ޚަބަރު

ރަޝިޔާއިން ދެކެނީ ގްރީންލޭންޑަކީ ޑެންމާކުގެ ސަރަހައްދެއްގެ ގޮތުގައި


ގްރީންލޭންޑަކީ ޑެންމާކުގެ ސަރަހައްދެއްގެ ގޮތުގައި ރަޝިޔާއިން ދެކޭ ކަމަށް ޜަޝިޔާއިން ބުނެފިއެވެ.

މިކަމާ ގުޅިގެން ކްރެމްލިނުން ބުނީ ބައިނަލްއަޤްވާމީ ޤާނޫނުގެ ނަޒަރަކުން ބަލާނަމަ ގްރީންލޭންޑްގެ ޖަޒީރާ ވަށައިގެންވާ ސަލާމަތީ ހާލަތަކީ "އާދަޔާ ޚިލާފު" ހާލަތެއް ކަމަށެވެ.

މީގެ ކުރިން މޮސްކޯއިން ބުނެފައިވަނީ ރަޝިޔާއާއި ޗައިނާއިން ގްރީންލޭންޑަށް ނުރައްކާ ކުރިމަތިކުރުވާކަމަށް ހުޅަނގުގެ ޤައުމުތަކުން ތުހުމަތު ކުރަމުން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ ސަރަހައްދުގެ މައްސަލައިން ދައްކުވައިދެނީ ހުޅަނގުގެ ބާރުތަކުގެ ވާހަކަތަކުގައި ދެކޮޅު ނުޖެހޭ ކަންކަމަށެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ދަނީ ޑެންމާކުގެ ބައެއްގެ ގޮތުގައި އޮންނަ ގްރީންލޭންޑް އިސްތިއުމާރު ކުރައްވަން ބޭނުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ އުންމީދު ހާޞިލް ކުރުމާ ގުޅޭގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ 9ވަނަ ދުވަހު ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދެއްގައި އޮންނަ ގްރީންލޭންޑުން ބޭނުން ވިޔަސް ނުވިޔަސް އެމެރިކާއިން ގްރީންލޭންޑު އިސްތިއުމާރުކުރުމަށް ކޮންމެވެސް ސިފައެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. ގްރީންލޭންޑް ޗައިނާ ނުވަތަ ރަޝިޔާގެ ބާރުގެ ދަށަށް ދިޔުމަށް އޭނާ އެދިވަޑައިނުގަންނަވާ ކަމަށް ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ގްރީންލޭންޑް އިސްތިއުމާރު ނުކުރާނަމަ ނަމަ އެމެރިކާގެ އަވަށްޓެރިންގެ ގޮތުގައި އޮންނާނީ ޗައިނާ ނުވަތަ ރަޝިޔާ ކަމަށެވެ.

އެމެރިކާގެ ބާރުގެ ދަށަށް ގްރީންލޭންޑް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން އެ ޤައުމުގެ ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން އެމެރިކާއިން ސީދާ ގްރީންލޭންޑުގެ ރައްޔިތުންނަށް ފައިސާ ދިނުމާ މެދު ވައިޓް ހައުސުން ދަނީ ވިސްނަމުންނެވެ. ގްރީންލޭންޑުގެ އާބާދީއަކީ 56,000އެއްހާ މީހުން ކަމަށްވާއިރު އެމެރިކާގެ ވިސްނުން ހުރީ ކޮންމެ ރައްޔިތަކަށް 10،000އާއި 100،000 ޑޮލަރާ ދެމެދުގެ ޢަދަދަކަށް ފައިސާ ދިނުމަށެވެ. ބޮލަކަށް 100،000 ޑޮލަރުގެ ރޭޓުން ބަލާ ނަމަ ގްރީންލޭންޑު ’ގަތުމަށް’ އެމެރިކާއަށް ޚަރަދުކުރަން ޖެހޭނީ 5.6 ބިލިޔަން އެމެރިކާ ޑޮލަރެވެ. ބެލެވޭ ގޮތުގައި، އެމެރިކާއިން ގްރީންލޭންޑުގެ ރައްޔިތުންނަށް އެ ގޮތަށް ފައިސާ ދިނުމުގެ ބޭނުމަކީ، ފެންނަ ނުފެންނަ ވޯޓަކުން ގްރީންލޭންޑަށް ޑެންމާކުގެ އިޙްތިޞާސުން ވަކިވުމުގެ ފުރުޞަތު އޮތްއިރު، އެ ފަދަ ވޯޓަކަށް ނުފޫޒު ފޯރުވުމެވެ. ނަމަވެސް ގްރީންލޭންޑުގެ ރައްޔިތުންގެ 85 އިންސައްތަ މީހުން، އެ ރަށަކީ އެމެރިކާގެ ބައެއްގެ ގޮތުގައި އޮތުމަށް ނޭދޭ ކަމަށް ޚިޔާލު ހޯދާ ވޯޓުތަކުގެ ނަތީޖާއިން ދައްކައެވެ.