ގްރީންލޭންޑުގެ މިނިވަންކަން ދިފާޢުކުރުމުގައި ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯގެ ހިމާޔަތް ލިބެންޖެހޭކަމަށް ގްރީލޭންޑުގެ ސަރުކާރުން ބުނެފިއެވެ.
2019ވަނަ އަހަރުން ފެށިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކި ފަހަރު މަތިން ވަނީ ގްރީންލޭންޑް އިސްތިޢުމާރުކޮށް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާއަށް ގްރީންލޭންޑު މުހިންމު ވަނީ ދިފާޢީ ބޭނުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ގްރީންލޭންޑް އިސްތިޢުމާރުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، ގްރީންލޭންޑް ހިމާޔަތްކޮށްދިނުމަކީ، އެމެރިކާ ހިމެނޭ ގޮތަށް ނޭޓޯގެ މެމްބަރު ޤައުމުތަކުގެ މައްޗަށް ލާޒިމުވާ ކަމެއް ކަމަށެވެ. ޑެންމާކުގެ ރަށެއްގެ ގޮތުގައި އޮތް ގްރީންލޭންޑަކީ، ޑެންމާކްއާ އެއްގޮތަށް ނޭޓޯގެ މެމްބަރެއްކަމުގައިވެސް އެ ބަޔާނުގައި ބުންޏެވެ.
ގްރީންލޭންޑް އިސްތިޢުމާރު ކުރަން އެމެރިކާއިން މަސައްކަތް ފަށައިފިނަމަ، ނޭޓޯގެ އިއްތިޙާދު ރޫޅޭނެކަމުގެ އިންޒާރު ވިލާތުގެ އިއްތިޙާދު، އީޔޫގެ ދިފާޢީ ކޮމިޝަނަރު އެންޑްރިޔަސް ކުބުލިޔަސް ވަނީ ދެއްވާފައެވެ.
ޗައިނާ އާއި ރަޝިޔާއިން ގްރީންލޭންޑް އަތްދަށުމުގެ ކުރިން، އެތަން އެމެރިކާގެ ބާރުގެ ދަށަށް ގެންނަންޖެހޭ ވާހަކަތައް ޓްރަމްޕް އަނެއްކާވެސް ދައްކަވަން ފަށްޓަވާފައިމިވަނީ، އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯގެ ދެކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެ ޤައުމުގެ ހިންގުމާ އެމެރިކާއިން ޙަވާލުވާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ހަމަނުޖެހުމާއި ދެބަސްވުމަކަށް ނުގޮސް އެންމެ ފަސޭހައިން އެމެރިކާގެ ބާރުގެ ދަށަށް ގްރީންލޭންޑު ގެންދެވޭނީ ޑެންމާކުގެ އަތުން ގްރީންލޭންޑު ގަނެގެން ކަމަށް ޓަރަމްޕްގެ މުޝީރުން ވިދާޅުވެއެވެ. ނަމަވެސް ގްރީންލޭންޑުންވެސް ޑެންމާކުންވެސް އެ ކަމަށް ދެކޮޅު ހަަދައެވެ. ގްރީންލޭންޑަކީ ވިއްކާ ސަރަޙައްދެއް ނޫން ކަމަށް ގްރީންލޭންޑުންވެސް ޑެންމާކުންވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.