ޚަބަރު

ބިލިޔަނަރު މުކޭޝްގެ އާނަންތާއި ރާދިކާ ރާއްޖޭގައި


  • މި ދެމަފިރިން ރާއްޖެ އައީ މިދިޔަ ހޮނިހިރުދުވަހު

  • މިފަހަރު ޗުއްޓީ ހޭދަކުރަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި

މަޝްހޫރު ބިލިޔަނަރު މުކޭޝް އަމްބާނީގެ ހަގު ފިރިހެން ދަރިފުޅު އާނަންތު އަމްބާނީ އާއި އޭނާގެ އަންހެނުން ރާދިކާ މާޗަންޓު ޗުއްޓީ ހޭދަކުރަން އަނެއްކާވެސް ރާއްޖެ އަތުވެއްޖެއެވެ.

މި ދެމަފިރިންވަނީ 2024 ވަަނަ އަހަރުގެ ނޮވެމްބަރުމަހުވެސް ރާއްޖެ އައިސްފައެވެ. އެފަހަރު ޗުއްޓީ ހޭދަކުރީ ހދ. މަކުނުދޫ ފަޅުގައި އޮންނަ ސޮނެވާ ސީކްރެޓް ރިސޯޓުގައެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ހަބަރުތައް ގެނެސްދޭ ހޮޓެލިއާ މޯލްޑިވްސް އިން ބުނި ގޮތުގައި، އެ ދެމަފިރިން ރާއްޖެ އައިއިރު ސަލާމަތީ ކަންތައްތައް ބަލަހައްޓަން 50 މީހުން ގެނައެވެ. އަދި ރިސޯޓުގައި ދެ ސީޕްލޭން އަބަދުވެސް ސްޓޭންޑްބައިގައި ބާއްވާފައިވެއެވެ.

އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓު މިފަހަރު ޗުއްޓީ ހޭދަކުރަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.

އާނަންތުގެ ބައްޕަ މަޝްހޫރު ބިލިޔަނަރު މުކޭޝް އަމްބާނީއަކީ، ދުނިޔޭގެ 18 ވަނައަށް އެންމެ މުއްސަނދި މީހާގެ އިތުރުން، އޭޝިޔާގެ އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 92.5 ބިލިޔަން ޑޮލަރަށް އަރައެވެ.