އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގައި ޓީމު ދަނޑުން ބޭލުމުން އެކަމާ ހިތާމަ ކުރާ ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް ސެނެގާލްގެ ކޯޗު ޕާޕާ ތިއޯ ބުނެފި އެވެ.
މެޗު ފަހު މިނިޓްގައި އޭނާ ޓީމު ދަނޑުން ބޭލީ ސެނެގާލް ޖެހި ގޯލެއް ގަބޫލު ނުކޮށްފައި މެޗުގެ ފަހު މިނިޓްގައި ރެފްރީ މޮރޮކޯ އަށް ޕެނަލްޓީ އެއް ދިނުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.
"ބައެއް ފަހަރު އެފަދަ ކަންކަން ނިންމަނީ ޖަޒުބާތުގައި. އަދި އެ މީހަކު ގަބޫލު ކުރާ ގަބޫލު ކުރުންތަކުގެ މައްޗަށް. އަހަރުމެން ޖެހި ގޯލެއް ރެފްރީ ގަބޫލު ނުކުރީ. ދެން ޕެނަލްޓީ އެއް ކަމާމެދު ވަރަށް ބޮޑު ސުވާލު އުފެދޭ ކަމެއްގައި ރެފްރީ ޕެނަލްޓީ ދިނީ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ޓީމު އަލުން ދަނޑަށް ނެރުނީ އެކަމާމެދު ވަރަށް ހަމަޖެހިގެން ވިސްނާފައި ކަމަށެވެ.
"އަހަރެން އިރުޝާދު ދިނީ ކުޅުންތެރިން ދަނޑަށް އަރަން ވެސް. ރެފްރީން ވެސް މިސްޓޭކް ހަދާ. އެއީ ފުޓްބޯޅައިގެ ބައެއް. އެންމެވެސް އެކަން ގަބޫލު ކުރަންވާނެ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ސެނަގާލް މެޗުން މޮޅުވީ ކޮންމެހެން އެކަން ކޮށްގެން ނޫން ކަމަށާއި ސެންގާލް ވެސް އަދި އޭނާ ވެސް ފުޓްބޯޅައިގެ ގަވާއިދުތަކަށް އަބަދުވެސް އިހްތިރާމް ކުރާ ކަމަށެވެ.
ނަމަވެސް މިކަމާ ހެދި މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ހުރީ ވަރަށް ރުޅި އައިސްފަ އެވެ. އޭނާ ބުނީ ޕެނަލްޓީ ނާކާމިޔާބުވީ ވެސް އެހާ ގިނަ ވަގުތު މެޗު ހުއްޓާލާފައި އޮތުމުން ކަމަށެވެ. އަދި މޮރޮކޯގެ އެންމެ ތަށި އުފުލާލަން ދެކުނު ހުވެފެންތަކުގައި ކުލަ ނުޖެހިދިޔައި ސެނަގާލްއިން ދެއްކި ކުޅިވަރުގެ ރިހާ ހިލާފު އަދި މުޅި އެފްރިކާގެ ފުޓްބޯޅަ އަށް ހުތުރު އަމަލަކާ ހުރެ ކަމަށެވެ.
"ދެން މުޅި މުބާރާތުގައި އެންމެން ވެސް ދައްކަނީ އަހަރުމެންނަށް ރެފްރީން އެހީތެރިވެދޭ ވާހަކަ. އެކަމަކު އަހަރުމެންނަށް ވަރަށް ގޯސްކޮށް ވެސް ކަންކަން ވެފައި އެބަހުރި. އެ ވާހަކަތައް އެހާ ވަރަށް ދައްކައި ޕްރޮމޯޓް ކުރީމަ އެންމެ ފަހުން އޭގެ ގެއްލުން މި ލިބުނީ އަހަރުމެންނަށް. އެންމެ ބޮޑު ނިންމުން މިއީ އަހަރުމެންނާ ދެކޮޅަށް. މިއީ ލަދުވެތި ކަމެއް،" ކޯޗު ބުންޏެވެ.
މި މައްސަލަ މޮރޮކޯ ފުޓްބޯޅަ ފެޑަރޭޝަނުން މިހާރު ވަނީ އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އަށް ވެސް ހުށަހަޅައިފަ އެވެ. މޮރޮކޯ އެދެނީ މި މައްސަލަ ބަލައި އެކަށީގެންވާ ފިޔަވަޅެއް ސެނަގާލްއާ ދެކޮޅަށް އަޅައިދިނުމަށެވެ.