ޚަބަރު

މިސްފީގެ ފުރަތަމަ ސްކީމް ޚާއްޞަކުރީ މާލީ އެހީ ނުލިބޭ ފަރާތްތަކަށް


  • މިއީ ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ޕްރޮފިޓް ރޭޓުގެ ސްކީމް

  • މިއީ އިސްލާމީ ޝަރީއާއާއި އެއްގޮތަށް ދޫކުރާ ފައިނޭންސިން ސްކީމެއް

  • 100،000ރ. އާއި ހަމައަށް ފައިނޭންސިން ހަމަޖެހޭނެ

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނިޝިއޭޓިވް، މިސްފީގެ ދަށުން މާލީ އިދާރާއަކުން އެހީތެރިކަން ލިބިފައި ނުވާ ފަރާތްތަކަށް ހާއްސަކޮށްގެ ހުޅުވާލާ ފައިނޭންސިންގ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެސްއެމްއީ ޑިޖިޓަލްއިން ހުޅުވާލައިފިއެވެ. މިއީ މިސްފީ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރާ ފުރަތަމަ ސްކީމެވެ.

ބީއެމްއެލް ސަބްސިޑިއަރީއެއް ކަމަށްވާ އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ މި ސްކީމުގެ ދަށުން، 'އިސްލާމިކް މައިކްރޯ ފައިނޭންސިންގެ ދަށުން 100،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެއެވެ. މިފައިނެނޭންސިންގ އަކީ ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް %2.5 ރޭޓުން ދޫކުރެވޭ ފައިނޭންސިންގއެކެވެ. ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށްވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެއެވެ. މި ފައިނޭންސިންގ އަށް އެޕްލިކޭޝަން ފީ އެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ، އިސްލާމިކް މައިކްރޯ ފައިނޭންސިންގ އަކީ ބޭންކިންގ ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށާއި، އަލަށް ވިޔަފާރީގެ މައިދާނަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްފައިވާ ހުޅުވާލާ ފައިނޭންސިންގ އެއް ކަމަށެވެ. އަދި މި ފައިނޭންސިންގ ސަބަބުން އާންމު ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ބޭންކިންގ ނިޒާމުގެ ތެރެއިން މާލީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތައް ނައްތާލުމަށް އެހީތެރިވެދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އިސްލާމިކް ސޯޝަލް ފައިނޭންސިންގެ ޒަރީއާއިން ބޭންކުތަކުން ފައިނޭންސިންގ ހޯދުމަށް ޝަރުތު ހަމަނުވާ ފަރާތްތަކަށްވެސް ފުރުސަތުތައް ފަހިކޮށްދީ، ހުރިހާ އެންމެން ބައިވެރިވާ މާލީ ނިޒާމެއް ބައްޓަންކުރެވޭނެ ކަމަށެވެ. އަދި މިފަދަ މަގުތައް ފަހިވުމުން އެ ފަރާތްތަކުގެ ގާބިލުކަން ދައްކުވައިދިނުމަށް ފުރުސަތު ލިބި، ކުރިމަގުގައި އެފަރާތްތަކުގެ ވިޔަފާރިއަށް ކުރިއެރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފައިނޭންސިންގެ ސަބަބުން އަލަށް ފަށާ ވިޔަފާރިތައް އިތުރުވެ، އަދި މިހާރުވެސް ގޭތެރޭގައާއި އަމިއްލައަށް ހިންގާ ކުދި ވިޔަފާރިތަކަށް ރަސްމީ ހައިސިއްޔަތެއް ލިބި، ހަރުދަނާކަމާއެކު ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ބަދުރުއްދީން ވިދާޅުވިއެވެ.

މި ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.

"މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް" އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ޤާއިމުކޮށްފައިވާ ޚާއްސަ ފަންޑެކެވެ. މިގޮތުން އެމްއެމްއޭއިން މިފަންޑަށް 20 މިލިޔަން ރުފިޔާ، އެމްއައިބީއިން 30 މިލިޔަން ރުފިޔާ އަދި ބީއެމްއެލްއިން 200 މިލިޔަން ރުފިޔާ ކުރިއަށް އޮތް 3 އަހަރަށް ކަނޑައަޅައިގެން ހިންގާ ފަންޑެކެވެ. މިފަންޑުން މިއަހަރަށް ޚަރަދުކުރުމަށް ހަމަޖެހިފައިވާ އިޖުތިމާޢީ މައްސަލަތަކާއި ގުޅޭ ކަންކަން ކަނޑައެޅުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.