ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން ޣައްޒާގައި ހަ މަރު


ޣައްޒާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ސަހަރުގެ ހަ މީހުުން މަރުވެއްޖެއެވެ.

ބޯ ވާރޭގެ ސަބަބުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ޖަހާފައިވާ ފޭލިގެތަކުގައި ފެެންބޮޑުވެ، ހަނގުރާމައިގައި ބަލިކަށިވެފައިވާ ބަައެއް އިމާރާތްތައް ދަނީ ވެއްޓެމުންނެވެ. އޭގެ ސަބަބުން ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ގެދޮރު ގެއްލި މަގުމަތިވެފައިވާ ޣައްޒާގެ ރައްޔިތުންގެ ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.

ޣައްޒާގައި މަރުވި ހަ މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައި ވަނީ ބަލިކަށިވެފައިވާ އިމާރާތްތަކެއް ގަދަ ވައިގެ ސަބަބުން ވެއްޓުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ދެ އަންހެނުންނާއި ކުޑަކުއްޖެއް ވެސް ހިމެނެއެވެ. އޭގެ އިތުރުން ދިރިއުޅެމުންދިޔަ ތުނި ފޭލިގެއިން އެކަށީގެންވާ ވަރަށް ފިނިން ރައްކާތެރިކަން ނުލިބި އުމުރުން އެއް އަހަރުގެ ތުއްތު ކުއްޖެއް ވެސް ވަނީ ފިނިބޮޑުވެގެން މަރުވެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފޭލިގެތައް މުޑިން ނެއްޓި އެތައް މީޓަރު ދުރަށް ވިއްސައިގެން ދިޔުމުގެ ސަަބަބުން އެއްވެސް ހުރަހެއް ނެތި ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ފިނިމޫސުމުގެ ގަދަ ފިންޏާއި ވަޔަށް ހުށަހެޅިފައެވެ. ކުއްލި ޙާލަތުގައި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތަށް ތަފާތު ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. އެ ގޮތުން ތެޔޮ ލިބުމަށް ދަތިވުމާއި މީހުން ސަލާމަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ހަލާކުވުން ހިމެނެއެވެ. އޭގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތަށް ރައްޔިތުންނަށް އެހީތެެރިވުމަށް ކަމާބެހޭ އިދާރާތައް ވަނީ ނުކުޅެދިފައެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނީ ފިނި މޫސުން ފެށުނު ފަހުން ފިނީގެ ސަބަބުން ނުވަތަ އިމާރާތެއްގެ ދަށުވެ ޣައްޒާގެ 31 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 7،000އެއްގާ ފޭލިގެ ސުންނާފަތިވެފައިވާ ކަމަށް އެ ޖަމާޢަތުން ބުނެއެވެ.

އދން ނެރުނު ރިޕޯޓެއްގައި ބުނީ ޣައްޒާ ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ހާސް ރައްޔިތުން ފެން ބޮޑުވުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. މި ވަގުތު އެންމެ މުހިންމީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ފޭލިގެ ފޯރުކޮށްދިނުން ކަމަށް ވެސް އދން ފާހަގަކޮށްފައިވެއެވެ.