ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ބަދަލުކުރުމަށް ކީރް ސްޓާމަރ ނިންމެވި ނިންމެވުމަކީ އިނގިރޭސިވިލާތުގެ ގިނަ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އިސްތިއުމާރު ނައްތާލުމަށް ނިންމެވި މުހިންމު ނިންމެވުމެކެވެ. ނަމަވެސް ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރަނީ ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައެވެ. އަދި ފޯޅަވަހީގެ ޙައްޤުވެރިކަން އެންމެ ބޮޑީ ވެސް ދިވެހިރާއްޖެއަށްކަމަށެވެ. މިކަން ހާމަވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ.
އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ފޯޅަވަހީގެ މިލްކުވެރިކަމާ ގޮތުން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ މުއާމަލާތްކޮށްފައިވާކަން ހާމަކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޖިއޮގްރަފީގެ ގޮތުންނާއި ތާރީޚީ ގޮތުން ބަލާއިރު، މޮރިޝަސްއަށްވުރެ ބޮޑަށް އެ ޖަޒީރާގެ ޙައްޤުވެރިއަކީ ރާއްޖެއެވެ. މި މައްސަލައިގައި އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން އެ ޤައުމުގެ އިޤްތިސާދަށް ބޮޑު ބުރައެއް އުފުލަންޖެހޭއިރު، ރާއްޖޭގެ ހުށަހެޅުމަށް އަމަލުކޮށްފިނަމަ އެތައް ބިލިއަން ޕައުންޑެއް ސަލާމަތް ކުރެވޭނެއެވެ.
މި މައްސަލައިގެ އެންމެ މައިގަނޑު އަސާސަކީ، އިންޑޯ-ޕެސިފިކް ސަރަހައްދުގައި އިނގިރޭސިވިލާތާއި އެމެރިކާގެ ދިފާއީ ނިޒާމު ދެމެހެއްޓުމަށްޓަކައި އިސްތިރާތީޖީ ގޮތުން ނުހަނު މުހިންމު ދައުރެއް އަދާކުރާ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒެވެ. މި ބަނދަރަކީ ޗައިނާއިން އެ ސަރަހައްދުގައި ފަތުރަމުންދާ ނުފޫޒުތަކާ ދެކޮޅަށް އޮތް ވަރުގަދަ އައްޑަނައެކެވެ.
އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އަލަށް އެކުލަވައިލި އެއްބަސްވުމުގެ ދަށުން، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، 99 އަހަރުގެ މުއްދަތަކަށް ޑިއޭގޯ ގާސިއާ ކުއްޔަށް ހިފުމުގެ ބާރު އިނގިރޭސިވިލާތާއި އެމެރިކާއަށް މި އެއްބަސްވުމުގެ ދަށުން ލިބިގެންވެއެވެ. މިހާރު އިނގިރޭސިވިލާތުގެ މިލްކެއްގެ ގޮތުގައި އޮތް މި ބިމަށް، ކުލީގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ޕައުންޑް މޮރިޝަސްއަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ކަން މިހެން އޮތް އިރު، ދިވެހިރާއްޖެއަށް އަދި ޚާއްސަކޮށް ރައީސް ޑރ. މުއިއްޒަށް މިއީ ހަމައެކަނި ސިޔާސީ މައްސަލައެއް ނޫނެވެ. މިއީ ތާރީޚީ ޙަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ އިންސާފުވެރި ހައްލެއް ހޯދުމަށް ކުރައްވާ މަސައްކަތެކެވެ. ދިވެހި ތާރީޚާ ތަރިކަ ހިމާޔަތްކުރުމަށް ކުރެވޭ ޤައުމީ މަސައްކަތެކެވެ.
އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ 'އެކްސްޕްރެސް' އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވީ، ރަސްމީ ސިޓީގެ ޒަރީއާއިން ރާއްޖޭގެ ކަންބޮޑުވުންތަކާއި މި ސަރަހައްދުގެ މައްޗަށް ރާއްޖެއިން ކުރާ ދަޢުވާ އިނގިރޭސި ސަރުކާރަށް ފުރިހަމައަށް ހުށަހަޅާފައިވާނެ ކަމަށެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދެކުނުން އޮންނަ ފޯޅަވެއްސާއި ރާއްޖެއާ ދެމެދު ތާރީޚީ ގުޅުންތަކެއް އޮތްކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ މިކަމާ ގުޅޭ ލިޔެކިޔުންތަކުގެ ހެކި އެބަހުރި ކަމަށެވެ. އަދި އެހެން އެއްވެސް ޤައުމަކަށްވުރެ ބޮޑަށް ފޯޅަވަހީގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ރާއްޖެއަށް ލިބިގެންވާކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން ވާނީ ރަސްމީ ސިޓީބިޓީގެ ޒަރީއާއިން އިނގިރޭސި ސަރުކާރަށް އަޅުގަނޑުމެންގެ ދަޢުވާއާއި ކަންބޮޑުވުންތައް ހުށަހަޅާފައި. މި މަޝްވަރާތަކުގެ ތަފްސީލު ހާމަކުރެވެން ނެތް ނަމަވެސް، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްޗަށް އެންމެ ވަރުގަދަ ދަޢުވާއެއް ކުރެވެން އޮތީ ދިވެހިރާއްޖެއަށް ކަމާމެދު އަޅުގަނޑުމެންގެ ފުރިހަމަ އިތުބާރު އެބައޮތްކަން ތަކުރާރުކޮށް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
މޮރިޝަސްއާއި އެ ޤައުމުގެ ވެރިރަށް ޕޯޓް ލުއީ އޮންނަނީ ފޯޅަވައްސާ ގާތްގަނޑަކަށް 1،300 މޭލު ދުރުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެކެވެ.
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ކަންކަމެވެ. ފޯޅަވަހީން ފެނިފައިވާ، ދިވެހިބަހުން ލިޔެ ކަނޑާނަގާފައިވާ މަހާނަގާތަކަކީ އެތައް ޒަމާނެއް ވަންދެން އޮތް ގާތް ގުޅުމުގެ ހެކިތަކުގެ ތެރެއިން ވަރަށް ބޮޑު ހެއްކެވެ. މި މަހާނަ ގައުތަކާ ރާއްޖޭގެ އެހެން ރަށަތަކުން ފެންނަން ހުރި ކުރީގެ މަހާނަ ގައުތަކާ އެއްވެސް ތަފާތެއް ނެތެވެ.
17 ވަނަ ގަރުނުގައި ޑަޗުންނާއި، ފްރެންޗުން އަދި އޭގެ ފަހުން އިނގިރޭސި އިސްތިއުމާރީ ބާރުތަކުން ޔޫރަޕާއި އެފްރިކާއިން މީހުން ގެނެސް އާބާދުކުރުމުގެ ކުރިން މޮރިޝަސްއަކީ ފަޅު ރަށެއްގެ ގޮތުގައި އޮތް ތަނެއް ނަމަވެސް، ދިވެހިރާއްޖެއަކީ 2،500 އަހަރަށްވުރެ ގިނަ ދުވަސްވީ އާބާދީއެއް އޮތް ޤައުމެކެވެ. އަދި ފޯޅަވަހީން ފެނިފައިވާ ދިވެހި މަހާނަގާތަކަކީ 900 އަހަރަށްވުރެ ގިނަ ދުވަސްވީ ތަކެއްޗެވެ. މިއީ މޮރިޝަސްގައި އިސްތިއުމާރީ ބާރުތަކުން މީހުން އާބާދުކުރުމުގެ މާ ކުރީގެ ތާރީޚެކެވެ.
މީގެ އިތުރުން، އެތައް ގަރުނެއްވީ ދިވެހި ފުލޯކު ވާހަކަތަކުންވެސް ދަތުރުވެރިންނާއި މަސްވެރިން އެ ރަށްރަށުގައި ތިބިކަމުގެ ވާހަކަތައް އެނގެން އެބަހުއްޓެވެ. 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލެއްގެ ފަތްކޮޅެއްގައި ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޮތްކަން ބަޔާންކޮށްފައިވެއެވެ. މިއީ މޮރިޝަސްގައި އިންސާނުން އާބާދުވުމުގެ 100 އަހަރަށްވުރެ ކުރީގެ ތާރީޚެކެވެ. ކާބަން-ޑޭޓިންގް ބޭނުންކޮށްގެން ހޯދާފައިވާ އާސާރީ ހެކިތަކުގެ އިތުރުން، 1970ގެ އަހަރުތަކުގައި އިނގިރޭސި-އެމެރިކާ އަސްކަރީ މަރުކަޒު ހެދުމަށްޓަކައި އެ ރަށްތަކުން މަޖުބޫރުން ބޭރުކޮށްލި ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ޑީ.އެން.އޭއިން އެމީހުންގެ ކިބައިގައި ދިވެހި ނަސްލާއި ކްރިއޯލް ނަސްލުގެ ހިއްސާ އޮތްކަން ހާމަވެއެވެ.
ކީރް ސްޓާމަރގެ ފޯޅަވަހީގެ އެއްބަސްވުމާމެދު ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ގުޅުން އޮތީ ވަރަށް ވަރުގަދަކޮށެވެ. އަދި އިނގިރޭސިވިލާތުގެ ރައްޔިތުން އެންމެ ޒިޔާރަތްކުރަން ބޭނުންވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އަބަދުވެސް ފާހަގަކުރެވޭއިރު، އިނގިރޭސިވިލާތާއި ރާއްޖޭގެ ރައްޔިތުންނާ ދެމެދު އޮތް ގުޅުމެއް މަދު ޤައުމަކާ ނޫނީ ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެންމެ ކުރީއްސުރެ ވެސް އިނގިރޭސިން ޗުއްޓީ ހޭދަކުރަން އެންމެ ބޭނުންވާ މަންޒިލަކީ ދިވެހިރާއްޖެ،" ރައީސް ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބިނާކުރުމުގައި އިނގިރޭސި ފަތުރުވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންގެ ތޭރެގައިވެސް ގިނައީ އިނގިރޭސިން. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރީކޮޅު އެންމެ ގިނައިން މިކަން ކުރަންވީ ގޮތުގެ އިރުޝާދުދިން މީހުންގެ ތެރޭގައިވެސް އިނގިރޭސިވިލާތަށް ނިސްބަތްވާ އާކިޓެކްޓުންނާއި، އިންޖިނިއަރުންނާއި ހޮޓެލް ހިންގާ ފަރާތްތައް ހިމެނޭ. އަދި ފަތުރުވެރިކަމުގައި އަޅުގަނޑުމެން ބަލައިގަތީ އިގިރޭސިވިލާތުގެ މެހެންދާރީގެ މިންގަނޑުތައް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެޤައުމުގައި އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނަކަމަށާއި ގުޅުން އަދިވެސް އޮތީ ވަރުގަދަކޮށް ކަމަށެވެ.
ކޮންމެ އަހަރަކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތުން އިނގިރޭސިވިލާތަކީ އަބަދުވެސް އެންމެ ކުރީގައި އުޅޭ ތިން ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެމީހުން ރާއްޖެއަށް ޝައުޤުވެރިވަނީ ރައީސް މުޢިއްޒު ސިފަކުރެއްވި ފަދައިން، "ދުނިޔޭގައި އޮތް އެންމެ ސާފު މޫދާއި އެންމެ ފުރިހަމަ ގޮނޑުދޮށްތަކާއި، އެންމެ ހުދު ދޮންވެލި" ނިސްބަތްވަނީ ރާއްޖެއަށް ކަމުންނެވެ.