ޚަބަރު

މާސޭ ބަލިކޮށް ލިވަޕޫލް ފުރުސަތު ބޮޑުކޮށްފި


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ މާސޭ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މި މެޗުން ލިވަޕޫލް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގު ބުރުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ހޯދާފަ އެވެ. ފުރަތަމަ ބުރުގެ ގަދަ އަށް ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާއިރު ލިވަޕޫލް އަށް އަދި އެއް މެޗު ބާކީ އެބައޮތެވެ.

މާސޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލް ނިކުތްއިރު އެ ޓީމުގެ މުހައްމަދު ސަލާހް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހަށްފަހު ފުރަތަމަ ފަހަރަށް ލިވަޕޫލްގެ ފުރަތަމަ 11 ގައި ހިމެނިފަ އެވެ.

ލިވަޕޫލް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި ޑޮމިނިކް ސޮބޮޒްލާއީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ލިވަޕޫލް އިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 72 ވަނަ މިނިޓޫގައި މާސޭގެ ޖެރޮނީމޯ ރޫލީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ކޯޑީ ގެކްޕޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. ގެކްޕޯ މި މެޗުގައި ކުޅެން އަރާފައިވަނީ މެޗުގެ 79 ވަނަ މިނިޓުގައި ހޫގޯ އެކިޓީކޭގެ ބަދަލުގަ އެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އަންނަ ހަފްތާގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ނިކުންނާނީ ގަރަބަގް އާއި ދެކޮޅަށެވެ.