ޚަބަރު

ކުރިއަށް ހުރި މެޗުގައި ރާއްޖޭގެ ކުޅުން ކުރިއަށްވުރެ ރަނގަޅުވާނެ: ނޫރާ


ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ފުޓްސަލް ޓީމުގެ ކުޅުން، ކުރިއަށް ހުރި މެޗުތަކުގައި، މީގެކުރިން ކުޅެފައިވާ ތިން މެޗަށްވުރެ ރަނގަޅުކުރާނެކަމަށް، މުބާރާތުގައި ރާއްޖެއިން މިހާތަނަށް ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާ، މަރިޔަމް ނޫރާ ބުނެފިއެވެ.

ނޫރާއަކީ އަންހެން ފުޓްސަލްގައި، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ފުރަތަމަ ލަނޑު ޖަހައިދިނުމުގެ ޝަރަފު ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ހިލޭ ޖެހުމަކުން ވަރަށް ރީތި ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މިހާތަނަށް ރާއްޖޭގެ ޓީމުން ކުޅެފައިވާ ތިން މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗާ އަޅާބަލާއިރު ތިންވަނަ މެޗުގައި ކުޅުން ވަރަށް ބޮޑަށް ރަނގަޅުވިކަން ނޫރާ ފާޙަގަކުރިއެވެ.

އަދި މެޗުގައި ރާއްޖެ ޓީމަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނު ނަމަ، މި މެޗުން މޮޅުވީސް ކަމަށް ނޫރާ ބުންޏެވެ. އަދި ބައިކޮޅަށް ލަނޑުތަކެއް ވަނީ ވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުންކަން އޭނާ ފާހަގަކުރިއެވެ.

މެޗަކަށްފަހު މެޗެއް ރާއްޖެއިން ކުޅުން ރަނގަޅުކުރަމުން އަންނަކަން ފާހަގަކޮށް ނޫރާ ވަނީ، ޓީމާ މެދު މާޔޫސްނުވުމަށާއި، ޓީމާމެދު އުއްމީދެއް ގެންގުޅުމަށް އެދިފައެވެ.

"އިންޝާ ﷲ ، މިއަށްވުރެ ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅުކުރާނަން". ނޫރާ ބުންޏެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވީ 1-11 ގެ ނަތީޖާއަކުންނެވެ. ޖެހިގެން އައި މެޗުގައި ނޭޕާލާ ދެކޮޅަށް ކުޅެ ބަލިވި ނަމަވެސް، ފަރަގު ކުޑަކޮށްފައިވެއެވެ. އެ މެޗުން ރާއްޖެ ބަލިވީ 0-5 ގެ ނަތީޖާއަކުންނެވެ.

އެންމެފަހުން، ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެ 1-3 އިން ބަލިވި ނަމަވެސް، މެޗުގައި މޮޅަށް ކުޅުނީ ދިވެހި ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގައި ރާއްޖެއަށް ކުރިއަށް ދެން އޮތީ ބޫޓާނާ ދެކޮލަށް މި މަހުގެ 21 ވަނަ ދުވަހު ކުޅެން އޮތް މެޗެވެ. އެއަށްފަހު 23 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ކުޅެން ޖެހޭއިރު ފަހު މެޗުގައި 25 ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.