ސާފް ވިމެންސް ފުޓްސަލް ޗެންޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ތިންވަނަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ ބަލިވެއްޖެއެވެ.
ބެންކޮކުގެ ނޮންތަބުރީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ޕާކިސްތާން މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ކުޅުން، ފުރަތަމަ މެޗާ އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން ރަނގަޅުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މި މެޗުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ޑިފެންސް ކުރުމުގައި ވެސް އަދި ޓީމެއްގެ ގޮތުގައި ކުޅެ އެޓޭކް ކުރުމުގައި ވެސް ތަފާތު ބޮޑު ކުރިއެރުމެއް ހޯދާފައިވާތަން ފެނިގެން ދިޔައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ޕާކިސްތާނުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޒްވާ ޗޯދުރީއެވެ. އަޒްވާ ވަނީ ސްރީލަންކާއާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ހެޓްރިކް ހަދާފައެވެ.
މެޗުގައި ރާއްޖެއިން ނަތީޖާ ހަމަހަމަ ކުރީ ހާފުގެ ނުވަވަނަ މިނެޓުގައި މަރިޔަމް ނޫރާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ހިލޭ ޖެހުމަކުން ނޫރާ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ ތާރީޚުގައި ވެސް ރާއްޖޭގެ ޤައުމީ އަންހެން ފުޓްސަލް ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އެހެންކަމުން ނޫރާގެ ނަން މިވަނީ ރާއްޖޭގެ ފުޓްސަލް ތާރީޚުގައި ރަން އަކުރުން ފަވާލެވިފައެވެ.
މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް ވެސް ނޫރާ ލަނޑެއް ޖެހިކަމަށް ބެލެވުނެވެ. އެ ދުވަހުގެ މެޗުގައި ރާއްޖެއިން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ ކޯނަރަކުން ނޫރާ ފޮނުވާލި ހަމަލާއެއްގައި ބޯޅަ ގޮސް އިންޑިއާގެ ގޯލަށް ވަނީ އެ ޓީމުގެ ޑިފެންޑަރު އަޗޫމް ޑިޖޯގެ ފައިގައި ޖެހިފައެވެ. އެހެންނަމަވެސް އަޗޫމް ޑިޖޯގެ ފައިގައި ބޯޅަ ޖެހުމަކުން ބޯޅައިގެ މިސްރާބަކަށް ވެސް އަދި ދުވެއްޔަކަށް ވެސް ބަދަލެއް އައިސްފައިނުވާއިރު، ބޯޅަ ދިޔައީ ގާތްގަނޑަކަށް އޭނާ ފައިގައި ކޭއްތިލާފައެވެ. އާންމުގޮތެއްގައި މިފަދަ ހާލަތްތަކުގައި ގޯލު ޖެހިކަމަށް ބަލައިގަންނަނީ ބޯޅަ ފޮނުވާލާ ކުޅުންތެރިޔާއެވެ.
އެހެންނަމަވެސް ސާފް އިން ނެރުނު ރަސްމީ މެޗު ރިޕޯޓުގައި ވަނީ މިއީ އިންޑިއާ ކުޅުންތެރިޔާ އަތުން ބައިކޮޅަށް ވަން ލަނޑެއް ކަމަށެވެ. އެހެންކަމުން، ޕާކިސްތާނާ ދެކޮޅަށް ނޫރާ ޖަހައިދިން ލަނޑަކީ، ޤައުމީ އަންހެން ފުޓްސަލް ޓީމުގެ ކުޅުންތެރިއަކު ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ނޫރާގެ މި ލަނޑަށްފަހު ރާއްޖެއިން ވެސް އަދި ޕާކިސްތާނުން ވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފައިވެއެވެ. ހާއްސަގޮތެއްގައި ދިވެހި ކުޅުންތެރިން މި ހާފުގެ ބާކީ ބައިގައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދިކަން ފާހަގަކޮށްލެވެއެވެ. ނޫރާއަށް ވެސް އިތުރު ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބުނުއިރު، އެކަނިމާއެކަނި ގޮސް ނޫރާ ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ އިންޑިއާ ކީޕަރުގެ ގަޔަށެވެ.
ހާފު ނިމުމުގެ ކުރިން ޕާކިސްތާނުން ވަނީ އިތުރު ލަނޑެއް ޖަހައި އަލުން ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޒާހިރާ ބުޚާރީއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މާ ގިނައިރުތަކެއް ނުވެ ޕާކިސްތާނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑުފުޅާކޮށްފައެވެ.މި ލަނޑު ކާމިޔާބުކޮށްދިނީ އަންމޫލް ހީރާއެވެ.
މި މޮޅާއެކު ޕާކިސްތާން މިވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. ޕާކިސްތާނުން މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެފައިވާއިރު، ހަތް ޕޮއިންޓު ލިބިފައިވެއެވެ.
ތާވަލުގެ ދެވަނައިގައި އޮތް އިންޑިއާއަށް ތިން މެޗުން ލިބެނީ ހަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބަންގްލަދޭޝްއިން އެއް މެޗު މަދުންކުޅެ ހަތަރު ޕޮއިންޓު ހޯދާފައިވާއިރު ހަތަރުވަނައިގައި އޮތް ނޭޕާލުން ވެސް، ތިން މެޗުން މި އަދަދަށް ޕޮއިންޓު ހޯދާފައިވެއެވެ.
ފަސްވަނައިގައި އޮތް ބޫޓާނަށް ދެ މެޗުން ދެ ޕޮއިންޓު ލިބިފައިވާއިރު ހަމަ އެ އަދަދަށް މެޗު ކުޅެ ސްރީލަންކާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ފުލުގައި ރާއްޖެ އޮތީ ތިން މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބިއެވެ.