ރާއްޖޭގައި ބާއްވާ އެންމެ ހައިބަތު ބޮޑު އެއް ކުޅިވަރު ހަރަކާތް ކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ މުބާރާތުގެ ކ. އަތޮޅުގެ ފައިނަލުގެ ޖާގަތައް، މާފުއްޓާއި ގާފަރުން ހޯދައިފިއެވެ.
އަތޮޅު ފައިނަލުގެ ޖާގަ މާފުށިން ހޯދީ ސެމީ ފައިނަލުގައި ދިއްފުށީގެ މައްޗަށް 5-3 އިން ކުރިހޯދައިގެންނެވެ.
މެޗުގައި މާފުށީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޙުސެއިން ރިފާނާއި ޒުލްކިފުލި ޒާހިރުގެ އިތުރުން ޙަސަން އިމްރާނާއި މުރުތަޖާ މުޙައްމަދުއެވެ. ރިފާން ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.
ދިއްފުށިން މެޗުގައި ޖެހި ތިލް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ރިޒްވާން (ރިޒޭ) އާއި އަޙްމަދު މާޒިންއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފުށީގެ ކީޕަރު ނައްފާޒް ސައުދުއެވެ.
ކ. އަތޮޅުން ފައިނަލުގެ އަނެއް ޖާގަ ގާފަރުން ހޯދީ ސެމީގައި ކާށިދޫގެ މައްޗަށް 2-3 އިން ކުރިހޯދައިގެންނެވެ.
މެޗުގައި ކާށިދޫގެ ދެ ލަނޑުވެސް ޖަހައިދިނީ އަބްދުﷲ ސުޒެއިރެވެ. ގާފަރުގެ ޝަނާން ރަޝީދު ވެސް ދެ ލަނޑު މެޗުގައި ޖެހިއިރު އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އިބްރާޙީމް ރިމާހުއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރުގެ ޝަނާން ރަޝާދެވެ.
މާފުއްޓާއި ގާފަރު ކުޅޭ ފައިނަލް އޮތީ ބުދަ ދުވަހުގެރޭގަ އެވެ. މި ޓީމު މި ފަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ގާފަރު ވަނީ މޮޅުވެފަ އެވެ.