ޚަބަރު

އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު


  • މި ރަސްމިއްޔާތުގެ ތެރެއިން ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އެވޯޑްސް ދީފައިވޭ

  • ގްލޯބަލް ހައި ސްކޫލް ކެޓަގަރީން ފ. އަތޮޅު ތައުލީމީ މަރުކަޒުންވަނީ އެވޯޑް ހޯދާފައި

ޔުނައިޓެޑް އެރަބް އެމިރޭޓްސް، ޔޫއޭއީގައި ކުރިއަށްދާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކްގައި ރާއްޖެއިން ބައިވެރިވުމަކީ ތިމާވެށީގެ މައްސަލަތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރާ ފަރާތްތަކަށް ދޭ ޝަރަފުވެރި ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އެވޯޑްސް ދީފައެވެ. ގްލޯބަލް ހައި ސްކޫލް ކެޓަގަރީގެ ސައުތު އޭޝިއާ ސަރަހައްދުން މި އެވޯޑް ކާމިޔާބުކުރީ ފާފު އަތޮޅު ތައުލީމީ މަރުކަޒުންނެވެ. މިއީ ދެމެހެއްޓެނިވި ތަރައްގީއަށް އެ ސްކޫލުގެ ދަރިވަރުން އިސްނަގައިގެން ކުރި މަސައްކަތްތުން ރާއްޖެއަށް ހާސިލްކުރެވުނު ވަަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކުރެއެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ، ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ، ފާފު އަތޮޅު ތައުލީމީ މަރުކަޒުން އެވޯޑް ހާސިލްކުރި މަންޒަރު ފެނުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

"މި ކާމިޔާބީން ދޭހަކޮށްދެނީ ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން ކުރާ މަސައްކަތާއި، ފެހި އަދި ތަހައްމަލު ކުރެވޭ މުސްތަގުބަލެއް ބިނާކުރުމުގައި ޒުވާނުންގެ އީޖާދީ މަސައްކަތްތަކުގެ މުހިންމުކަން،" ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އަބޫދާބީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ 2 ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފާއި، ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އަދި އެސިސްޓަންޓް ޑައިރެކްޓަރު ފާތިމަތު ރީނާ ބައިވެރިވެވަޑައިގަންނެވިއެވެ.