ކޮންމެ ހިޖުރީ އަހަރެއްގެ ޝަޢުބާން މަހުގެ 1ވަނަ ދުވަސް، ދިވެހިން ފާހަގަކުރަމުންދަނީ، ޤައުމާއި ދީނުގެ ދިފާޢުގައި ޤުރުބާންވެވަޑައިގެންނެވި އަބުޠާލުންގެ ހަނދާނާއި ޒިކުރާ އައުކުރުމަށެވެ.
ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ.
ޝަހީދުންގެ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ޢަލިރަސްގެފާނު ކުރެއްވި ޖިހާދާއި، ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ ބައިވެރިން ވެވަޑައިގެންނެވި ވަރުގަދަ ގުރުބާނީއާއި، އަދި ކައިރި މާޒީއަށް ޖެހިލާނަމަ 1988ވަނަ އަހަރު، ނޮވެންބަރުމަހުގެ 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ޙަމަލާގައި މޭ އައްޑަނައަކަށް ދިއްކޮށްލި ޝަހީދުންގެ ހަނދާން އައުކުރުމުގެ ދުވަހެވެ.
ހިޖުރީގޮތުން ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ޝަހީދުންގެ ދުވަހުގެ ގޮތުގައެވެ. މިއީ ފަނޑުވުމެއް ނެތް، ޒިކުރާއެކެވެ.
ޝަހީދުންގެ ދުވަސް ނިސްބަތްވެވަޑައިގަންނަވަނީ އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ޢަލިރަސްގެފާނަށެވެ. ޕޯޗުގީޒުން ރާއްޖެއަށް ވެރިވެގަތުމަށް މަސައްކަތް ފެށީ، ޢަލިރަސްގެފާނުގެ ރަސްކަމަށް އެންމެ 2 މަހަ 15 ދުވަސްވީތަނާއެވެ. ސިދާ ޢަލިރަސްގެފާނުގެ މާލިމީކަމުގެ ދަށުން، ޕޯޒުކީޒުންނާ ކުރިމަތިލެއްވިއެވެ. ނައުތަކެއްގައި މާލޭ ބޭރުގައި ތިބެ ބޮޑުބަޑިން ދިން ޙަމާލާތަކަށް ދިވެހިން ރައްދު ދިނެވެ.
އެދުވަސްވަރު ދިވެހިންގެ މެދުގައި ބައެއްކަހަލަ ދެބަސްވުންތައް އުފެދި، ދިވެހިންގެ ލަޝްކަރު ބޮޑުތަނުން މަދުވެގެން ދިޔައިރުވެސް، ލަޝްކަރުގެ ވެރިއަކަށް ހުންނެވި ޢަލިރަސްގެފާނުގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކަނޑިއާއި އައްޑަނަ ހިތްޕަވައިގެން ހިތްވަރާއެކު ޙާމަލާ ދެއްވިއެވެ.
ޢަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ މި ކުރިމަތިލުމުގެ ތެރެއިން، މާލޭގެ ހުޅާނދުފަރާތު އަތިރިމަތިގައެވެ. ޢަލިރަސްގެފާނު ޝަހީދުވެވަޑައިގަތީ ހިޖްރީ ސަނަތުން 965 ވަނަ އަހަރުގެ ޝަޢުބާންމަހުގެ އެއްވަނަ ދުވަހުއެވެ.
ބުނެވޭ ގޮތުގައި ޕޯޗުގީޒުންގެ އަތްދަށަށް ރާއްޖެދިޔައީ ޢަލިރަސްގެފާނު ޝަހީދުވެވަޑައިގަތުމަށްފަހުއެވެ. ޢަލިރަސްގެފާނު ފަސްދާނުލެވުނު ކަމަށް ތާރީޚުގައި ބުނަނީ އަވަހާރަވެގެން ވެއްޓިވަޑައިގަތް ތަނުގައެވެ. މަޝްހޫރު ޢަލިރަސްގެފާނު ޒިޔާރަތް ހުންނަނީ އެތަނުގައެވެ.
މި ޙާދިސާއިން ބުނެދޭ ފިލާވަޅަކީ، ޤައުމާއި ދީނާއި ދިވެހިންގެ ދިފާއުގައި ފަސްޖެހުމެއް ނެތި ނިކުމެވަޑައިގެން ވަރުގަދަ ދެއްކެވި ޢަޒުމެވެ. އަމިއްލަ ފުރާނައާއި އާއިލާއަށް ބެލުމެއްނެތި ފަހުވަގުތާޖެހެންދެންވެސް ވަތަނަށްޓަކާ ވެވަޑައިގެންނެވި ޤުރުބާނީއެވެ.
ރާއްޖޭގެ ތާރީޚަށް ބަލާއިރު މާޒީވި ދުވަސްތަކުގައި ދިވެހި ޤައުމަށްޓަކައި ޝަހީދުވި އެތައް ބަޠަލުންނެއް ދިވެހި ޤައުމުވަނީ ދެކިފައެވެ. އަޅުގަނޑުމެން ދިވެހިން ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ރާއްޖޭގެ މިނިވަންކަމަށް ލޮޅުންއެރި ކޮންމެ ފަހަރަކު ދީނާއި ޤައުމުގެ ދިފާއުގައި ތެދުވި އެތައް ބަޠަލުންނެއް ޝަހިދުވިކަމެވެ. މިއީ ޤައުމަށްޓަކާ ޝަހީދުވެވަޑައިގެންނެވި ބަޠަލުންގެ ޛިކުރާއިން އަޅުގަނޑުމެން ހިތްވަރު ލިބިގަންނަވީ ދުވަހެވެ.
ޚާއްސަކޮށް ޤައުމުގެ ޒުވާނުންނަށް އެތަށް މިސާލެއް، ފިލާވަޅެއް ބުނެދެއެވެ. ޤައުމަށް ކުރިމަތިވާ ކަންކަމުގައި ފަސް ނުޖެހި ކުރިއަށް ނިކުތުމާއި ބައިބައިވުމުން އެއްކިބާވެ އެއްބައިވަންތަކަން އިސްކުރުމާއި ޤައުމަށް ވަފާތެރި ދަރިއަކަށްވުމީ ކޮންމެ ދިވެއްސެއްގެ ވަރުގަދަ ޢަޒުމަށް ވާންޖެހެއެވެ. ކަނޑިއާ ބަޑީގެ ހަނގުރާމައިގެ އިތުރުން ދުނިޔެ މިއަދު ދަނީ ފިކުރީ ހަނގުރާމައިގެ އޮއިވަރުގައި ޖެހިގެންނެވެ.
މިފަދަ ކޮންމެ ޙާލަތެއްގައިވެސް ޤައުމުގެ ދިފާޢުގައި ނިކުންނަ ދަރިއަކަށް ހަމަ ކޮންމެ ދިވަހި ދަރިއަކު ވުމަށް ޢަޒުމު ކަނޑައަޅަންޖެހެއެވެ.