔާބީ ހާސިލްކުރެވެން އެބައޮތެވެ.

ޓީމުގެ އުއްމީދަކީ ވެސް، ސަޕޯޓަރުންގެ އެދުމަކީ ވެސް އެއީއެވެ.

ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު މުބާރާތް ނިންމާލުމެވެ.