ކުޅިވަރު

އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕް ލަސްކޮށްފި


އަންނަމަހުގެ 3 އިން 13 އަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖައްސާފައިވާ އެއްވަނަ އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕު ބާއްވާ ތާރީޚު ފަސްކޮށްފިއެވެ.

އޭޝިއާ ނެޓްބޯލްގެ ފަރާތުން އިންތިޒާމުކުރާ މިމުބާރާތް ދެން ބާއްވާނެ ވަކި ތާރީޚެއް އަދި މިހާތަނަށް ހާމަކޮށްފަނުވާކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދީފައެވެ.

އެ އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ބައިވެރިވި ގިނަ ގައުމުތަކަކުން ފަހު ވަގުތު ނަން ނެގުމާއި ގުޅިގެން މުބާރާތް ފަސްކޮށްފައިވާކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި މިމުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އަލުން ގައުމުތަކަށް ފޮނުވާނެކަމަށާއި މުބާރާތުގައި މަދުވެގެން 6 ގައުމު ބައިވެރިވެއްޖެނަމަ މުބާރާތް އަލުން ބާއްވާނެ ތާރީޚު އެނގިގެންދާނެކަމަށް އުންމީދުކުރާކަމަށް ނެޓްބޯލް އެސޯސިއޭޝަނުން ބުންޏެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިރިހެނުންގެ ގައުމީ ނެޓްބޯޅަ ޓީމެއް އެކުލަވާލާ މިމުބާރާތަށް ފަރިތަކުރުމުގެ މަސައްކަތް ފަށާފަވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅެވެ. މުބާރާތަށް ޓީމެއް އެކުލަވާލުމަށް އާންމުކޮށް ހުޅުވާލައިގެން ބޭއްވި ހަފްތާއެއްގެ ސިލެކްޝަނަށްފަހު ޓީމެއް އެކުލަވާލެވި އައުޓްޑޯ ނެޓްބޯޅަ ކޯޓުގައި ފަރިތަކުރުންތައް ބާއްވަމުން ގޮސްފައިވާއިރު، މިޓީމަށް އިރުޝާދު ދެމުން އަންނަނީ ތަޖުރިބާކާރު ނެޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗެއްކަމަށްވާ އީމާ ޢަބްދުއްސައްތާރުއެވެ.

އެއްވަނަ އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރުމަށް މިދިޔަ ޑިސެމްބަރުމަހުގެ މެދު ތެރޭގައި ޓީމުގެ ސްކޮޑު ކަނޑައެޅުމަށްފަހު ކޮންމެ ދުވަހަކު ދެ އިރަށް ފަރިތަކުރުންތައްވަނީ ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް ފަހު ވަގުތު ވަކި ތާރީޚެއްނެތި މުބާރާތް ފަސްކުރުމުން އިހަށް ފަރިތަކުރުންތައް ލުއިކޮށްލާނެކަމަށް ނެޓްބޯލް އެސޯސިއޭޝަނުން ބުނެފަވެއެވެ.

މިމުބާރާތް ބާއްވާނެ ރަސްމީ ތާރީޚު އެނގުމުން އަލުން މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ގަދައަށް ފަށާނެކަމަށާއި މުބާރާތް ބާއްވާނަމަ ރާއްޖެއިން އަދިވެސް ވާދަކުރާނެކަމަށް ނެޓްބޯލް އެސޯސިއޭޝަނުން މައުލޫމާތުދީފަވެއެވެ.

މިމުބާރާތަށް ހުޅުވާލުމުން 16 ގައުމަކުން ބައިވެރިވިއެވެ. އެހެންނަމަވެސް ފަހު ވަގުތު ޓީމުތަކުން ނަންތައް ނަގާފަވަނީ ކޮން ސަބަބަކާއި ގުޅިގެންކަމެއް އަދި މިހާތަނަށް ނެޓްބޯލް އޭޝިއާއިން ހާމަކޮށްފައެއް ނުވެއެވެ.