ޚަބަރު

ލޭ ލިބުމުގައި ދަތިތަކެއް، ހަދިޔާކުރަން ފަސްނުޖެހެމާ!


  • ލޭ ހަދިޔާކުރެވޭނީ ހުޅުމާލެ ފޭސް 1ގެ އޮރެންޖު ހިޔާއަށް

  • އުމުރުން 18 އަހަރުވެ ބަރުދަނުގައި 45 ކިލޯ ހަމަވާނަމަ ލޭ ހަދިޔާކުރެވޭނެ

  • 6 ވައްތަރެއްގެ ލޭ ވަރަށް އަވަހަށް ވަނީ ބޭނުންވެފައި

މި ދުވަސްވަރު ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާތީ ވީހާވެސް ގިނަ ފަރާތްތަކަކުން ލޭ ހަދިޔާ ކުރުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން އެދިއްޖެއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އެމްބީއެސްއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 6 ބާވަތެއްގެ ލޭ ވަރަށް އަވަހަށް އެ ސަރވިސްއަށް ބޭނުންވާ ކަމަށެވެ.

ލޭ ބޭނުންވެގެން ބުނެފައިވާ ވައްތަރުތައް:

* އޭ ޕޮޒިޓިވް
* އޯ ޕޮޒިޓިވް
* އޯ ނެގެޓިވް
* ބީ ޕޮޒިޓިވް
* ބީ ނެގެޓިވް
* އޭބީ ޕޮޒިޓިވް

އެމްބީއެސްއިން ކުރި ޕޯސްޓުގައި ބުނެފައިވަނީ ލޭ ހޯދަން މިހާރު ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އެހެންކަމުން މި ކެޓަގަރީތަކުގެ ލޭ ހުރި ފަރާތްތަކުން އެ ސަރވިސްއަށް ވަޑައިގެން ލޭ ހަދިޔާ ކޮށްދިނުމަށް ވަނީ އެދިފައެވެ.

ލޭ ހަދިޔާކުރެވޭނީ ހުޅުމާލެ ފޭސް1 ގައި ހުންނަ އޮރެންޖު ހިޔާއަށެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 08:00 އަށް މިތަން ހުޅުވާފައި ހުންނާނެއެވެ.

ލޭ ހަދިޔާ ކުރެވޭނީ، އުމުރުން 18 އަހަރު ވެފައިވާ ބަރުދަނުގައި 45 ކިލޯ ހަމަވާ ފަރާތްތަކަށެވެ. އަދި ލޭ ހަދިޔާކުރާ ފަރާތަކީ ސިއްޙަތު ސަލާމަތުން ހުރި ފަރާތަކަށްވެސް ވާންޖެހޭނެއެވެ.

ލޭ ހަދިޔާ ކުރަން ދާއިރު 6 ގަޑިއިރުގެ ނިދި ހަމަވާން ޖެހެއެވެ. އަދި ލޭ ހަދިޔާ ކުރުމުގެ 1 ގަޑިއިރު ކުރިން ކޮންމެވެސް އެއްޗެއް ކާންޖެހޭނެއެވެ.

ލެއަކީނ ހަދިޔާ ކުރުމުން މެނުވީ އެއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ލިބޭނެ އެއްޗެއްނޫނެވެ. އެހެންކަމުން ލޭ ހަދިޔާ ކުރުމަކީ، ކޮންމެ ފަރާތަކުންވެސް އިންސާނިއްޔަތަށްޓަކައި ކޮށްދޭ ކަމެއްގެ ގޮތުގައި ދެކެން ޖެހެއެވެ.

ކޮންމެ 3 މަހަކުން 1 ފަހަރު ލޭ ހަދިޔާ ކުރެވޭނެއެވެ. ރާއްޖޭގައި ލޭއަޅާ 660 އަށްވުރެ ގިނަ ކުދިން ތިބިއިރު މީގެތެރެއިން ގިނަ ކުދިން ޚިދުމަތް ހޯދަމުންދަނީ، ތެލަސީމިއާ ސެންޓަރުންނެވެ. އެހެންކަމުން ކޮންމެ ދުވަހަކު އެތައް ޕޮއިންޓެއްގެ ލޭ ބޭނުންވެއެވެ. ކުރިއަށް އޮތީ ރަމަޟާންމަހަށް ވުމާއިއެކު މިއީވެސް ލޭ ހޯދުމަށް ދަތި މަހަކަށް ވާނެ ކަމަށް އެމްބީއެސްއިން ވިދާޅުވެއެވެ.