ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި މެޗްޑޭ 3 ގައި، ޕާކިސްތާނުން ލަންކާ އަތުން ހޯދި މޮޅާއެކު، ޕޮއިންޓު ތާވަލުގައި ރާއްޖެއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފިއެވެ.
ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރީ އިންޑޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ޕާކިސްތާން މޮޅުވީ 2-5 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޕާކިސްތާނުން ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ މެޗު ފަށައިގެން ދެވަނަ މިނެޓުގައި ހަމްޒާ ނުޝްރަތު ކާމިޔާބުކޮށްދިން ލަނޑުންނެވެ. ޕާކިސްތާނުން ލީޑު ފުޅާކުރީ ހަތްވަނަ މިނެޓުގައި އަލީ އާގާ ޖަހައިދިން ލަނޑުންނެވެ.
ދެލަނޑުގެ ލީޑެއްގައި އޮވެ ޕާކިސްތާނުން ދެވަނަ ހާފު ފެށިއިރު، މި ހާފުގައި ވެސް ޕާކިސްތާނުން ދެ ލަނޑު ޖެހިއެވެ.
ޕާކިސްތާނުން މެޗުގައި ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ޙަސަން ޒަފަރެވެ. އަދި ހަތަރުވަނަ ލަނޑު ޖަހައިދިނީ އާސިފް އަޙްމަދު ޗޯދަރީއެވެ.
މެޗުގައި ލަންކާއިން ޖެހި ފުރަތަމަ ލަނޑު، ޕާކިސްތާނުގެ ފައުލްތައް ހަމަވެ ލިބުނު ދުރު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މުޙައްމަދު އާކިބް މުޙައްމަދު ފައިސަލް ވަނީ ފަރަގު ކުޑަކޮށްދީފައެވެ.
މެޗުގެ ފަހުކޮޅު ޕާކިސްތާނުން ކުޅުނީ އައުޓްފީލްޑް ޕްލެޔަރެއްގެ ގޮތުގައި ހުރި އަލީ އާގާ ކީޕަރަށް އަރުވައި ޕަވާ ޕްލޭ ޓެކްޓިކުގައެވެ. ޕާކިސްތާނުން މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ، ކީޕަރުގެ ގޮތުގައި ހުރެ، ކުރިއަށް އަރައި، ލަންކާ އޭރިއާ ތެރޭގައި ހުރެފައި އަލީ އާގާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގައި ލަންކާއިން ޖެހި ދެވަނަ ލަނޑަކީ ޕާކިސްތާނުން ޕަވާ ޕްލޭގައި ކީޕަރު ކުރިއަށް އަރާ ހުއްޓައި ނަވީން ޖޫޑް ނިކޮލަސް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މެޗުން ޕާކިސްތާން މޮޅުވިއިރު މިއީ މުބާރާތުގައި ފާކިސްތާނުން ކުޅުނު ތިންވަނަ މެޗެވެ. މިހާތަނަށް އައި އިރު ޕާކިސްތާން ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ ފުރަތަމަ ދުވަހު، ރާއްޖެއާ ދެކޮޅަށް ކުޅެ 1-7 އިން ބަލިވި މެޗެވެ.
އެފަހުން ބޫޓާންއާ ވާދަކޮށް ވަނީ މޮޅުވެފައެވެ.
ރާއްޖެއިން މުބާރާތުގައި ކުޅުނީ އަދި ދެ މެޗެވެ. އެއީ ޕާކިސްތާން މެޗުގެ އިތުރުން ބަންގްލަދޭޝް އަތުން މޮޅުވި މެޗެވެ.
ރާއްޖެއިން ދެ މެޗުން ހަ ޕޮއިންޓާއެކު އެއްވަނައިގައި، ފައިދާ 11 ގޯލާއެކުއެވެ. ރާއްޖެއަށް ވުރެ އެއް މެޗު އިތުރަށް ކުޅެ ފާކިސްތާން ދެވަނައިގައި އޮތީ ހަ ޕޮއިންޓާ އެކުއެވެ. ޕާކިސްތާން އަތުން ބަލިވި ސްރީލަންކާ އޮތީ ތާވަލުގެ ހަވަނައިގައި އެއް ޕޮއިންޓާއެކުއެވެ.