ޚަބަރު

ދެވަނަ މެޗުގައި ނޭޕާލް އަތުންވެސް ރާއްޖެއަށް ނާކާމިޔާބީ


ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއިން ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ 0-5 ގެ ނަތީޖާއަކުންނެވެ.

އިންޑިއާ މެޗަށްވުރެ ރަނގަޅަށް ދިވެހި ކުޅުންތެރިން މި މެޗުގައި ކުޅުނު ނަމަވެސް، ނޭޕާލްގެ ކުޅުންތެރިން ފެނުނީ މާ ވަރުގަދަކޮށެވެ.

އެޓޭކިން މޮޅު ގޭމެއް ކުޅެމުންދިޔަ ނޭޕާލުން ވަނީ ފުރަތަމަ ހާފުގައި އެކަނި، ހަތަރު ލަނޑު ޖަހާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެނިފާ ރަނާއާއި ބިމަލާ ޗޯދަރީގެ އިތުރުން މަނީޝާ ތާޕާ މަގަރުއެވެ. ޖެނިފާ ވަނީ މީގެތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ހަތަރު ލަނޑުގެ ލީޑެއްގައި އޮވެ ނޭޕާލުން ދެވަނަ ހާފު ފެށިއިރު، މިހާފުގައި ރާއްޖެ ޓީމުން ވަނީ ވަރަށް ބޮޑުތަނުން ކުޅުން ރަނގަޅުކޮށްފައެވެ. ނޭޕާލުން ވެސް އެޓޭކުތަކެއް ކުރަމުންދިޔަ މިހާފުގައި ރާއްޖެއިން ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް، ނުރައްކާތެރި ހަމަލާތަކެއް ވެސް އުފައްދާފައެވެ. އެގޮތުން މަރިޔަމް ނޫރާ ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވެފައެވެ.

ވަރަށް ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ސުޝްމާ ތަމަންގް ގޯލަށް ފޮނުވާލި ހަމަލާއެއް، ރާއްޖޭގެ ސައިނާގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މި ނަތީޖާއާއެކު ރާއްޖެ އަދިވެސް ތާވަލުގެ ފުލުގައި އޮތްއިރު، ކުޅުނު ދެ މެޗުން ޕޮއިންޓެއް ނުލިބި، ބައިކޮޅަށް 15 ލަނޑު ވަނީ ވަދެފައެވެ.

މެޗުން މޮޅުވި ނޭޕާލް މިވަގުތު އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އިންޑިއާއަށް ދެ މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު ތިންވަނައިގައި އެއް މެޗު މަދުން ކުޅެ އޮތް ބަންގްލަދޭޝްއަށް ވެސް ތިން ޕޮއިންޓު ލިބިފައިވެއެެވެ.