ކުޅިވަރު

ނެޓްބޯޅަ އެސޯސިއޭޝަނަށް ވަޒީރު ދެއްވީ ޔަގީންކަން


ނެޓްބޯޅަ އެސޯސިއޭޝަނާއިއެކު ކުޅިވަރު ވަޒީރު ހުންނެވީ ވަރަށް ޕޮޒިޓިވްކޮށްކަމަށާއި އުންމީދަކީ މިއަހަރަކީވެސް ނެޓްބޯޅައިގައި ކާމިޔާބު އަހަރަކަށްވުންކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަޒްނާ ޖަލީލް ވިދާޅުވެއްޖެއެވެ.

ކުޅިވަރު ވަޒީރާއިއެކު ނެޓްބޯޅަ އެސޯސިއޭޝަނުގެ އިސްވެރިން ދާދިފަހުން ބޭއްވެވި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފަޒްނާ ވިދާޅުވީ އެބައްދަލުވުމުގެ ތެރެއިން ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން އެސޯސިއޭޝަނުގެ މިއަހަރުގެ ކަލަންޑަރު ވަޒީރާއި ހިއްސާކުރެވިފައިވާކަމަށް ފަޒްނާ ފާހަގަކުރެއްވިއެވެ.

މިއަހަރުވެސް ގިނަ މުބާރާތްތަކެއް އެ އެސޯސިއޭޝަނުން ބާއްވަން ރާވާފަވާއިރު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެއިން މިއަހަރުވެސް ވާދަކުރާނެކަމަށް ފަޒްނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން އެސޯސިއޭޝަނުން މިއަހަރަށް ރާވާފައިވާ ހަރަކާތްތަކުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުންވެސް ވަޒީރާއި އެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި ބޮޑަށް މަޝްވަރާކުރެވިފައިވަނީ މިއަހަރަށް ތާވަލުކޮށްފައިވާ ބައިނަލްއަގްވާމީ މުބާރާތްތަކާއި ގުޅޭގޮތުންނެވެ.

އޭގެ އިތުރުން ގައުމީ ޓީމުތަކަށް ތަޖުރިބާ ހޯދައިދިނުމަށް ބައިނަލްއަގްވާމީ އެކްސްޕޯޝަރ ދަތުރުތަކެއް ރާވާފައިވާއިރު އެކަމާއި ގުޅޭގޮތުންވެސް ވަޒީރާއި މައުލޫމާތު ހިއްސާކުރެވިފައިވާކަމަށް ފަޒްނާ ހާމަކުރެއްވިއެވެ.

"ވަޒީރު ހުންނެވީ ވަރަށް ޕޮޒިޓިވްކޮށް. އުންމީދަކީ މިއަހަރަކީވެސް ނެޓްބޯޅައިން ގިނަ ކާމިޔާބުތަކެއް ހޯދޭނެ އަހަރަކަށްވުން" ފަޒްނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން އެސޯސިއޭޝަނުން މިއަހަރަށް ރާވާފައިވާ ހަރަކާތްތަކުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާއިރު، ނެޓްބޯޅަ ކުރިއެރުވުމަށް ކުޅިވަރު ވުޒާރާގެ ފަރާތުން އެއްބާރުލުންދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިކަމަށް ފަޒްނާ ވިދާޅުވިއެވެ.

ނިމިދިޔަ އަހަރަކީ ނެޓްބޯޅަ އެސޯސިއޭޝަނުން ގިނަ ކާމިޔާބުތަކެއް ހޯދި އަހަރެކެވެ. އެގޮތުން ނެޓްބޯޅައިން ބައިނަލްއަގްވާމީ މައިދާނުގައި ވާދަކޮށް ރާއްޖެއަށް ރަން ވަނަތަކެއް ފާއިތުވެދިޔަ އަހަރު ގެނެސްދީފައިވާއިރު، ޖޫނިއަރ ގައުމީ ނެޓްބޯޅަ ޓީމުން ވަނީ މިދިޔަ އަހަރުގެ ޖޫންމަހު ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކޮށް މުބާރާތުގެ ފަޚުރުވެރި ދެވަނަ ހާސިލްކޮށްފައެވެ.

އޭގެ އިތުރުން އެމުބާރާތުން ހޯދި ފަޚުރުވެރި ވަނައާއެކު ރާއްޖޭގެ ޖޫނިއާ ނެޓްބޯޅައިގެ މިހާރުގެ ރޭންކިންގ ވަނީ އޭޝިއާގެ ހަތް ވަނައަށް ކުރިއަށްޖެހިފަކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިޓީމުން ވަނީ މިދިޔަ އަހަރުގެ މޭމަހު ހޮންގކޮންގުގައި ކުރިއަށްދިޔަ ބައުހީނިއާ ކަޕުގައިވެސް ވާދަކޮށް ރާއްޖެއަށް ތިންވަނަ ގެނެސްދީފައެވެ.